އުތުރު ކޮރެއާގައި އޮންނަ އާދަޔާހިލާފު ގަވާއިދުތަކުގެ ސަބަބުން ދެ ދަރިންގެ މަންމައަކު ޖަލަށް ދާން ޖެހިއްޖެ އެވެ. ބޭރުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ އަންހެންމީހާގެ ކުށަކީ ގޭގައި ރޯވި އަލިފާނުން އޭނާގެ ދެ ދަރިން ސަލާމަތް ކުރުމެވެ. މިއީ އޭނާގެ ކުށަކަށް ވީ އެ ގޭގައި ހުރި ނޯތު ކޮރެއާގެ ވެރިންގެ އާއިލީ ޕޯޓްރެއިޓްތައް ސަލާމަތް ކުރަން ނޫޅެ ދަރިން ސަލާމަތް ކުރުމެވެ.
އުތުރު ކޮރެއާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީން މިހާރު ދަނީ މި އަންހެންމީހާ ކުރި ކަންތައް ތަހުގީގު ކުރަމުންނެވެ.
ޗައިނާގެ ބޯޑަރު ކައިރީގައި އޮތް ނޯތު ހެމްގޮންގް ޕްރޮވިންސްގެ އޮންސޮންގް ކައުންޓީގައި ހުރި ގެއެއްގައި އަލިފާން ރޯވިއިރު އެ ގޭގައި ދެ އާއިލާއެއްގެ ދިރިއުޅުނެވެ.
މި ގޭގައި ރޯވިއިރު ގޭގައި ތިބީ ދެ އާއިލާގެ ވެސް ކުދިންނެވެ. މައިންބަފައިން ވީ ކޮންމެވެސް ކަމަކު ގޭން ބޭރަށް ގޮހެވެ. ގޭގައި އަލިފާން ރޯވި ޚަބަރު ލިބިގެން އެމީހުން ދުވަމުން ގެއަށް އައެވެ. އަދި އަވަހަށް ކުދިން ސަލާމަތް ކުރުމުގެ މަސައްކަތް ފެށި އެވެ. މި މަސައްކަތުގައި އުޅެނިކޮށް ގޭގައި ބަހައްޓާފައި އެ ގައުމުގެ ވެރިންގެ ޕޯޓްރެއިޓްތަކުގެ ތެރެއިން އެއް ސެޓު ފޮޓޯ އަނދައިގެން ދިޔައީ އެވެ.
އުތުރު ކޮރެއާގެ ކުރީގެ ލީޑަރުން ކަމަށްވާ ކިމް އިލް-ސަންގް އާއި ކިމް ޖޮންގް އިލްގެ ޕެއިންޓިންގް ކޮންމެ ގެއެއްގައި ވެސް ފެންނަ ގޮތަށް ބެހެއްޓުމަކީ އެ ގައުމުގެ ރައްޔިތުންނަށް ވަރަށް ހަރުކަށިކޮށް އަމުރު ކޮށްފައި އޮންނަ ކަމެކެވެ. މިގޮތަށް ފޮޓޯ ބަހައްޓާފައި ހުރޭތޯ ބަލަން ދޭތެރެ ދޭތެރެއިން އިންސްޕެކްޓަރުން ވެސް ފޮނުވައިގެން ޗެކް ކޮށް ވެސް ހަދަ އެވެ.
މި ގަވާއިދު ބުނާ ގޮތުން ކިމްގެ އާއިލާގެ ހުރިހާ ޕޯޓްރެއިޓަކާ ދޭތެރޭ ވެސް އަމަލު ކުރަން ޖެހޭނީ ދިރިހުރި އިންސާނަކާ ދޭތެރޭ ކަންތައް ކުރާ ގޮތަށެވެ. އެ ފޮޓޯތައް ރަނގަޅަށް ބެލެހެއްޓުމުގައި އިހުމާލު ވެއްޖެނަމަ އެއީ ވަރަށް ބޮޑު ޖަރީމާ އެކެވެ.
ފޮޓޯތައް ސަލާމަތް ނުކޮށް ދަރިން ސަލާމަތްކުރި މީހާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ބަރު މަސައްކަތާއެކު ދިގު މުއްދަތަކަށް ޖަލަށް ލާނެ އެވެ. އަލިފާނުގެ ސަބަބުން ފިހި މި މީހާގެ ދަރިން މިވަގުތު ތިބީ ހޮސްޕިޓަލުގައި ނަމަވެސް އޭނާގެ ތަހުގީގު ކުރިޔަށް ދާތީ ދަރިން ދެކިލަން ހޮސްޕިޓަލަށް ދިއުމުގެ ފުރުސަތު ވެސް އޭނާއަކަށް ނުލިބެ އެވެ.
އަނެއްކޮޅުން ފެންބޮޑުވުން ނުވަތަ ހާދިސާއެއް ކުރިމަތިވުމުން އެހެން ހުރިހާ އެއްޗަކަށް ވުރެ އަވަހަށް ގޭގައި ހުންނަ ޕޯޓްރެއިޓްތައް ސަލާމަތްކުރާ މީހުންނަކީ އެ ގައުމުގައި ބަތަލުންގެ ދަރަޖަ ލިބޭ ބައެކެވެ. ޚާއްސަކޮށް އެ ފޮޓޯތައް ސަލާމަތްކުރަން އުޅެނިކޮށް މަރުވެއްޖެނަމަ ވަރަށް މަތީ ދަރަޖަ ލިބޭނެ އެވެ.