ސަލްމާން ހާން

ސަލްމާންގެ އާ ފިލްމަކީ "ކަބީ އީދު ކަބީ ދިވާލީ"

ސަލްމާން ޚާން އަލަށް ފަށާ ފިލްމެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ހުކުރު ދުވަހު ވަނީ އިއުލާން ކޮށްފަ އެވެ. ސަލްމާން ކުރި ޓުވީޓްގައިވާ ގޮތުން ފިލްމުގެ ނަމަކީ "ކަބީ އީދު ކަބީ ދިވާލީ" އެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި 2021 ގެ ކުޑަ އީދު ވެސް މިހާރު އޭނާ ވަނީ މި ފިލްމު ރިލީޒްޗކުރުމަށްޓަކައި ބުކް ކޮށްފަ އެވެ. މިއީ ސަލްމާންގެ ފޭނުންނަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަކަށް ވަނީ ވެފަ އެވެ. ނަމަވެސް މި ފިލްމަށް ދީފައިވާ ނަމާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ ސާޖިދު ނަދިއަދްވާލާ އެވެ. ޑައިރެކްޓަރަކީ ފަރްހާދް ސަމްޖީ އެވެ.

ސަލްމާން އާއި ސާޖިދު ގުޅިގެން އެންމެ ފަހުން އުފައްދާފައިވަނީ 2014 ގައި ރިލީޒްކުރި "ކިކް" އެވެ. މި ފިލްމަކީ ޑައިރެކްޓަރެއްގެ ގޮތުގައި ސާޖިދު އުފެއްދި ފުރަތަމަ ފިލްމު ވެސް މެއެވެ. ފިލްމު ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ހޯދި އެވެ.

ސަލްމާން ޚާންގެ ޓްވީޓް

ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ސާޖިދު އެންމެ ފަހުން އުފެއްދި "ހައުސްފުލް 4" ވަނީ 200 ކްރޯޑަށް ވުރެ މަތިން ހޯދާފަ އެވެ. މިހާރު ސާޖިދު ޕްރޮޑިއުސްކުރާ ފިލްމަކީ ޓައިގާ ޝްރޮފް އާއި ޝްރައްދާ ކަޕޫރުގެ "ބާޣީ 3" އެވެ. މި ފިލްމު މިއަހަރުގެ މާޗް މަހު ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ.

ސަލްމާންގެ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒް ކޮށްފައި ވަނީ "ދަބަންގް 3" އެވެ. މިފިލްމަށް އުންމީދުކުރި ވަރުގެ ކާމިޔާބެއް ލިބިފައެއް ނުވެ އެވެ. މިހާރު އޭނާ ކުޅެމުން ދަނީ ޕްރަބޫދޭވާ ޑައިރެކްޓްކުރާ "ރާދޭ" އެވެ. މި ފިލްމަކީ މިއަހަރު އަންނަ ކުޑަ އީދު ދުވަހު ރިލީޒް ކުރަން ތައްޔާރުކުރާ ފިލްމެކެވެ.