ކަންގަނާ

ކައިވެންޏާމެދު ކަންގަނާ ދެކޭގޮތް ބަދަލުކޮށްލީ ނިތޭޝް ތިވާރީ

ކައިވެންޏެއް ކުރުމާ މެދު ކަންގަނާ ރަނާވަތު ސީރިއަސްކޮށް ވިސްނަން މަޖްބޫރު ކުރުވީ ބޮލީވުޑް ފިލްމު ޑައިރެކްޓަރެކެވެ. ނަމަވެސް ކަންދިމާވި ގޮތުން އެ ޑައިރެކްޓަރަކީ ހުސް މީހެއް ނޫނެވެ. ކައިވެންޏެއް ކޮށްގެން އުޅޭ މީހެކެވެ.

ކައިވެންޏާ މެދު ކުރިން ދެކޭ ގޮތް ބަދަލުވެއްޖެ ކަމަށް ކަންގަނާ ބުނުމުން ގިނަ ބަޔަކު ހީކުރީ އޭނާ ހުވަފެނުން ދެކޭ ކަހަލަ ސިފަތަކެއް ހުރި މީހަކު ފެނުނީ ކަމަށެވެ. ނަމަވެސް ކަންތައް ވެގެން އުޅެނީ އެހެނެއް ނޫނެވެ. ކަންގަނާގެ ޚިޔާލު ބަދަލުވީ އޭނާގެ މިހާރު ރިލީޒްވާން ތައްޔާރުވެފައިވާ ފިލްމު "ޕަންގާ" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ޒާތީ ދިރިއުޅުން ހުރި ގޮތް ފެނިގެންނެވެ.

ކަންގަނާ ބުނި ގޮތުގައި އެއް ލެވެލް އެއްގެ މީހަކު ކައިވެނި ކުރަން ލިބިދާނެ ކަމަކަށް އޭނާ މީގެ ކުރިން ގަބޫލެއް ނުކުރެ އެވެ. ނަމަވެސް ޑައިރެކްޓަރު ނިތޭޝް އާއި އޭނާގެ އަންހެނުން އެކަކު އަނެކަކު ދެކެ ވާ ލޯތްބާއި އެމީހުންގެ ކައިވެނީގައި ހުރި އުފާވެރި ކަންތައްތައް ފެނިފައި ކައިވެންޏާ ދޭތެރޭ އޭނާ ދެކޭ ގޮތް ބަދަލުވެއްޖެ ކަމަށް ކަންގަނާ ބުންޏެވެ.

"އޭނާ ހިތާ ރޫހުން އޭނާގެ އަންހެނުންނަށް ސަޕޯޓްކުރޭ. އެ މަންޒަރު ފެނިފައި އަހަރެން ވެސް ކައިވެންޏެއް ކުރުމަށް އުންމީދު ކުރަން ފަށައިފިން،" ކަންގަނާ ބުންޏެވެ.

ކަންގަނާ އުންމީދުކުރާ ކަހަލަ ފިރިއެއްގެ ހުންނަން ޖެހޭ ސިފަތައް ވެސް އޭނާ ކިޔައިދިނެވެ.

"އެމީހަކު ވާން ޖެހޭނީ އަހަންނަށް ވުރެ ވިސްނުންތޫނު، ރީތި، އަދި އަހަންނަށް ވުރެ ހުނަރުވެރި މީހަކަށް. އަދި ވަރަށް ރޮމެންޓިކް ވެސް ވާން ޖެހޭނެ،" ކަންގަނާ ބުންޏެވެ.

ކަންގަނާ ބުނި ގޮތުގައި އޭނާ އަބަދުވެސް އުޅެނީ ކޮންމެވެސް މީހަކު ދެކެ ލޯބި ވެގެންނެވެ. މީހަކު ދެކެ ލޯބިވެގެން ނޫޅޭ އިރެއް އޭނާ ހަނދާނަކު ނެތެވެ. ނަމަވެސް ހުރިހާ ފަހަރަކުވެސް ކުރެވުނު ތަޖުރިބާ ހިތިކަމުން ކޮންމެ ފަހަރަކުވެސް އަވަހަށް އެމީހަކު މަތިން ހަނދާން ނައްތާލާފައި ކުރިޔަށް ދަނީ އެވެ.