އެމެރިކާ އިން ދޭ ފޮރިން ސާވިސް ނެޝަނަލް އެވޯޑު ދިވެއްސަކަށް ދީފި އެވެ.
އެމެރިކާ ސަރުކާރާއި ސައުތު އަދި ސެންޓްރަލް އޭޝިއާގެ ގައުމުތަކުގެ ގުޅުން ވަރުގަދަ ކުރުމަށް އުފައްދާފައިވާ، ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާސް (އެސްސީއޭ) އިން ދޭ ފޮރިން ސާވިސް ނެޝަނަލް އެވޯޑު ލިބިފައިވާ ހަތް މީހުންގެ ތެރޭގައި ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގައި މަސައްކަތް ކުރާ ޝައުފާ ސައީދު ހިމެނެ އެވެ.
ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީއަކީ ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ އެމްބަސީ އެވެ.
އެސްސީއޭ އިން ކުރި ޓުވީޓެއްގައި ބުނީ ޝައުފާގެ ރިޕޯޓު ކުރުންތަކާއި ބަހުގެ ހުނަރުގެ ސަބަބުން ރާއްޖެއާއި އެމެރިކާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެފައިވާ ކަމަށެވެ. އަދި އެ އެވޯޑާއެކު ޝައުފާގެ މަސައްކަތްތައް ބަލައިގެންފައިވާ ކަމަށާއި އެ ޓީމުގައި ޝައުފާ ހިމެނޭތީ އުފާ ކުރާ ކަމަށް ވެސް އެ އެޖަންސީ އިން ބުންޏެވެ.