ވަރަށް މަދުން ނޫނީ ދިމާނުވާ އަދި ކާމިޔާބު އޮޕަރޭޝަނަކަށްފަހު އެއް އަހަރުގެ ކުއްޖެއްގެ ލިވާ ޓްރާންސްޕްލާންޓެއް ޑޮކްޓަރުން ހަދައިފި އެވެ. ސައޫދީ އަރަބިޔާގެ ހޫރް ނަމަކަށް ކިޔާ މި އަންހެންކުއްޖާގެ ސާޖަރީ ހަދާފައިވަނީ އިންޑިއާގެ ގުރުގުރާމްގެ އާރްޓޭމިސް ހޮސްޕިޓަލުގަ އެވެ.
މި ޓްރާންސްޕްލާންޓް ޚާއްސަވާ އެންމެ މުހިއްމު ސަބަބަކީ މި ސާޖަރީ ހެދީ ގެރިއެއްގެ ޖަގިއުލާ ވެއިން އަކުން އާ ލިވާ އަށް ލޭ ފޮނުވައިދީގެން ކަމަށް ވާތީ އެވެ. ޖަގިއުލާ ވެއިން އަކީ އޮކްސިޖަން ހުސްކޮށްފައިވާ ލޭ ބޮލުން އަނބުރާ ހިތަށް ފޮނުވާލުމުގެ ޒިންމާ ނަގާ މައި ލޭ ހޮޅި އެވެ.
މި ސާޖަރީއަށް ފަހު ހޫރުގެ ބައްޕަ ބުނީ ޑޮކްޓަރުންނާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ ޚިދުމަތާއި ނެރެދިން ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ހޫރްގެ ސާޖަރީ ހެދި ޑޮކްޓަރުން ބުނެފައިވަނީ މިގޮތަށް ޓްރާންސްޕްލާންޓް ހަދަނީ ވަރަށް މަދު ހާލަތެއްގައި ކަމަށެވެ.
އާރްޓޭމިސް ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓަކު އިންޑީއާގެ ނޫހަކަށް ވިދާޅުވެފައިވާ ގޮތުގައި ހޫރު އެ ހޮސްޕިޓަލަށް ގެނައިރު އޭނާ ވަރަށް ބައްޔެވެ. ލިވާ މައްސަލަ ޖެހިފައިވާތީ އެވެ. އޭރު އޭނާގެ ބަރުދަނުގައި ވެސް ހުރީ އެންމެ ފަސް ކިލޯ އެވެ. އޭރުވެސް ހޫރުގެ ސާޖަރީއެއް ސައޫދީގައި ވަނީ ހަދާފަ އެވެ. ނަމަވެސް އެ އޮޕަރޭޝަން ކާމިޔާބު ނުވުމުން އެ ހޮސްޕިޓަލަށް ދިއުމަށް ޑޮކްޓަރުން ލަފާ ދިނުމުން ހޫރްގެ މައިންބަފައިން އޭނާ ގޮވައިގެން މި ހޮސްޕިޓަލަށް އައީ އެވެ.
އޭނާ ބުނި ގޮތުގައި މިގޮތަށް ޓްރާންސްޕްލާންޓް ހަދަން ޖެހެނީ މަރުވާ މީހުންގެ ލޭ ހޮޅިތައް ހަދިޔާ ކުރެވޭނެ ގޮތެއް އިންޑިއާގައި ހަމަޖެހިފައި ނެތީމަ އެވެ. ހޫރުގެ ލޭ ހޮޅިތައް ވަރަށް ހިމަ ކަމަށާއި މަރުވާ މީހެއްގެ ލޭ ހޮޅިއެއް އިންޑިއާ އިން ލިބެން ނެތީމަ ގެރިއެއްގެ ލޭ ހޮޅިއެއް ބޭނުންކުރަން ޖެހުނީ ކަމަށް ޑޮކްޓަރު ބުންޏެވެ. އަދި މިކަން ކުރީ ކުއްޖާގެ މައިންބަފައިންގެ ހުއްދަ ހޯދައިގެން ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ.
ޑޮކްޓަރުން ބުނި ގޮތުގައި މިއީ ދިއްލީގައި ހުންނަ މި ހޮސްޕިޓަލުގައި މި ވަރު ކުޑަ ކުއްޖެއްގެ މި ކަހަލަ ޓްރާންސްޕްލާންޓެއް ހެދި ފުރަތަމަ ފަހަރެވެ.
"މިއީ ވަރަށް ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ މައްސަލައެއް. އަދި މިއީ އާ ލިވާ އަށް ލޭ ފޮނުވައިދިނުމަށް ގެރިއެއްގެ ލޭ ހޮޅިއެއްގެ ބޭނުންކޮށް މުޅި ދުނިޔޭގައި ވެސް ހެދި ފުރަތަމަ ޓްރާންސްޕްލާންޓް."
އެ ހޮސްޕިޓަލުން ބުނި ގޮތުގައި މި ކުއްޖާގެ ބޭނުންކުރި ލޭ ހޮޅިއަކީ ބޭރު ގައުމަކުން ގެނެސްފައިވާ އެއްޗެކެވެ.
"މި ޓްރާންސްޕްލާންޓްގައި ބޭނުންކުރީ ލިވާގެ އަށްބައިކުޅަ އެއްބައި. އަދި ކުއްޖާގެ ލޭ ހޮޅީގެ ބަދަލުގައި ގެރިއެއްގެ ލޭ ހޮޅި ބޭނުންކުރުން މިއީ ވަރަށް މަދުންކުރާ ކަމެއް،" މި ސާޖަރީގައި އިސްކޮށް މަސައްކަތް ކުރެއްވި ޑޮކްޓަރު ވިދާޅުވި އެވެ.