ކުޅިވަރު

ޑީއެސްސީ، ޖޭޖެ މެޗުން ދެވަނަ ޑިވިޝަން، ބުދަދުވަހު

ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި މިދިޔަ ސީޒަންގެ ރަނަރަފް ޖޭޖޭ ސްޕޯޓްސް ކުލަބުގެ މެޗުން، މި ސީޒަންގެ ދެ ވަނަ ޑިވިޝަން މުބާރާތް ބުދަ ދުވަހު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނުވަ ޓީމު ވާދަ ކުރެ އެވެ. އެއީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމު ވެސް ހިމަނައިގެންނެވެ. މިދިޔަ ސީޒަންގެ ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެން ދެ ވަނަ ޑިވިޝަނަށް ކޮލިފައިވި ރޮކް ސްޓްރީޓާއި ޒެފްރޯލް މިފަހަރުގެ މުބަރާތުގައި ވާދަ ނުކުރެ އެވެ.

މުބާރާތް ވަނީ ދެ ގުރޫޕަކަށް ބަހާލާފަ އެވެ. ގުރޫޕް އެކެއްގައި ޑީއެސްސީ އާއި ޖޭޖޭގެ އިތުރުން ދެން ހިމެނެނީ، ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރި މަހިބަދޫ ސްޕޯޓްސް ކުލަބާއި މިދިޔަ ސީޒަންގެ ތިން ވަނަ ޑިވިޝަންގެ ރަނަރަފް ސްޕަ ޔުނައިޓަޑްގެ އިތުރުން 19 އަހަރުން ދަށުގެ ގައުމީ ޓީމެވެ.

ގުރޫޕް ދޭ ގައި ހިމެނެނީ ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވެލެންސިއާ، އަދި ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރި ބީޖީ ސްޕޯޓްސް ކުލަބާއި ކުޑަ ހެންވޭރު ޔުނައިޓަޑްގެ އިތުރުން ކުލަބު ޕީކޭ އެވެ.

ބުދަ ދުވަހު ހަވީރު ޑީއެސްސީ އާއި ޖޭޖޭގެ މެޗަށް ފަހު އެރޭ ބައްދަލު ކުރާނީ އެ ގުރޫޕްގައި ހިމެނޭ މަހިބަދޫ އާއި ސްޕަ ޔުނައިޓދޑެވެ. ގުރޫޕް ދޭ ގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު ހަވީރު ވެލެންސިއާ ނުކުންނާނީ ކުލަބު ޕީކޭ އާ ދެކޮޅަށެވެ. މި ފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުރިއަށް ދާނީ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމު މުބާރާތުގައ ވާދަ ކުރުވަން އެފްއޭއެމުން ނިންމީ އެ ޓީމަށް އެކުގައި ބާއްވައި ވާދަ ވެރި މެޗުތައް ކުޅުމުގެ ފުރުސަތު ދިނުމެވެ. މިދިޔަ އޮކްޓޯބަރު މަހު އެފްއޭއެމުން ރައީސް ބައްސާމް އަދީލް ޖަލީލް އިއުލާން ކޮށްފައި ވަނީ 19 އަހަރުން ދަށުގެ ޓީމު ދެ ވަނަ ޑިވިޝަންގައި ވާދަ ކުރުވައި 16 އަހަރުން ދަށުގެ ޓީމު ތިން ވަނަ ޑިވިޝަންގައި ވާދަ ކުރުވުމަށެވެ. އަދި އެ ދެ މުބާރާތުގެ ޗެމްޕިއަންކަން އެ ދެ ޓީމު ހޯދި ނަމަވެސް މަތީ ޑިވިޝަނަށް ޕްރަމޯޓް ނުވާނެ އެވެ.

"މައިގަނޑު ފޯކަސްއަކީ ޓީމުތައް އެކުގައި އަބަދުވެސް ފަރިތަކުރާނެ ބަޔަކަށް ވުން، ވަރުގަދަ މެޗުތަކެއް ކުޅޭނެ ބަޔަކަށް ވުން." 19 އަހަރުން ދަށުގެ ގައުމީ ޓީމާއި 16 އަހަރުން ދަށުގެ ޓީމު، ދެ ޑިވިޝަންގައި ބައިވެރި ކުރާނެ ކަމަށް އިއުލާން ކުރަމުން ބައްސާމް ވިދާޅުވެފައި ވެއެވެ.

ދެ ވަނަ ޑިވިޝަން މުބާރާތަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން 19 އަހަރުން ދަށުގެ ޓީމުން ވަނީ ކުޅުންތެރިން ހޯދަން ޓްރަޔަލްއެއް ވެސް ބާއްވާފަ އެވެ.