ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މި ސަރުކާރުން ކެމްޕޭން ކުރުމުގެ ގޮތުން ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މި ސަރުކާރަކީ ނުފުއްދޭ ވައުދުތައް ވަމުންދާ ސަރުކާރެއް ކަން ވޭތުވެ ދިޔަ ދުވަސްތަކުގައި ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. ކައުންސިލް އިންތިހާބާ ދިމާކޮށް ވެސް ނުފުއްދޭ ވައުދުތައް ވަމުންދާ ކަމަށާއި އެ ދަޅަތައް އެއްވެސް މީހަކު ގަބޫލު ކުރުމަށެވެ.
ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ބައެއް ދަތުރުފުޅުތަކުގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކޮށް އޮޅުވާލަން ކުރާ މަސައްކަތް ހުއްޓާލަން ވެސް ގޮވާލާފައިވެ އެވެ.
ސަރުކާރުން ކެމްޕޭނަށް ކުރާ ދަތުރުތަކުގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާ ކަމުގެ ތުހުމަތު ކޮށްފައިވާއިރު، އަންނަ އާދީއްތަ ދުވަހު މަޖިލީހުގެ ރައީސް ނަޝީދާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ މަހާސިންތާއަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މަހާސިންތާ އޮތީ ދާދި ފަހުން ސިޓީގެ ދަރަޖަ ދިން ހދ. ކުޅުދުއްފުށީގަ އެވެ.
މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ދަތުރުފުޅުތަކަކާ ގުޅިގެން ދައުލަތުގެ ބައެއް ވަސީލަތްތަކާއި ރިޔާސީ ލޯންޗުކޮޅު ބޭނުން ކުރެއްވި ކަމުގެ ތުހުމަތު ކުރި އެވެ. އަދި މަޖިލީހުގެ ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުތަކުގައި މަޖިލީހުގެ ވަސީލަތްތައް ބޭނުން ކުރެއްވި ކަމުގެ ތުހުމަތު ވެސް ކުރި އެވެ.
އެކަމަކު ރައީސް އޮފީހުންނާއި އެމްޑީޕީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދު ކެމްޕޭންތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ހުރިހާ އިންތިޒާމުތަކާއި ހަރަދުތައް ހަމަޖައްސަނީ އެމްޑީޕީންނެވެ.
ރައީސް ސޯލިހާއި ނަޝީދުގެ ބައެއް އަމިއްލަފުޅު ދަތުރުފުޅުތަކުގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރި ކަމުގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް މައްސަލަތަކެއް ހުށަހެޅި އެވެ. އޭސީސީން އެ މައްސަލަތައް ބަލާ ކަމަށް ކުރިން ބުންޏެވެ. ފަހުން މައުލޫމާތު ހާމައެއް ނުކުރެ އެވެ.