ކުޅިވަރު

އޭދަފުށީގެ ކޯޗަކަށް ސާންތީ

ބ. އޭދަފުއްޓަށް ނިސްބަތްވާ ކުލަބު އޭދަފުށީގެ ކޯޗަކަށް އެފްއޭއެމްގެ ކުރިގެ ޓެކްނިކަލް ޑައިރެކްޓަރު އިހްސާން އަބްދުލް ގަނީ (ސާންތީ) ހަމަޖައްސައިފި އެވެ.

އޭދަފުށީގެ ކޯޗްގެ މަގާމަކީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުން ސާންތީ އިސްތިއުފާ ދިނުމަށް ފަހު ފުޓްބޯޅައިގައި އޭނާ ކުރާ ފުރަތަމަ މަސައްކަތެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުން ސާންތީ އިސްތިއުފާ ދިނީ ސެޕްޓެމްބަރު މަހު އެވެ. އޭނާ އަމިއްލައަށް މަގާމުން އިސްތިއުފާ ދިނީ އޭނާ ވަކި ކޮށްދިނުމަށް އެދި ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅި ހިސާބުންނެވެ.

ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ކާމިޔާބު ކުރިއިރު، ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކުރިން ކުރި ސާންތީ އެފްއޭއެމްގައި އަލުން މަސައްކަތް ކުރަން ފެށީ 2017 ވަނަ އަހަރު އެވެ. އެ އަހަރުގެ މާލޭ ލީގްގެ ގަދަ ހަތަރެއްގެ ތެރެއަށް އީގަލްސް ގެންގޮސް ނުދެވުމުން ކުލަބުން އިސްތިއުފާ ދިނެވެ.

އެއަށްފަހު އޭނާ ހަވާލުވީ 19 އަހަރުން ދަށުގެ ގައުމީ ޓީމާއެވެ. ފަހުން ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރުމަށް ފަހު ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމާ ހަވާލުވީ އެ މަގާމުގައި ހުރި ތުރުކީގެ ކޭން ވަންލީ މަގާމުން ދުރަށް ޖެހުމުންނެވެ.

އޭދަފުށީގެ މަގަމަކީ ސިފައިންގެ ކުލަބު ޑީއެސްސީގެ ކޯޗްކަން ވެސް ކުރި ސާންތީ، ރާއްޖެތެރޭ ރަށެއްގެ ކޯޗްގެ ގޮތުގައިކުރާ ފުރަތަމަ މަސައްކަތެވެ. އޭނާގެ ކޯޗްކަމުގެ ދަށުން މުޅި ރާއްޖެއަށް ހުޅުވާލާ ޖަޒީރާ ޗެމްޕިއަންޝިޕްގައި އޭދަފުށި ވާދަ ކުރާނެ އެވެ. ޖަޒީރާ ޗެމްޕިއަންޝިޕަކީ ކުރިން ބޭއްވި މިނިވަންޗެމްޕިއަންޝިޕް ރީ ބްރޭންޑް ކުރުމަށް ފަހު ބާއްވާ މުބާރާތެވެ.

އޭދަފުށި ނިސްބަތްވާ އޭދަފުށީ ޓައިމްސްއިން ބުނެފައި ވަނީ ސާންތީ އާއެކު ސޮއި ކުރި އެއް އަހަރު ދުވަހަށެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުލަބުގެ ކޯޗްކަން ކުރުމުގެ އިތުރަށް ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަސައްކަތް ވެސް ސާންތީ ކުރާނެ ކަމަށް އެ ނޫހުން ބުނެ އެވެ.