ހަބަރު

ޕާކިން މައްސަލައަށް ހައްލެއް ހޯދަން މަޝްވަރާ ކުރަނީ

Jan 11, 2020
1

މާލޭގައި ޕާކު ކުރަން ހުރި އުނދަގޫތަކާއި ގަވައިދާ ހިލާފަށް ޕާކު ކުރުމުން ދިމާވާ ދަތިތަކާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހާ މައްސަލާގައި ފުލުހުންނާއި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ އެންމެނަށް ސަލާމަތްތެރި އަދި ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި މަގުތައް ހެދުމަށް ފުލުހުން 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފުލުހުންގެ އެދުމަކީ މަގުމަތި ބޭނުން ކުރާ ހުރިހާ ފަރާތްތައް ވެސް ގަވައިދުތަކަށް ހުރުމަތްތެރިކޮަށް ހިތުން ކަމަށެވެ.

މާލޭގެ މަގުތަކުގައި ޕާކު ކުރުމަށްހުރި ދަތިތަކާއި، ގަވާއިދާ ހިލާފަށް ޕާކު ކުރުމުން މަގުމަތި ބޭނުންކުރައްވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އެކަމުގެ ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ސްކޫލްތައް ހުޅުވުމުން މާލޭގެ ޓްރެފިކަށް އަންނާނެ ބަދަލުތަކާ އެއްގޮތަށް ފުލުހުންގެ މަސައްކަތް ތަކަށް ވެސް ބަދަލު އަންނާނެ ކަމަށާއި ހާއްސަކޮށް ސްކޫލްތައް ހިމެނޭ ސަރަހައްދު ތަކުގައި ފުލުހުންގެ ދައުރު ފުޅާ ކުރާނެ ކަމަށެވެ.

ސްޓިކާ ޖެހުމުގެ މައްސަލަ ހޫނުވެފައިވާއިރު ކޮމިޝަނާ އޮފް ޕޮލިސް އިއްޔެ ހާމަ ކުރި ހިސާބުތަކުގައި ދައްކާ ގޮތުގައި މިދިޔަ އަހަރު 36،963 އުޅަނދުގައި ސްޓިކާ ޖަހާ ޖޫރިމަނާ ކުރި އެވެ.