އިދިކޮޅު ފަރާތްތައް

ކައުންސިލްތައް އެމްޑީޕީއަށް ދީފިނަމަ ރާއްޖެއެއް ނޯންނާނެ: އިދިކޮޅު

ކުރިއަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކައުންސިލްތަކުގެ އަގުލަބިއްޔަތާއެކު ހުރިހާ ބާރުތަކެއް ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީއަށް ދީފިނަމަ ރާއްޖެއެއް ނޯންނާނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ބުނެފި އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕެއިނާ ގުޅޭ ގޮތުނ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ގައުމުގެ ކުރިމަގަށްޓަކައި ޕީޕީއެމްއަށް ކައުންސިލްތަކުގެ އަގުލަބިއްޔަތު ދިނުން ނޫން ގޮތެއް މިހާރު ނެތް ކަމަށެވެ.

މިހާރު އޮތީ އެމްޑީޕީގެ ސަރުކާރަކަށްވާއިރު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ދިނުމުން ކަން ހިނގަމުންދާ ގޮތް ވެސް ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް ކަމަށް އަދުރޭ ވިދާޅުވި އެވެ. ރާއްޖޭގައި ކަންކަން ނިންމުމުގައި ދިވެހި ރައްޔިތުންގެ ބާރެއް ނެތް ކަމަށާއި ސަރުކާރު އޮތީ ވަކި ގައުމެއްގެ ދަށުވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކި ބަޔަކު ހުއްދަ ދީގެން މެނުވީ އަޅުގަނޑުމެންގެ އެތެރެވަރިއަށް ބަޔަކަށް ވަދެވޭކަށް ނެތް. ވަކި ބަޔަކު ހުއްދަ ދީގެން ނޫނީ މި ތަނުގައި ޓްރެއިން ޕްރޮގްރާމެއް ވެސް ހިންގޭކަށް ނެތް. ވަކި ބަޔަކު ހުއްދަ ދީގެން ނޫނީ ޓީޗަރުން ގެނެވޭކަށް ނެތް. ހުއްދަ ދީގެން ނޫނީ މި ތަނުގައި ވިޔަފާރިއެއް ކުރެވޭކަށް ނެތް." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ކައުންސިލްތަކުގެ އަގުލަބިއްޔަތު ވެސް އެމްޑީޕީއަށް ލިބިއްޖެނަމަ ހުރިހާ ބާރެއް އެ ޕާޓީއަށް ލިބިގެންދާނެ ކަމަށާއި އޭގެ ސަބަބުން ސަރުކާރުން ޒިންމާދާރު ކުރުމުގެ މަސައްކަތައް ދަތިވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ހިސާބުން ދިވެހިންނަށް ރާއްޖެއެއް ވެސް ނޯންނާނެ ކަމަށެވެ.

"ކައުންސިލްތަކުގެ އަގުލަބިއްޔަތު ވެސް އެމްޑީޕީއަށް ދީފިނަމަ [ދިވެހިންގެ] ރާއްޖެއެއް ނޫން މިއީއެއް. އެއީ ޕީޕީއެމްއަށް ވޯޓު ދޭން ޖެހޭ ސަބަބު. ދިވެހިންގެ ރާއްޖެއެއްގެ ގޮތުގައި ބާއްވަން ބޭނުންވާނަމަ އެބަ ޖެހޭ ލޯކަލް ކައުންސިލް އިންތިހާބު ޕީޕީއެމް އިން ކާމިޔާބު ކުރަން. އެމްޑީޕީއަށް ހުރިހާ ބާރެއް ދިނީމަ ދިވެހިރާއްޖޭގައި ދިވެހިންގެ ބާރެއް ނޯންނާނެ." އަދުރޭ ވިދާޅިވި އެވެ.

އިދިކޮޅު ކޯލިޝަނުން ކުރާ ކެމްޕޭންގެ ބައެއް ތަފުސީލުތައް ވެސް އަދުރޭ ވިދާޅުވި އެވެ. އެގޮތުން ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ޓީމުތަކަށް ބެހިގެން އަންނަ ހޯމަ ދުވަހުން ފެށިގެން އަތޮޅުތަކަށް ދަތުރު ކުރަން ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން އަންނަ ހޯމަ ދުވަހު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއާއި މާވަށު ދާއިރާގެ މެންބަރު މުހައްްމަދު ސައީދު ހއ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް ހަމަ އެ ދުވަހު ށ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ހަމަ އެ ދުވަހު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރާއި ޕީއެންސީގެ ނައިބު ރައީސް ހުސައިން މުހައްމަދު ޝަރީފު ބ. އަތޮޅަށް ވެސް ވަޑައިގަންނަވާނެ އެވެ.

"މި އިން ކޮންމެ ބޭފުޅަކާ ވެސް އެކީގައި އަތޮޅުގައި އިސްކޮށް އުޅޭ ކޯލީޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ. އަދި އެ އަތޮޅެއްގައި ހިމެނޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާނެ." އަދުރޭ ވިދާޅުވި އެވެ.