ކުޅިވަރު

އިބްރޮހިމޮވިޗް ލަނޑު ޖަހައި މިލާން މޮޅުކޮށް ދީފި

ދެ ވަނަ ފަހަރަށް އޭސީ މިލާނަށް ބަދަލުވެ ފުރަތަމަ 11 ގައި ކުޅުނު ފުރަތަމަ މެޗުގައި ކަލިއަރީ ކޮޅަށް ޒްލަޓާން އިބްރޮހިމޮވިޗް ލަނޑު ޖަހައި އޭސީ މިލާން މޮޅު ކޮށްދީފި އެވެ.

ކަލިއަރީގެ މައްޗަށް 2-0 ން މިލާން ހޯދި މޮޅަކީ މިދިޔަ ހަތަރު މެޗުގެ ތެރެއިން އެ ޓީމު މޮޅުވި ހަމައެކަނި މެޗެވެ. މެޗުގެ 64 ވަނަ މިނެޓްގައި އިބްރޮހިމޮވިޗް ލަނޑު ޖެހީ ތިއޯ ހެނާންޑޭޒް ތަނަވަސް ކޮށްދިން ބޯޅަ އަކުންނެވެ. ތިއޯ ހެނާންޑޭޒް ބޯޅަ ނަގައިދިނީ އޭރިއާ ތެރޭގައި އިބްރަހިމޮވިޗް ހުރުމުންނެވެ. ކަލިއަރީގެ ޑިފެންޑަރުން އޭރިއާ ތެރޭގައި ތިއްބައި އޭނާ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. އޭގެ ކުރިން މެޗުގެ 46 ވަނަ މިނެޓްގައި ރަފޭލް ލެއޯ ވަނީ މިލާންގެ ފުރަތަމަ ލަނޑު ޖަހާފަ އެވެ.

"ސްޓައިކަރަކަށް ވެއްޖެއްޔާ ވަރަށް މުހިންމު ކަމެއް އެއީ ލަނޑު ޖެހުން،" މެޗަށް ފަހު ވާހަކަ ދައްކަމުން އިބްރޮހިމޮވިޗް ބުންޏެވެ. "ބައެއް ފަހަރު ބޯޅާ ގޯލްގެ ތެރެއަށް ވަންނަ ފަހަރު އަންނާނެ، އަނެއްބައި ފަހަރު ބޯޅަ ނުވަންނަ ފަހަރު އަންނާނެ."

އެމެރިކާގެ އެލްއޭ ގެލެކްސީއަށް ކުޅުމަށް ފަހު އެ ޓީމުގެ ކޮންޓްރެކްޓް ހަމަވުމުން އިބްރޮހިމޮވިޗް، މިލާން އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. މިލާނަށް އަލުން ބަދަލުވެ އޭނާ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހޯމަ ދުވަހު ނުކުތީ ސަމްޕްޑޯރިއާ ދެކޮޅަށެވެ. ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި އޭނާ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.