އައިޖީއެމްއެޗް

ހިމަބިއްސަށް ޝައްކުކުރެވޭ މީހުންނަށް އައިޖީއެމްއެޗްގައި ހާއްސަ އިންތިޒާމްތަކެއް

ހުމާ އެކު ފެންނުލާ ހުންނަ ބިހި ނަގައިގެން ފަރުވާ ހޯދުމަށް އަންނަ ބަލި މީހުންނަށް ހާއްސަ އިންތިޒާމް ތަކެއް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ހަމަޖައްސައިފި އެވެ.

ރާއްޖެއިން ހިމަބިހި (މީސްލްސް) ފެނި، ކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

އުމުރުން ތިން އަހަރުގެ އެ ކުއްޖާއަށް މީސްލްސް ވެކްސިންގެ ދެ ޑޯޒް ދީފައިނުވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެއީ އުމުރުން ނުވަ މަހާއި 18 މަހުގައި ދޭންޖެހޭ ދެ ޑޯޒެވެ. އެ ކުއްޖާގެ ހާލަތު ރަނގަޅު ކަމަށާ ބަލި ފެތުރޭ މުއްދަތު މިހާރު ފަހަނައަޅާފައިވާތީ އެ ކުއްޖާ ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.

އައިޖީއެން ހޮސްޕިޓަލުން ބުނީ ހުމާ އެކު ފެންނުލާ ހުންނަ ބިހި ނަގައިގެން ފަރުވާ ހޯދުމަށް އަންނަ ބަލި މީހުންނަށް ހާއްސަ އިންތިޒާމް ތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެފަދަ މީހުން އެމާޖެންސީ ޓްރައޭޖްގައި ހުރި ނަރުހަކަށް އަންގާލުމުން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

"ހުމާ އެކު ފެންނުލާ ހުންނަ ބިހި ނަގައިގެން ފަރުވާ ހޯދުމަށް އައިޖީއެމްއެޗް އަށް އަންނަ ބަލިމީހެއްނަމަ, އެމަޖެންސީ ޓްރައޭޖްގައި ހުރި ނަރުހަކަށް ވީހާވެސް އަވަހަކަށް އަންގާލަދެއްވުން އެދެން،" އައިޖީއެމް ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓެއްގައިވެ އެވެ.

ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ ދެ ޑޯޒް ހަމަކޮށްފައި ހުރުމެވެ. ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައި ހުންނަނެ އެވެ. އަދި އެތަނަށް އަންނަ އެހެން މީހުން ގަޔަށް އެ ބަލި އެރުމުގެ ފުރުސަތު އޮވެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު 134،000 މީހުން މަރުވާ މީސުލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ ސެޕްޓެންބަރު 7، 2017 ގައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވަނީ ޖޫން 2017 ގައެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެ ބަލި ރާއްޖޭގައި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށްއެބަލި ޖެހިފައި ނުވާތީ އެވެ.

ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ.

މީސަލްސްގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.