ޝޯން ޕޯލަށް މަރުގެ އިންޒާރު ދިނުމުން އާ އަހަރުގެ ޝޯގައި މި އޮތީ ވަރުގަދަ ފޯރިގަނޑެއް ހިފައިފަ އެވެ. އެންމެން އެކަތިގަނޑަކަށްވެ، ހައްދުފަހަނެޅުމާ ދެކޮޅަށް ނުކުމެފައިވާއިރު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބާއްވާ ޓޫރިސްޓް އެރައިވަލް ކައުންޓް ޑައުންގެ ދެ ވަނަ އެޑިޝަނަށް ވެސް މި ވަނީ މަޝްހޫރު އާ މޫނުތަކެއް އިތުރުވެ ފޯރިގަދަވެފަ އެވެ.
އެމެރިކާގެ މަޝްހޫރު އާރްއެންބީ/ހިޕްހޮޕް ފަންނާނު، އޭކަން މި ޝޯގައި ޕާފޯމްކުރަން ޔަގީންކަން ދީފައިވާއިރު ދެން މި ޝޯއާ އެކު އޮތް އެންމެ ބޮޑު ސަޕްރައިޒަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ، ޕްރިޔާންކާ ޗޯޕްރާ އެވެ.
ބޮލީވުޑް ސްޓައިލްގެ "އައިޓެމް ނަމްބަރެއް" ނުވަތަ ޑާންސެއް ކުރިއަށް އޮތް ޝޯއަށް އެޖެންޑާކޮށްފައިވާއިރު މި ނަމްބަރު ފުރިހަމަކުރާނެ ކަމަށް ބެލެވެނީ ޕްރިޔާންކާ އެވެ. ޝޯ އަށް ޕްރިޔާންކާ ގެންނަން މަސައްކަތްކުރަމުންދާކަން "އަވަސް" އަށް ވެސް ވަނީ އިތުބާރުހުރި ގޮތަކަށް ކަށަވަރުވެފަ އެވެ.
މިސް ވޯލްޑްގެ ތާޖާ އެކު ބޮލީވުޑަށް ވަން ޕްރިޔާންކާ އަކީ މިހާރު މިއުޒިކްގެ ދުނިޔޭގައި ވެސް މަޝްހޫރުކަން ހޯދާފައިވާ ނަމެކެވެ.
އަދި ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނުވަތަ "ގަންގްނަމް ސްޓައިލް" އިން ޔޫޓިއުބު ފަތަހަކުރި ސައި އާއި އެމެރިކާގެ އެލްއެމްއެފްއޭއޯ ވެސް މި ޝޯގައި ބައިވެރިވާ ކަމަށް ދެކެވޭ ވާހަކަތައް ޝޯގެ ރަސްމީ ފަރާތްތަކުން ވަނީ ދޮގުކޮށްފަ އެވެ. އެ ފަރާތުން ބުނެފައި ވަނީ ސައި އާއި އެލްއެމްއެފްއޭއޯގެ ބައިވެރިވުމެއް ނުފެންނާނެ ކަމަށެވެ.
ކޮންމެގޮތެއް ވިޔަސް ކުރިއަށް އޮތް ޝޯ ވެގެންދާނީ އާ އަހަރު ފެށުމަށް ބޭއްވި ޝޯއަށް ވުރެ ކުލަގަދަ އަދި ފޯރިގަދަ އެއްވުމަކަށްކަން ޔަގީނެވެ.
އެ ޝޯގެ މައްސަލަ ބޮޑަށް ހޫނުވެގެން ދިޔައީ ޝޯން ޕޯލް ގެންނަން ހަމަޖެހިފައި ވަނިކޮށް އޭނާ އަށް މަރުގެ އިންޒާރު ދީ ބަޔަކު މީހުން އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ޝޯން ޕޯލް ވަނީ އޭނާގެ ކޮންސެޓް ކެންސަލްކޮށްފަ އެވެ.
އޭނާގެ ބަދަލުގައި އެންމެފަހުން ގަލޮޅު ސްޓޭޑިއަމް ގުގުމާލަ ދިނީ އިންޑިއާގެ މަޝްހޫރު ދެ މިއުޒީޝަނުން ކަމުގައިވާ ސާލިމް އާއި ސުލައިމާނެވެ.
އާ އަހަރާ ދިމާކޮށް ޓޫރިސްޓް އެރައިވަލް ކައުންޓްޑައުންގެ ނަމުގައި ބޭއްވި ޝޯ އާއި ކުރިއަށް އޮތް ޝޯއާ މެދު ގިނަ ބައެއްގެ މެދުގައި ވަނީ ހިޔާލުތަފާތުވެފަ އެވެ. ވަކިން ހާއްސަކޮށް ދީނީ ފިކުރު ބޮޑު މީހުންގެ ބަހުގެ ހަމަލާތައް މި ޝޯއަށާއި ސަރުކާރަށް އަމާޒުވަމުންދާކަން ފާހަގަކޮށްލެވެ އެވެ.