ވިޔަފާރި

ޗައިނާ މާކެޓު ދަށްވިޔަސް މިދިޔަމަހު ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުން

Aug 28, 2015
1

ރާއްޖެއަށް އެންމެ ގިނަ އިން ޓޫރިސްޓުން ޒިޔާރަތްކުރާ ޗައިނާއިން މިދިޔަ މަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔަނަމަވެސް، ރާއްޖޭގެ ޓޫރިޒަމަށް 4.3 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތް 100،191 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު ޒިޔާރަތް ކޮށްފައިވަނީ 104،517 ޓޫރިސްޓުންނެވެ. މިއީ ގާތްގަނޑަކަށް 4.3 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޓޫރިޒަމްގެ "އޯފްސީޒަން" އާ ދިމާކޮށް ޓޫރިޒަމުން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު ބައެއް ހިއްސާކުރާ ޗައިނާއިން މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ މަދުވެފަ އެވެ. މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 41،527 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ޒިޔާރަތްކުރި 43،267 ޓޫރިސްޓުންނާ އަޅާ ބަލާއިރު ގާތްގަނޑަކަށް ހަތަރު ޕަސެންޓުގެ ވެއްޓުމެކެވެ.

ޗައިނާގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ މާކެޓުތަކަށް ބަލާއިރު، އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހު ޗައިނާއިން 7،174 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު ޒިޔާރަތްކޮށްފައިވަނީ 6،567 ޓޫރިސްޓުންނެވެ. މިއީ 9.2 ޕަސެންޓުގެ ކުރިއެރުމެކެވެ.

މީގެ އިތުރުން އިގްތިސާދީ ގޮތުން މައްސަލަތަކެއް ދިމާވެފައިވާ ރަޝިޔާ އިން ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު 4،624 ޓޫރިސްޓުން ޒިޔާރަތް ކުރިނަމަވެސް މި އަހަރުގެ ޖުލައި މަހު ޒިޔާރަތްކޮށްފައިވަނީ 3،180 ޓޫރިސްޓުންނެވެ. މިއީ 31 ޕަސެންޓުގެ ދަށް އަދަދެކެވެ. އިޓަލީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދުވެސް ވަނީ 7.4 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި ފްރާންސުން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 19.1 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ މައި މާކެޓުތައް ދަށަށް ދިޔަ ނަމަވެސް މެދުއިރު މަތީގެ ބައެއް ގައުމުތަކުން އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު އިތުރުވި ބައެއް ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިއްޔާ ހިމެނެ އެވެ. އެ ގައުމުން މިދިޔަ އަހަރުގެ ޖުލައި މަހު 593 މީހުން އައި ނަމަވެސް މިދިޔަ މަހު ރާއްޖެއަށް 2،145 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ 319 ޕަސެންޓުގެ ކުރިއެރުމެކެވެ. މީގެ އިތުރުން އެމެރިކާއިން އައި ޓޫރިސްޓުންގެ އަދަދުވެސް ވަނީ 19 ޕަސެންޓް އިތުރުވެފަ އެވެ.