ކުޅިވަރު

ރެކޯޑް ހާއްސައެއް ނޫން، ހާއްސަ ވާނީ ތަށި: ކްލޮޕް

ޓޮޓެންހަމް ހޮޓްސްޕާސްގެ މައްޗަށް 1-0 މޮޅުވެ، ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގްގެ ތެރެއިން ސީޒަންގައި އެންމެ ރަނގަޅު ފެށުން ގެނައި ޓީމުގެ ރެކޯޑް ހެދުނު ނަމަވެސް އެކަން ހާއްސަ ނުވާ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

މެޗުގައި ތަރި އަކަށްވީ ލިވަޕޫލަށް ލަނޑު ޖަހައިދިން ރޮބާޓޯ ފިރުމީނޯ އެވެ. އޭނާ ޖެހި ލަނޑާއެކު ލިވަޕޫލް ވަނީ އެއް ވަނައިގައި 16 ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. ލީގްގައި މިހާތަނަށް ކުޅުނު 21 މެޗުގެ ތެރެއިން 20 މެޗުން މޮޅުވުމަކީ ޔޫރަޕްގެ ބޮޑު ފަސް ލީގްގައި ކުލަބަކުން އެންމެ ރަނގަޅަށް ހިފެހެއްޓި ޓްރެކެވެ.

"އަހަރެމެންނަށް އެނގޭ ތިކަން، އަދި އެއީ ހާއްސަ ކަމެއް، އެކަމަކު އަހަންނަށް އިހްސާސެއް ނުކުރެވޭ އެ ހާއްސަ ކަމެއް،" ކްލޮޕް ބުންޏެވެ. "އެކަން ހާސިލު ކޮށްގެން ތަށި ލިބޭނަމަ ރަނގަޅު، އެކަމަކު އެހާ ހިސާބަކުން ނިމޭކަށް ނެތް، އަދިވެސް އަހަރެމެން ވަރަށް ގިނަ މަސައްކަތް ކުރަން އެބަހުރި، ސަބަބަކީ އަހަރެމެންގެ ވާދަވެރިންނަކީ ވަރުގަދަ ބައެއް، [މެންޗެސްޓާ ސިޓީގެ ކޯޗް] ޕެޕް [ގާޑިއޯލާ] ދުލެއް ނުދޭނެ، އަހަރެން ނަމަވެސް ހުންނާނީ އެގޮތަށް."

ދެ ވަނައިގައި އޮތް ލެސްޓާ ސިޓީ ސައުތުހެމްޓަން އަތުން 2-1 ން ބަލިވުމުން ލިވަޕޫލަށް ލީޑް ފުޅަ ކުރަން ފުރުސަތު ލިބުނެވެ. މިރޭ އެސްޓަން ވިލާ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ސިޓީއަށް ތާވަލުގެ ދެވަނަ އަށް އެރޭނެ އެވެ.