ބޮލީވުޑް

ފަރްހާން އަހުތަރާއި ޝިބާނީ ކައިވެނި ކުރަނީ

ފަރްހާން އަޚްތަރު އާއި ޝިބާނީ ޑަންޑޭކަރް ރައްޓެހި ވެގެން އުޅޭތާ މިހާރު ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. މި ދެ ތަރިން އެކަކު އަނެކަކަށް އޮންނަ ލޯބި ސޯޝަލް މީޑިއާގައި އަބަދުވެސް ދަނީ ހާމަ ކުރަމުންނެވެ. އެކުގައި ޗުއްޓީ ހޭދަކުރާ މަންޒަރުތަކާއި ޕާޓީތަކުގައި އުޅެނިކޮށް ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ވެސް މި ދެ ތަރިން ދަނީ އެމީހުންގެ ފޭނުންނާ ހިއްސާ ކުރަމުންނެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ފެށުނު އާ އަހަރުގެ ތެރޭގައި ޝިބާނީ އާއި ފަރްހާން ކައިވެނި ކުރަން މިހާރު ވަނީ ނިންމާފަ އެވެ. މި ކައިވެނި އޮންނާނީ ފަރްހާން މިހާރު ކުޅެމުންދާ "ތޫފާން" ރިލީޒް ކުރުމަށްފަހު މިއަހަރުގެ ފަހުކޮޅު ކަމަށް ވެސް ޚަބަރު ލިބެ އެވެ.

ކައިވެނީގެ ތާރީޚު އަދި ކަނޑަނޭޅުނަސް މިހާރުއްސުރެ ކައިވެނީގެ ތައްޔާރީތައް ކުރަން ފަށާފައިވާ ކަމަށް ވެއެވެ.
ފަރްހާން އާއި ޝިބާނީގެ ކައިވެންޏާއެކު މިއަހަރުގެ ތެރޭގައި އިތުރު އެކްޓަރެއް ކައިވެނި ކުރާ މަންޒަރުތައް ފެނުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ ވަރުން ދަވަން އާއި ނަތާޝާ ދަލާލްގެ ކައިވެންޏެވެ. އިންޑިއާގެ ނޫސްތަކުން ބުނަނީ ވަރުން އާއި ނަތާޝާގެ ކައިވެނި ކުރަން ރާވާފައިވަނީ އަންނަ އޭޕްރީލް މަހު ތެރޭގައި ކަމަށެވެ.

ފަރްހާން މީގެ ކުރިން ވަނީ އަދުނާ ބަބާނީ އާ 2000 ވަނަ އަހަރު ކައިވެނިކޮށްފަ އެވެ. އަދި މި ކައިވެނި ވަނީ 2016 ގައި ރޫޅިފަ އެވެ. މި ދެ މީހުންނަށް ލިބިފައިވާ ފުރާވަރު ދެ އަންހެންކުދިން ތިބެ އެވެ.

ފަރްހާން އާއި އަދުނާ ވަރިވާން މެދުވެރިވީ ފިލްމީ ބަތަލާ ޝްރައްދާ ކަޕޫރު ދެކެ ފަރްހާން މާ ބޮޑަށް ލޯބިވެގެން ކަމަށް އެ ދުވަސްވަރު ޚަބަރުތައް ފެތުރުނެވެ. ނަމަވެސް ފަރްހާން ވެސް ޝްރައްދާ ވެސް މި ވާހަކަ ތެދުކޮށްފައެއް ނުވެ އެވެ. އޭގެ ފަހުން މާ ގިނަ ދުވަސްތަކެއް ނުވެ ޝިބާނީ އާއި ފަރްހާންގެ ލޯބީގެ ވާހަކަތައް ފެންމަތިވި އެވެ.

ޝިބާނީ އަކީ މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އަދި ފިލްމު ކުޅުމާއި މޮޑެލްކުރުން އަދި ޝޯތައް ހޯސްޓްކުރުމުގެ މަސައްކަތް ވެސް އޭނާ ކުރެ އެވެ.

ފިލްމީ ރޮނގުން ފަރްހާން މިހާރު މަސައްކަތްކުރަނީ ރާކޭޝް އޯމް ޕްރަކާޝް މެހެރާގެ "ތޫފާން"ގައި އެކަންޏެވެ. މި ފިލްމު އަންނަ އޮކްޓޯބަރު 2 ގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.