ލައިފްސްޓައިލް

ފިރިމީހާ މުޑުދާރުކަމުން ވަރިއަށް އެދިއްޖެ

އިންޑިއާގެ ޕަޓްނާގެ 20 އަހަރުގެ އަންހެނަކު އޭނާގެ ފިރިމީހާ ކައިރިން ވަރިވާން އެދި ކަމާ ބެހޭ ފަރާތަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ވަރިވާން އެދި ދުވާލަކު އެތައް ބަޔަކު މައްސަލަތައް ހުށަހަޅަ އެވެ. ނަމަވެސް މި މައްސަލަ ޚާއްސަ ވަނީ ފިރިހެންމީހާ ކައިރިން ވަރިވާން އަންހެންމީހާ ދައްކާ އުޒުރުތަކުންނެވެ. އަންހެން މީހާ ހުށަހެޅި މައްސަލައިގައި އޭނާ ބުނެފައި ވަނީ ވަރިވާން ބޭނުން ވަނީ ފިރިހެންމީހާ ގަވާއިދުން ދަތް އުނގުޅާ، ތުނބުޅިބާލާ، ފެންވަރާ ނުހަދާތީ ގައިން ނުބައިވަސް ދުވާތީ އެވެ. އަދި ފިރިމީހާގެ އެއްވެސް އަދަބެއް އަޚުލާގެއް ވެސް ނެތް ކަމަށް އެ އަންހެންމީހާ ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ.

ސޯނީ ދޭވީ ނަމަކަށް ކިޔާ މި އަންހެންމީހާ ހުށަހެޅި މައްސަލަ އެ ސްޓޭޓްގެ ވިމެންސް ކޮމިޝަން (އެސްޑަބްލިޔުސީ) އިން އަޑުއެހުމަށްފަހު އަންހެންމީހާގެ ފިރިމީހާ މަނީޝް ރާމް، 23، އަށް އޭނާގެ އުޅުން އިސްލާހު ކުރުމަށް ދެ މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް ފިރިހެންމީހާ އިސްލާހު ނުވެއްޖެނަމަ ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އަންގާފައި ވެއެވެ.

އެސްޑަބްލިޔުސީގެ މެމްބަރު ޕްރަތިމާ ސިންހާ ޓައިމްސް އޮފް އިންޑިއާ ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ހުކުރު ދުވަހު ބުނީ އަންހެންމީހާ ފުރަތަމަ މައްސަލަ ޖައްސަން އެ ކޮމިޝަނަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަންހެންމީހާ ދެއްކި ވާހަކަތައް އަޑުއަހާފައި މިއީ ވަރިވާން ދެން މީހަކު ދައްކާ ކަހަލަ ވާހަކައެއްހޭ ވެސ ހިތަށް އެރި އެވެ.

އަންހެންމީހާ ހުށަހެޅި ޕެޓިޝަންގައި ބުނެފައިވަނީ މަނީޝް އާއި އޭނާ ކައިވެނި ކުރީ 2017 ވަނަ އަހަރު ކަމަށެވެ.

"އަހަރެންގެ ފިރިމީހާ ފެން ނުވަރާ 10 ވަރަކަށް ދުވަސްވަންދެން ހުރޭ. އެހެންވެ ގައިން ވަރަށް ނުބައިވަސް ދުވާ. އަދި ގަވާއިދުން ދަތްވެސް ނޫގުޅާ. އަދި އަދަބެއް އަޚުލާގެއް ވެސް އޭނާގެ ނުހުރޭ. އެހެންވެ އަހަރެން އޭނާއާ އިނދެގެން އުޅޭކަށް ބޭނުމެއް ނޫން،" އަންހެންމީހާގެ ޕެޓިޝަންގައި ވެއެވެ.

ސޯނީ ބުނަނީ އެ މީހުންގެ ދަރިއަކުވެސް ނެތުމާއެކު ކައިވެނި ކުރިއިރު އޭނާގެ ބައްޕަ އޭނާއަށް ދިން ރަނުގެ ގަހަނާތައް ވެސް އަނބުރާ ދޭން ފިރިމީހާ އަށް އަމުރު ކޮށްދިނުމަށެވެ.

ފިރިހެންމީހާ ބުނެފައިވަނީ އޭނާ އިސްލާޙުވެ އަންހެނުންގެ އިތުބާރު އަލުން ހޯދަން ބޭނުންވާ ކަމަށާއި އެކަމަށްޓަކައި މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ފިރިމީހާ އިސްލާހު ވާނެ ކަމާ މެދު އޭނާގެ އަންހެނުންނަށް ޝައްކެވެ.
ވިމެންސް ކޮމިޝަނުން މަސައްކަތްކޮށް މައްސަލަ ހައްލު ނުވެއްޖެނަމަ މި ދެމަފިރިންގެ ވަރީގެ މައްސަލަ ކޯޓަށް ފޮނުވާނެ އެވެ.