ހަބަރު

ކައްޕި ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް

މިދިޔަ ހޯމަ ދުވަހު ފަރަށް އެރި މުދާ އުފުލާ ދޯނިން ގެއްލިފައިވާ ކައްޕި ހޯދަން ސިފައިން ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލާ ކުރިޔަށް ގެންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ފަރަށް އެރި ދޯނީގެ ކައްޕި ހދ. ކުޅުދުއްފުށީ 37 އަހަރުގެ މުހައްމަދު ޔޫސުފު ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކަމަށެވެ.

އެމްއެންޑީއެފުން ވަނީ އޭނާ ހޯދަން ކުރި މަސައްކަތުގެ ތެރެއިން މުދާ އުފުލާ އެ ދޯނި އުރިފައިވާ ސަރަހައްދާ ކައިރި ފަރުގެ 41 މީޓަރު އަޑިން ވަޅިއަކާއި، 48 މީޓަރު އަޑިން ތުވާއްޔެއް ވެސް ހޯދާފަ އެވެ. މީގެ އިތުރުން ކަރަންޓް ބައެއް ސާމާނު ވެސް ވަނީ އެދިމާއިން ފެނިފަ އެވެ. އެނގިފައިވާ ގޮތުގައި ފެނުނު ތުވާލިން ލޭގެ އަސަރު ފެނިފައި ވެއެވެ.

ޖެނުއަރީ ހަވަނަ ދުވަހު ހިނގި ހާދިސާގައި ދޯނި ފަރައް އަރާފައިވަނީ ކީއްވެގެން ކަން އަދި އެނގިފައެއް ނުވެއެވެ.
"ޓީޓީއެސް ފާނަ" ދޯނި އުރުނުއިރު އޭގައި ތިބީ ކައްޕިގެ އިތުރުން ބަގްލަދޭޝްގެ ދެ މީހެކެވެ. އެ ދެ މީހުން ސިފައިންނަށް ފުރަތަމަ އެންގީ ކައްޕި ގެއްލިގެނެވެ. ދޯނި ފަރަށް އަރާފައިވާ ކަމަކަށް އޭރަކު ނުބުނެއެވެ. ދޯނި ފަރަށް އަރާފައިވާކަން އެނގުނީ ސިފައިން އެ ސަރަހައްދަށް ދިއުމުންނެވެ.