މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. އަތޮޅު އަނގަފަރު ފަޅު ކައިރިން ޑިންގީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓުގައި ގެއްލުނު އޭދަފުށި، މުސްތަރީގެ، ނަސްރުﷲ އަބްދުﷲ ހޯދުމުގެ އޮޕަރޭޝަނުގެ ތެރެއިން އޭނާ އިން ޑިންގީ ކަނޑު އަޑިން މިއަދު ނަގައިފި އެވެ.
ހާދިސާ ހިނގިތާ ފަސް ދުވަސް ވެގެން ދިޔައިރު ނަސްރުﷲ އާއި ޑިންގީގެ އެއްވެސް ނިޝާނެއް މީގެ ކުރިން އެމްއެންޑީއެފް އިން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ފެނިފައެއް ނުވެ އެވެ. ނަސްރުﷲ ހޯދުމުގެ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ ލޯންޗުތަކާއި އަމިއްލަ ފަރާތްތަކުގެ އުޅަނދުތައް ވެސް ދިޔައީ ހަރަކާތްތެރި ވަމުންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ނަސްރުﷲ އިން ޑިންގީ ފެނުނީ ބ. ދޮންފަނާއި އަނގަފަރު ފަޅާ ދެމެދުގެ ކަނޑުގެ ސަރަހައްދުން 40 މީޓަރު އަޑިން ކަމަށާއި ޑިންގީ މިހާރު ކަނޑު އަޑިން ނަގާފައިވާ ކަމަށެވެ. ޑިންގީގެ ބައިތައް ފެންނަން ފެށީ އިއްޔެ އެވެ. އެކަމަކު ނަސްރުﷲ އަދިވެސް ނުފެނެ އެވެ.
ލޯންޗާއި ޑިންގީ ޖެހި އެކްސިޑެންޓް ހިނގީ ބ. ދޮންފަނާއި އެ ރަށް ކައިރީ އޮންނަ އަނގަފަރު ފަޅާ ދެމެދުގެ ސަރަހައްދެއްގަ އެވެ. މި އެކްސިޑެންޓްގައި ޑިންގީގައި ތިބި ނަސްރުﷲގެ އަންހެނުންގެ ދެ ބޭބެ ކަމުގައިވާ މުހައްމަދު ނަޒީފާއި އަބްދުއް ސަމީއު އެވެ. އެ ދެ މީހުނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ.
މި ހާދިސާގައި އެންމެ ބޮޑު އަނިޔާއެއް ލިބިފައި ވަނީ ލޯންޗު ދުއްވަން އިން ކައްޕި، އޭދަފުށި ޝަބްނަމްގެ މުހައްމަދު މުސްތަފާ އެވެ. އޭނާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އޭނާގެ ވާތު ލޮލާއި ދިމާއިން ތިރީގެ ކަށިތައް މުގުރި ދުޅަވެފައި ވެއެވެ. މޫނުމަތި ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާއިރު ދުލުމުގެ ނާރުތަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ. އަދި ލޯންޗުގައި އިން ބަންގްލަދޭޝް ފަޅުވެރިޔާގެ ކަންފަތެއް ވަކިވެގެން ވެސް ގޮސްފައިވެ އެވެ.