ބާސެލޯނާ

ބާސާގެ ކޯޗަކަން ބޭނުން: ޒަވީ

އެފްސީ ބާސެލޯނާއަށް ކޯޗް ކޮށްދޭން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް މިވަގުތަކު ނޫން ކަމަށް އެ ކުލަބުގެ ލެޖެންޑް ގަތަރުގެ އަލް ސައާދުގެ ކޯޗް ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ، ބާސާގެ ކޯޗް ކަމުގެ މަގާމަށް އޭނާ ގެންދަން އުޅޭ ކަމަށް ސްޕެއިންގެ މީޑިއާތަކުން ފަތަރަމުންދާ ރިޕޯޓްތަކާ ގުޅިގެންނެވެ. ސްޕެއިންގެ މީޑިއާ ތަކުން އެގޮތަށް ރިޕޯޓް ކުރީ ބާސާގެ ސްޕޯޓިން ޑައިރެކްޓާ އަދި އެ ޓީމުގެ ކުރިގެ ޑިފެންޑަރު އެރިކް އަބިޑާލް، އަލް ސާދުގެ އޮފިޝަލުންނާއި އަދި ޒަވީއާ ބައްދަލު ކުރުމުންނެވެ.

އަލް ސައާދުން ވެސް ވަނީ، ޒަވީ އާ ބެހޭގޮތުން ބާސާއިން ވާހަކަ ދައްކަމުން ދައްކަމުންދާ ކަމަށް ބުނެފަ އެވެ. "ޒަވީ ދަނީ ބާސާ އާ ވާހަކަ ދައްކަމުން." އަލް ސައާދުގެ ސްޕޯޓިން ޑައިރެކްޓާ މުހައްމަދު ގުހްލާމް އަލީ ބަހްޝީ އިއްޔެ ބުންޏެވެ.

ގަތަރު ކަޕްގެ ސެމީ ފައިނަލުގައި އިއްޔަ އަލް ރަޔާން އާ ދެކޮޅަށް ކުޅުނު މެޗުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޒަވީ ބުނީ، ބާސާގެ ކޯޗަކަށް ވާން ބޭނުންވާ ކަމަށް އެކި ފަހަރު އޭނާ ބުނެފައިވާނެ ކަމަށާއި އަދި ވެސް ހުރީ އެގޮތަށް ކަމަށެވެ.

"އެންމެންނަށް ވެސް އެނގޭނެ އަހަންނަކީ ބާސެލޯނާގެ ސަޕޯޓަރެއް ކަން، އެ ކުލަބަކީ އަހަރެންގެ ހިތާ އަދި އަހަރެންގެ ހުވަފެންތަކާ ގުޅިފައިވާ ކުލަބެއް،" ކުރިން ބާސެލޯނާގެ ކެޕްޓަންކަން ވެސް ކުރި ޒަވީ ބުންޏެވެ. "އެހެން ނަމަވެސް މިހާރު އަހަރެންގެ ހުރިހާ ކަމެއް ހުސް ކޮށްގެން މިހުރީ އަލް ސައާދަށް."

އެރިކް އަބިޑާލް އާއި ބާސާގެ ޖެނެރަލް ޑައިރެކްޓާ އޮސްކާ ގުރައު އާ ވާހަކަ ދެއްކިމަށް މީޑިއާ އިން ސުވާލު ކުރުމުން ޒަވީ ބުނީ އަބިޑާލް އަކީ އޭނާގެ އެކުވެރިއެއް ކަމަށާއި އެތައް ފަހަރަކު އޭނާ އާ ބައްދަލު ކޮށްފައިވާ ކަމަށެވެ. އޮސްކާ ގުރައު އާއި އަބިޑާލް ވަނީ އަލް ސައާދުގެ ސްޓޭޑިއަމްގައި ތިބެގެން އަލް ރަޔާންގެ މައްޗަށް 4-1 ން އަލް ސައާދު މޮޅުވި މެޗު ބަލާފަ އެވެ.

"އަހަރެން އޭނާ [އަބިޑާލް] އާ އެތައް ފަހަރަކު ބައްދަލު ކޮށްފިން، އަހަރެންްގެ އިހްތިރާމް އޭނާ އޮންނާނެ، އަހަރެން [އެރުނަސްޓޯ] ވަލްވެރުޑޭ (ބާސާގެ މިހާރުގެ ކޯޗް) އަށްވެސް އިހްތިރާމް ކުރަން،" ޒަވީ ބުންޏެވެ. "އަލް ސައާދު އާއެކު އަހަރެންގެ އޮތް އެއްބަސްވުމަށް އަހަރެން އިހްތިރާމް ކުރަން، އަހަރެން މިހުރީ އަލް ސައާދަށް ފޯކަސްކޮށްގެން، މި ކުލަބު ދެކެ އަހަރެން ލޯބިވޭ، އިތުރަކަށް ބުނާނެ އެއްޗެއް އަހަރެންގެ ނެތް."