ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(9 ޖެނުއަރީ 2020 އާ ގުޅޭ)

"ކުރެހުން ފެނުނީމަ އުނދަގޫވަނީތަ؟" އިޝްވާ އަހާލީ ސުކޫތުކޮޅަކަށް ފަހުއެވެ. އޭނާ ބަލާލިއިރު ހޭޒަލް ކޯތާފަތުން ކަރުނަ ފުހެލަނީއެވެ.

"މިހުރިހާ ދުވަހު އަހަރެން އޭނާއަކީ މުހިންމު މީހެއްކަމަށް ނުދެކެން... އޭނާގެ ބޭނުން ޖެހިފައިވަނީ ހަމައެކަނި މަންމައަށޭ ހީކުރެވުނީ" ހޭޒަލްގެ ނަޒަރު އަނެއްކާ ވެސް ހުއްޓުނީ ކުރެހުމަށެވެ. އޭނާ އެ ދައްކަނީ ކާކުގެ ވާހަކަކަން ޔަގީންކުރާކަށް އިޝްވާއަކަށް ނޭނގުނެވެ. އެހެންވިޔަސް އޭނާ ސުވާލުކުރިއެވެ.

"ކީއްވެ ހަމައެކަނި މަންމައަށް އޭނާގެ ބޭނުންޖެހެންވީ" އިޝްވާގެ ނަޒަރު ހުރީ ހޭޒަލްއަށް ހުއްޓިފައެވެ.

ހޭޒަލް އެނބުރިލުމާއެކު މަޑު ހިނގުމުގައި އައިސް ވަކިން ހުރި ސޯފާ ގޮނޑީގައި އިށީނެވެ. އެ ގޮނޑިއަކީ އިޝްވާ އިނުމަށް ހުރި ގޮނޑިއެވެ. ނަމަވެސް އެކަން ފާހަގަވިކަމަށް އޭނާ ނުހެދިއެވެ. އޭނާ އައިސް ދިގު ސޯފާގައި އިށީނެވެ.

"މަންމަގެ ފުރަތަމަ ކައިވެނި ރޫޅުނީ، އަހަންނާއި ދޮންބެއަށް މަންމަގެ ހިތްދަތިކަން ނުދައްކާ އުޅެވޭތޯ މަންމަ މަސައްކަތްކުރީ، އެކަމަކު އަހަރެން ދުށީމޭ... މަންމަ ރޯތީ، ދުޢާކުރާތީ... ކުރިން މަންމަ އެހެނެއް ނޫޅޭ... ހިތަށް ކުޅަދާނަނުވުމުން ﷲގެ މަގަށް ރުޖޫޢަވެވޭ، ބައްޕައާ ދެ މީހުން ޒުވާބުކުރާ އަޑެއް ނާހަން، ބައްޕަ ގެއަށް އައުން މަދުކަން އެނގެނީ، އެހެންވެ ޖެހުނު މައްސަލައެއް އޭރު ނޭނގޭ... ހުރިހާކަމެއް އެނގުނީ ފުރާވަރަށް އެޅިފަހުން، ދުނިޔޭގެ ކަންކަމަށް ލޯހުޅުވެން ފެށީމަ... ބައްޕަގެ މައްޗަށް އޮތް އިތުބާރު ގެއްލުނު، އަހަރެން އިތުބާރު ފުރަތަމަ ގެއްލުވާލި މީހަކީ އެއީ... މަންމައާ އިނދެގެން ހުރެ ވެސް އެހެންމީހަކާ ބައްޕަ ބޭނުންނަމަ އިނދެވުނީސް، ބައްޕަގެ ނިންމުގެ ސަބަބުން މަންމަ އެކަނިވާނޭކަން ހިތަކަށް ނޭރި، ދެ ދަރީންނާއެކު މަންމަގެ ދިރިއުޅުމުން ދުވަސްތަކެއް ބޭކާރުވެގެން އެ ދިޔައީ... އަހަރެންނަށް ވެސް މިއަދު މިވީއެވަރު، އިނދެގެން ތިބިނަމަ އަށް އަހަރު ވާނެ މިއަހަރަށް، ލިއަމްއާއި އަހަރެންގެ ބައްޕަގެ ތަފާތަކީ އޭނާ އަހަރެން ދޫކޮށްލަން ގަސްދުނުކުރާކަން، ހުރިހާ ފާފައަކަށް އަރައިގަންނަން ބޭނުންވީ އޭނާގެ އަނތްބެއްގެ ގޮތުގައި އަހަރެން ބައިންދައިގެން... މިއަދު އަހަރެން އެންމެ ދެރަވަނީ ކީއްވެކަން އެނގޭތަ؟ މަންމައަށް ޓަކައި ރިޒްވާނު އަހަރެމެންގެ ޢާއިލާގެ މެންބަރަކަށްވީ ނަމަވެސް އެކަން އަހަންނަށް ޤަބޫލުނުކުރެވުނީތީ، އޭނާއާ މެދު ޝައްކުގެ ނަޒަރުން ބެލުނީތީ... އޭނާ އަހަރެމެންގެ ތެރޭގައި ދިރިއުޅޭ ދުރުހިލޭ މީހެއްގެ ގޮތުގައި ޢަމަލުތައް ބެހެއްޓުނީތީ، މަންމައާ ކައިވެނިކުރި ދުވަހުން ފެށިގެން އޭނާ ހުރިހާ ގޮތަކުން ބައްޕައެއްގެ ޒިންމާ އަދާކުރި... އަހަރެމެންގެ ޢާއިލާގައި އުފާވެރިކަމާއި ހަމަޖެހުންވި، މަންމައަށް ލިބިފައިވާ ހުރިހާ ތަކުލީފަކާއި ހިތްދަތިކަން ފިލުވާލަދިން، އެކަމަކު އަހަރެން.... އަހަރެންގެ ބޮޑާކަމުން އޭނާގެ ނަން ވެސް ނުކިޔަން، ފެނުނަސް އުނދަގޫވޭ... އަހަރެމެންނަށް ޓަކައި ﷲ ލެއްވި ރަޙުމަތެއް އެއީ، އެކަން އަހަރެންގެ ޖާހިލުކަމާއި ބޯހަރުކަމުގެ ސަބަބުން ޤަބޫލުކުރަން ބޭނުންނުވީ، މިއަދު އަހަރެން ބުނަން ބޭނުންވޭ އެއީ އަހަރެންގެ ބައްޕައޭ، އެކަމަކު ލަދުވެތިކަން ހުރަހަކަށްވެއްޖެ، ލިއަމްގެ ވާހަކަތައް ކިޔާދެވުނަސް އަހަރެން ދެކޭ ގޮތް ނުބުނެވުނު، ދަރީންނަށް ގޮތް ހުސްވާވަގުތު އެކުދީންނަށް ރަނގަޅު މަގު ދައްކައިދޭނެ ބަޔަކީ މައިންބަފައިން... މަންމައަށްވުރެ އަހަރެންގެ ހާލު އެ ބައްޕަ ދެނެގަތްލެއް އަވަސް، އެ ބައްޕަ އަހެރެން ގޮތް ހުސްވެފައިވީ ވަގުތު ﷲގެ މަގުގައި ސާބިތުކުރުވި، ބޭނުންނަމަ ފައިސާ ޚަރަދުކޮށްފައި ރާއްޖޭން ބޭރު ޤައުމަކަށް ވެސް ދެވުނީސް، އެކަމަކު ބައްޕަ އަހަރެން ގެންދިޔައީ މި ދުނިޔެމަތީގަ އެންމެ މާތްކުރެވިފައިވާ ބިމަށް، ބައްޕަގެ އެ ޢަމަލުން އެކަނިވެސް އެހިތުގައި އަހަންނަށް ޓަކައިވި ޤަދަރާއި ލޯބި އެނގިއްޖެ، ބައްޕަ އަހަރެންގެ ވާހަކަތައް އަޑުއެހި، ޢާއިލާގަ ލިއަމްއަށް ތާރީފުނުކުރަނީ އެ ބައްޕަ އެކަނި، ބައްޕައަށް ލިއަމްއަށްވުރެ ބޮޑަށް އަހަރެން މުހިންމު، އަހަރެން ބޭނުންވާ ގޮތް މުހިންމު... ބައްޕަ އަހަންނަށް ވަރަށް ގިނަ ނަސޭޙަތްދިން، ކެތްތެރިކަމަކީ ހިތިއެއްޗެކޭ، އެކަމަކު އާޚިރުގަ އޭގެ ނަތީޖާއަކީ ފޮނިއެއްޗެއްކަމުގަ... ކެތްތެރިވާށޭ އެތައް ފަހަރަކުބުނި، ދުނިޔެއަކީ ރީތިތަނަކަށް ވިޔަސް ހަޤީޤީ އުފާވެރިކަން ލިބެން އޮތް ތަނެއްނޫން، ބައްޕަ އެންމެ ފަހަރަކު ވެސް ދޮގެއް ނުހަދާ، އަހަންނަށް އޮޅުވައެއްނުލާ، ހުރިހާކަމެއް ތެދުބަހުން ކިޔާދިން، ބައްޕަ އެދެފި ކޮންމެ އެދުމެއް މި ދަރިފުޅު ފުރިހަމަކޮށްދޭނެކަން ބައްޕައަށް އެނގޭ ކަހަލަ، އަހަރެންގެ އެންމެ ބޮޑު ހިތްވަރަކީ އެއީ... ބައްޕަ ބުނި އިޝްވާއަކީ މޮޅު ޑަކްޓަރެކޭ... ބިރުގަންނަ ކަންތައްތައް އަދި މަންމައާއި ބައްޕައަށް ޚިއްޞާކުރަން އުނދަގޫ ކަމެއް އޮތް ނަމަވެސް ޑަކްޓަރަށް ކިޔާދެއްޗޭ... އަހަރެން ކުރިއަކުން ބިރެއްނުގަނޭ... ކަންކަމާ ޖެހިލުމެއްނުވޭ... އެކަމަކު މިހާރު، ފިޔަވަޅު އެޅުމަށް ފައިނަގާފައި ވެސް އެތައްހާސް ފަހަރު ވިސްނޭ... ބޭރަށް ޢާންމުގެ ތެރެއަށް އެކަނި ނުކުންނަން ވެއްޖެނަމަ އަހަރެން ނޭވާ ހާސްވޭ، އެކުވެރީންނާ ކުރިމަތިލާކަށް ބޭނުމެއްނޫން، އެއްވެސް ކަމެއް އެމީހުންނަށް އެނގޭކަށް ބޭނުމެއްނޫން... ޑަކްޓަރ!... އަހަރެން އަދި ސިކުނޑި ގޯހެއްނުވޭ" ހޭޒަލްއަށް ރޮވޭވަރުން ވާހަކައެއް ނުދެއްކުނެވެ. ސޯފާގެ ކޮޅުގައި ހުރި ޓިޝޫ ފޮށި ނަގައިގެން އިޝްވާ އައިސް ހޭޒަލްގެ ގާތުގައި މަޑުކޮށްލިއެވެ. ފޮށިން ދަމައިގަތް ދެތިން ޓިޝޫ ހޭޒަލްއަށް އިޝްވާ ދިއްކޮށްލިއެވެ.

ހަފްތާއަކު ދެ ދުވަހު ހޭޒަލް އަންނައިރު ނަގަނީ އެއްގަޑިއިރުގެ ސެޝަންއެކެވެ. ދެމެދުގައި ޚިއްޞާ ކުރާ ވާހަކައަކީ ހޭޒަލް އަމިއްލަ އިޚްތިޔާރުގައި ޚިއްޞާކުރަން ބޭނުންވެ ދައްކާ ވާހަކަތަކެވެ. މިއަދު އެއްގަޑިއިރަށްވުރެ ގިނައިރު ވެއްޖެއެވެ. އެހެންވިޔަސް އިޝްވާ ހުރަހެއްނާޅައެވެ. ހޭޒަލް ބުނަން ބޭނުންވާ އެއްޗެއް ބުނެ ނިމެންދެން އޭނާ ކެތްތެރިވިއެވެ. އެހެން އަންނަ ބަލިމީހުންނަށް ގަޑިއެއް ކަނޑައަޅައިގެން ކުރިއަށް ގެންދިއުމަކީ އުނދަގޫކަމެކެވެ. މިވަގުތަށް އިޝްވާ އެހީތެރިކަން ފޯރުކޮށްދެނީ ހޭޒަލްގެ އިތުރުން އެންމެ ބަލިމީހާކާއެވެ. ދެމީހުންގެ ކޭސް މުޅީން ތަފާތެވެ. ގަޑި ޖެހުނު ކަމުގައި ވިޔަސް އިޝްވާގެ ކޮޓަރީގައި ޓަކި ނުދިނުމަށް އޭނާ އޮންނަނީ ތަނުގެ ސްޓާފުންނާއި ބަލިމީހުންނާއެކު އަންނަ އެހީތެރީންނަށް ވެސް އަންގާފައެވެ. އިޝްވާ ދޮރު ހުޅުވާލަންދެން މަޑުކުރުމަށް އަންގާފައެވެ.

އަތުކުރީ އޮތް ގަޑިއަށް ބަލާލުމާއެކު ރިޒްވާނު އިން ގޮތް ބަދަލުކޮށްލިއެވެ. އަދި ގޮނޑީގެ އަތްގަނޑުގައި ކަނާއަތުގެ އުޅަންބޮށިކޮޅު ވިއްދާލައި އަތްތިލައިގަ ދަތްދޮޅި އަޅުވާލިއެވެ. ގަޑިއެއްގެ އިރު ހަމަވާން ވާއިރަށް އޭނާ އަންނައިރު ހޭޒަލް ހުންނަނީ ނިމިގެންނެވެ. އެކަމަކު މިއަދު ތަފާތުވެއްޖެއެވެ. އިޝްވާ ދޮރު ހުޅުވަންދެން އޭނާ އިނީ އެ އޮފީސް ފެންނަ ގޮތަށް ސަރައްކާލިގަ ހުރި ގޮނޑިތަކުން ގޮނޑިއެއްގައެވެ. ހިސާބަކަށް ހާސްވެފައެވެ. އޭނާގެ ސަމާލުކަން އަތުލީ ދޮރުމަތިން ދެ މީހަކު ވާހަކަދައްކާ އަޑެވެ. ކުލިނިކަށް ވަންނަ ދޮރާ ދިމާއަށް ރިޒްވާނު މޫނު އަނބުރާލިއެވެ. ރިސެޕްޝަނުގައި އިން އަންހެންކުއްޖާ އޭނާގެ ކުރިމަތީގައި ހުރި ޒުވާނާ ގާތު އިޝްވާގެ ސެޝަން ނުނިމޭކަން އޭނާ ބުނެލިއެވެ. އެހިނދު އޭނާ އިޝްވާގެ އޮފީސް ހުރި ދިމާއަށް ބަލާލުމާއެކު ރިޒްވާނާ ހަތަރުކަޅި ބައްދަލުވިއެވެ. ކުރީން ފެނިފައި ހުރި ވައްތަރު އެ ޒުވާނާގެ ގައިގާ ޖެހިއެވެ. އެހެންނަމަވެސް އެކަމަށް ސަމާލުކަމެއް ރިޒްވާނު ނުދިނެވެ. އެ ޒުވާނާ ވެސް އެނބުރި ހިނގައިގަތީ ކުލިނިކުން ނުކުންނަން ބޭނުންވި ފަދައިންނެވެ.

އިޝްވާ ދޮރު ހުޅުވާލުމާއެކު ރިޒްވާނު ފެނުނެވެ. ވަގުތުން އޭނާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އޭނާގެ ފަހަތުން ހޭޒަލް ނުކުތެވެ. ރިޒްވާނު އައިސް ހުރުމުން ހޭޒަލް ހިތްހަމަޖެހުނެވެ. ނަމަވެސް ރިޒްވާނަށް ހޭޒަލް ފެނި ބަލާލެވުނީ އިޝްވާއަށެވެ. ހޭޒަލްގެ ވާހަކަތައް ޢާއިލާއާ އިޝްވާ ޚިއްޞާ ކުރަނީ ހޭޒަލްއަށް ނޭނގޭނޭ ހެންނެވެ. އިޝްވާ އަނެއްކާ ވެސް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެ ހިނިތުންވުން ރިޒްވާނުގެ އުންމީދު އާލާކޮށްދިނެވެ. ހޭޒަލްއަށް އިޝްވާ މަސައްކަތެއް ހަވާލުކުރިއެވެ. ދެން ބައްދަލުވާ ދުވަހު އޭނާ އެ މަސައްކަތް ފުރިހަމަކުރެވޭތޯ ބެލުމަށް އިޝްވާ އެދުނެވެ. ނުކުރެވިއްޖެއްޔާ އަލުން އެކަން ކުރެވޭތޯ ބަލާނީކަން ވެސް އިޝްވާ ބުންޏެވެ. ހޭޒަލް ވެސް ފެންނަނީ ހިސާބަކަށް ހަމަޖެހިފައި ހުރިކަމެވެ.

* * * * *

ދާރިއަން ކާރު ކައިރީ މަޑުކޮށްލައިގެން ހުރީ ފޯނާ ކުޅޭށެވެ. ދާރިއަން އެ ކުލިނިކަށް އަންނަނީ އާދައިގެ މަތިން އިޝްވާ ބަލިމީހުން ބަލާ ނިމޭގަޑިއަށެވެ. ނަމަވެސް މިއަދު ތަންކޮޅެއް ދިގުލައިފިކަން އެނގުނެވެ. ކުލިނިކުގައި މަޑުކުރަން ބޭނުންނުވާތީ އޭނާ އެނބުރި ކާރު ކައިރިއަށް އައީއެވެ. ފޯނުގެ އިސްކުރީނުން ނަޒަރު ވަކިކޮށްލައި އިރުއިރުކޮޅާ ކުލިނިކަށް ދާރިއަން ބަލާލައެވެ. އެގޮތަށް އޭނާ ބަލާލި ފަހަރެކެވެ. ކުލިނިކުގެ ތެރެއިން ފެނުނު ފިރިހެން މީހާއާއެކު ނުކުން އަންހެންކުއްޖާ ފެނުނެވެ. ހުއްޓުން އެރީ ދަންނަ ވައްތަރެއް އެ މޫނުން ޖެހީމައެވެ. އެހެންނަމަވެސް ރަނގަޅަށް އެ މޫނު ފެންނަ ގޮތެއްނުވިއެވެ.

"ހޭ...ޒެ...ލް..." މަޑުމަޑުން ދާރިއަންއަށް ކިޔާލެވުނެވެ. އެ އަންހެންކުއްޖާގެ ގައިގާ ހިފަހައްޓާލައިގެން ހުރި ގޮތުން އެ ފިރިހެންމީހާގެ ރައްކާތެރިކަމުގައި އޭނާ ހުރި ކަހަލައެވެ. އަންހެންކުއްޖާ ވެސް އިސްއޮބާލައިގެން ހުރީ މާބޮޑަށެވެ. ޔަގީންކުރަން އެމީހުންގެ ގާތަށް ދާން ދާރިއަން ހިތަށް އެރިއެވެ. ނަމަވެސް އެކަން ނުވީ ހިތަށް އެރި އެއްޗަކުންނެވެ. ހޭޒަލްނަމަ އޭނާއާ އެހާ ގާތުގައި ހުންނާނެ މީހަކީ ލިއަމްކަމެވެ. ހަމައެއާއެކު ހޭޒަލްއަކީ އެފަދަ ގޮތަކަށް ހެދުން އަޅާފައި ހުންނަ ކުއްޖެއްނޫންކެވެ. ދާރިއަންއަށް ކުޑަކޮށް ހީނލެވުނެވެ. އަބަދު ހޭޒަލްގެ ޚިޔާލުގައި އޭނާ ހުންނާތީ ހީވީ ގޮތެއްކަމަށް ދާރިއަން ނިންމީއެވެ. ހަމައެއާއެކު ކުލިނިކުގައި އިން ފިރިހެންމީހާކަން ނުކުމެގެން އެދިޔައީ ޔަގީންވާތީ އިޝްވާގެ މަސައްކަތް ނިމިއްޖެކަން ދާރިއަން ޔަގީން ކުރިއެވެ. އޭނާ މަޑު ހިނގުމުގައި އައިސް ކުލިނިކަށް ވަނެވެ.

* * * * *

ވީރާ ކުރި ތުހުމަތަށް އެއްޗެއް ބުނުމުގެ ބަދަލުގައި ލިއަމް ބެލީ އޭނާގެ ކޮއްކޮ ފަޟީޙަތްވުމުން ސަލާމަތް ކުރެވޭތޯއެވެ. އެގޮތުން ފުލުހުންނާ ގުޅިގެން ވީރާގެ ފޮޓޯތައް ލާފައި ހުރި ޕޭޖު ބުލޮކްކުރެވުނެވެ. ނަމަވެސް ވަކިފަރުދުންގެ އަތުން ފޮޓޯތަށް ފުހެއެއްނުލެވުނެވެ. ޢާއިލާވެފައި އޮތް ބަދުނާމަށް މުހުސިނާ ކެތްކުރެވޭތޯ ބެލިއެވެ. ނަމަވެސް އޭނާއަށް އެ ޚަބަރު ލިބުނު ރޭ ސްޓޯރޯކެއް ޖެހިއްޖެއެވެ. ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔައިރު މުޅި ޢާއިލާއަށް ފުން ހިތާމައެއް ލިބިފައި ވެއެވެ. އެއްފަޅި ވާގިނުނެތި މުހުސިނާ ސަލާމަތްވީ ﷲގެ ރަޙުމަތުންނެވެ. އެހެންވިޔަސް އޭނާގެ ކަނާއަތް ފަރާތުގެ ވަރު ދެރައެވެ. ކޮޅަށް އިނދެވުނަސް ހިނގާ ހަދާށާއި ކަނާއަތުން އެއްޗެއްގައި ހިފަން އުނދަގުލެވެ. މަންމަގެ ހާލު ފެނި ޒައިދަންގެ ރުޅި އިންތިހާއަށް ދިޔައެވެ. މަންމަ ފެންނަ ހިސާބަށް ވެސް ނައުމަށް ޒައިދަންވަނީ އޭނާގެ ކޮއްކޮއަށް އަންގާފައެވެ. މަންމައަށް އެހެން އެވީ ވީރާގެ ސަބަބުންކަން އެންމެންނަށް ވެސް އެނގެއެވެ.

ސައިފް އުޅޭ ނޫޅޭ ގޮތް ބެލުމަށް ލިއަމް އޭނާއަށް ފާރަލަމުން ދިޔައެވެ. ޓީވީ ސްޓޭޝަނެއްގެ ރަނގަޅު މަޤާމެއްގައި ހުރެ އޭނާ ހިންގަމުންދާ މުޑުދާރު ޢަމަލުތައް ކަޝްފުވިއެވެ. ވަގުތަކަށް ބަލަބާލާ ހުރި ލިއަމްއަށް ބޭނުންވި ފުރުޞަތު ލިބުނެވެ. ހުޅުމާލޭގެ ގެސްޓްހައުސްއަށް ސައިފް ވަންވަގުތަކީ ފުލުހުންގެ އެހީތެރިކަމާއެކު ލިއަމްގެ އޮޕަރޭޝަން ފެށުނު ވަގުތެވެ. އޭނާ ވަން ކޮޓަރިއެއް ހޯދައިގެން އެތަނަށް ލިއަމްމެން ވަނީ އިރުކޮޅެއް ފަހުންނެވެ. ދޮރުގައި ޓަކިޖެހުމުގެ ބަދަލުގައި ގެސްޓުހައުސްގެ ސްޓާފުންގެ އެހީތެރިކަމާއެކު އެ ކޮޓަރީގެ ދޮރުހުޅުވާލީއެވެ. ސައިފް ދައްކާނޭ ބަހަނާއެއް ނެތެވެ. އެނދުގެ ކޮޅާ ދިމާލުގައި ދުނިޔެއަށް އައިގޮތަށް ހުރީ ސައިފްއެވެ. ބޯކޮޅު ވަތަށް އޮތް އަންހެން ކުއްޖާ ފުންމައިގެން ތެދުވެ އެނދުގެ ބެޑުޝީޓުގަނޑު ދަމައިގެނެސް ހަށިގަނޑު ނިވާކުރެވޭތޯ އުޅުނެވެ. ދެމީހުން އަންނައުނުލާން ވަގުތު ދިނުމަށްފަހު ބިޑިއަޅުވައިގެން އެމީހުން އެތަނުން ނެރިއްޖެއެވެ.
ރާއްޖޭގެ ނޫސްތަކުގެ ފަލަ ސުރުހީއަށް ޓީވީ ސްޓޭޝަންގެ ނަމާއި މަޤާމާއެކު ސައިފްގެ ނަން ފަވާލެވުނެވެ. ފުލުހުންނަށް ލަންކާ ބަޔަކު ހަށިވިއްކުމުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށްގެންދާކަމުގެ މަޢުލޫމާތު ލިބިގެން ހިންގުނު އޮޕަރޭޝަނެއްގައިކަން ސައިފް ހައްޔަރުކުރެވުނީ އޮތެވެ.

އެ ޚަބަރާއެކު ވީރާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާގެ ޝުކުރު ލިއަމް ބަލައިގަތުމުގެ ބަދަލުގައި ވީރާއާ ސުވާލުކުރިއެވެ. ހޭޒަލްއާއި ސައިފްއާ ގުޅުވާ ވީރާ ވާހަކަދެއްކީ ކޮންކަމެއް އެނގިގެންތޯ އެއްސެވެ.

"ސައިފް ބުނީ... އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅޭކަން ހޭޒަލްއަށް އެނގިގެން އެވާހަކަދެއްކި" ވީރާ އަދިވެސް ހޭޒަލްއަށް ނަފުރަތު ކުރެއެވެ. އެކަމަކު މިހާރު އޭނާއަށް ވެސް އެ ނަފުރަތުގެ އަސްލު ބުނެދޭކަށް ނޭނގެއެވެ. އެހެންވިޔަސް ގޮތްދޫނުކުރަން ވެގެން އޭނާ ހުރީއެވެ.

"ޒެއްލުއޭ އެހެންމީހެކޭ ނުކިޔާ ދެން ވެސް ތަޢުބާވެބަލަ" ޒައިދަން ބުންޏެވެ.

ޒައިދަން ހުރީ ވީރާގެ ކޮޓަރި ދޮރުމަތީއެވެ. ލިއަމް އެ ކޮޓަރިއަށް ވަނީ އޭނާ ސިޓިންރޫމުގައި އިންދައެވެ. އެހެންވެ އެމީހުން ދައްކާ ވާހަކައެއް އަޑުއަހަން އައީއެވެ. ނަމަވެސް ވީރާގެ ގޮތްދޫނުކުރާ ގޮތް ފެނި ޒައިދަންއަށް އެއްޗެކޭ ނުބުނެ ނުހުރެވުނީއެވެ.

"ހޭޒަލް ދުވަހަކުވެސް އަހަންނަށް ބޭވަފާތެރިއެއްނުވާނެ، އޭނާއަކީ އެކަހަލަ އަންހެނެއްނޫން... ސައިފްއާއި އޭނާއާ ދެމެދު އޮންނަނީ ކޮންގުޅުމެއްކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ، އެ ދުވަހު ހޭޒަލް އަހަރެން ގާތު ނުބުނެ ވީރާއާ ވާހަކަދެއްކީ ކީއްވެކަން އެނގޭތަ؟... އަހަންނަށް އެނގުމުން ރުޅި އަންނާނޭވަރު އެނގޭނެތީ، އަހަރެންނާ ގުޅުންހުރި އެކަކަށް ވެސް އޭނާ ނުބައިކޮށް ނުހިތާނެ.... އޭނާ ވީރާއާ ވާހަކަދެއްކިނަމަ ދައްކާނީ ވީރާއަށް ރަނގަޅަކަށް... އޭނާގެ ނަން ދެން ނުކިޔާތި، އެއްވެސް މީހަކު އެއްވެސް ކަމެއްގަ އަހަރެންގެ ޒެއްލުއަށް ބްލޭމްކޮށްގެން ނުވާނެ" ލިއަމް ބުނަން ގަސްދުނުކުރި ވާހަކަތައް ވެސް ދުލުން ބޭރުވެއްޖެއެވެ. ޒައިދަންއަށް ފަރުވާތެރިކަމާއެކު ލިއަމްއަށް ބަލާލެވުނެވެ. ވީރާގެ މައްޗަށް ހުރި ރުޅީގެ އަސަރެއް އެމޫނަކު ނުވެއެވެ. އެއަށްވުރެ އޭނާ ހުރީ ލިއަމްއަށް ސަމާލުކަން ދެވިފައެވެ.

އެރޭ ލިއަމްއަށް އެއްގޮތަކަށް ވެސް ނުނިދުނެވެ. ހޭޒަލްގެ މަތިން ހަނދާންވެ ދެ ލޯ ކަރުނުން ފުރެނީއެވެ. ފަތިސް ނަމާދާ ޖެހެންދެން ވެސް ލިއަމްގެ ކަރުނައިގެ ބައިވެރިއަކަށްވީ ބާލީހެވެ. އޭނާ އެނދުން ތެދުވެ ފާޚާނާއަށް ވަނެވެ. ވުޟޫކޮށްލައިގެން ކޮޓަރިން ނުކުތްއިރު ބައްޕައާއި ޒައިދަން ސިޓިންރޫމު ދޮރުން ނުކުންނަނީއެވެ. އެމީހުންގެ ފަހަތުން ލިއަމް ވެސް ހިނގައިގަތެވެ. އޭނާގެ ފާފަތަކުން ހަށިގަނޑު ބަރުހެލިވެފައިވާ ކަހަލައެވެ. ނަމަވެސް މަގުމަތީ ދެމެމުން ވިޔަސް ލިއަމް މިސްކިތަށްދާން ގަސްދުކުރިއެވެ. އޭނާގެ އަތުގައިވި އެންމެ އަގުބޮޑު އެއްޗަކީ ލޯބިވާ ހޭޒަލްއެވެ. އެ ހައްޤުވަނީ ގެއްލިފައެވެ. އެކަންއެހެން މެދުވެރިވީ ކީއްވެކަން ލިއަމްއަށް އެނގެއެވެ. ތަޢުބާވާން އޭނާ ބޭނުމެވެ. އަލުން އޭނާގެ ދިރިއުޅުމަށް ހޭޒަލް ގެންނަން ބޭނުމެވެ.

(ނުނިމޭ)