ކާޖަލް

ކާޖޮލް: މޮޅު ފިލްމުތަކެއް ނުކުޅެ ދޫކޮށްލާފައިވޭ!

ކާޖޮލް އަކީ ބޮލީވުޑްގައި މަސައްކަތްކުރާ އެންމެ ހުނަރުވެރި ބަތަލާ ކަމަށް ވަރަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. ނަމަވެސް ކާޖޮލް އަކީ ކޮންމެ ކޮންމެ ފިލްމެއް ކުޅޭ ބަތަލާއެއް ވެސް ނޫނެވެ. ކާޖޮލް ފިލްމެއް ކުޅެން ސޮއި ކުރަނީ އޭނާ ހިތްހަމަޖެހޭ ގިނަ ސިފަތަކެއް އެ ފިލްމެއްގައި ހުރިނަމަ އެވެ. ކިތަންމެ ގިނަ ފައިސާއެއް ދިނަސް އޭނާ ހިތްހަމަނުޖެހޭ ކަހަލަ މައުލޫތަކަށް ހުންނަ ފިލްމުތަކެއް ކާޖޮލް އެއް ނުކުޅެ އެވެ. އަދި އޭނާއަށް ރަނގަޅަށް ޕާފޯމް ކުރެވޭނެ ރޯލެއް ނެތް ފިލްމެއް ވެސް ކާޖޮލް ގަބޫލެއް ނުކުރެ އެވެ.

ބައެއް ފަހަރަށް މިއާ ތަފާތު ގޮތްގޮތަށް ކުޅެން ބޭނުން ނުވެގެން ވެސް ވަރަށް މޮޅު ފިލްމުތައް ކާޖޮލް ދޫކޮށްލާފައި އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ފިލްމުތަކަކީ އެ ފިލްމުތަކުން މޮޅުކަމުން ތާރީޚުގައި ލިޔެފައިވާ ފިލްމުތަކެވެ.

ކާޖޮލް އެންމެ ފަހުން ކުޅުނު "ތަންހާޖީ" ރިލީޒްވެ ބޮޑު ކާމިޔާބެއް ދަނީ ހޯދަމުންނެވެ. މި ފިލްމުގައި ކާޖޮލް ހަރަކާތްތެރިވަނީ ފިރިމީހާ އަޖޭ ދޭވްގަން އާއި ސައިފް އަލީ ޚާނާއެކުގަ އެވެ.

ކާޖޮލް ނުކުޅެ ދޫކޮށްލި ބޮޑެތި ބައެއް ފިލްމުތައް:

3 އިޑިއަޓްސް: އާމިރު ޚާންގެ "3 އިޑިއަޓްސް" ގައި ކަރީނާ ކަޕޫރު ކުޅުނު ރޯލު އެންމެ ކުރިން ކުޅެން ލިބުނީ ކާޖޮލް އަށެވެ. ނަމަވެސް އޭނާ އެ ފިލްމު ކުޅޭކަށް ބޭނުމެއް ނުވި އެވެ. ފަހުން ހިންދުސްތާން ޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި ކާޖޮލް ބުނީ އެ ފިލްމު ނުކުޅުނީ އޭނާއަށް ކުޅެން ލިބުނު ރޯލާ މެދު ހިތްހަމަނުޖެހޭތީ އެވެ.

ޖޯޝް: މަންސޫރު ޚާން ޑައިރެކްޓްކޮށްފައިވާ ޝާހްރުކް ޚާނާއި އައިޝްވަރިޔާ ރާއީ ލީޑް ރޯލު ކުޅުނު "ޖޯޝް" ގައި އައިޝްވަރިޔާ އަދާކުރި ރޯލު ކުޅެން ވެސް ފުރަތަމަ ހުށަހެޅުނީ ކާޖޮލް އަށެވެ. ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި އޭނާ ބޭނުންވީ އެ ފިލްމުގައި ޗަންދުރަޗޫރް ސިންގް ކުޅުނު ރޯލަށް އާމިރު ޚާން ލައިގެން ޝާހްރުކް-ކާޖޮލް-އާމިރު ގެ ފިލްމެއް އުފައްދާށެވެ. ނަމަވެސް ކާޖޮލް މި ފިލްމުވެސް ކުޅެން އެއްބަހެއް ނުވި އެވެ. ފަހަރުގައި އެއީ ފިލްމުގައި އޭނާއަށް ކުޅެން ޖެހެނީ ޝާހްރުކްގެ އެއްމާބަނޑު ކޮއްކޮއެއްގެ ރޯލަށް ވާތީ ކަމަށް ވުން އެކަށީގެން ވެއެވެ.

ގަދަރް އޭކް ޕްރޭމް ކަތާ: ސަނީ ޑެއޯލް އާއި އަމީޝާ ޕަޓޭލް ކުޅެފައިވާ "ގަދަރް އޭކް ޕްރޭމް ކަތާ"ގައި އަމީޝާ އަދާކުރި ރޯލަށް ކާޖޮލް ހަމަޖައްސަން ފިލްމު އުފެއްދި ފަރާތުން މަސައްކަތް ކުރި އެވެ. ދާދިފަހުން ކާޖޮލް ބައިވެރިވި ޗެޓް ޝޯ އެއްގައި ވާހަކަ ދައްކަމުން ކާޖޮލް ބުނީ އެ ރޯލު ގަބޫލުނުކުރީ އޭނާއާ ގުޅޭ ވައްތަރެއްގެ ރޯލެއް ކަމަށް ނުފެނުނީމަ އެވެ.
ދިލް ސޭ: ޝާހްރުކް ޚާނާއި މަނީޝާ ކޮއިރާލާގެ މި ފިލްމުގައި މަނީޝާ ކުޅުނު ރޯލު ވެސް ފުރަތަމަ ލިބުނީ ކާޖޮލް އަށެވެ. މި ފިލްމު ކާޖޮލް އަށް ނުކުޅެވުނީ ތާރީޚުތައް ނުދެވިގެންނެވެ.