މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދަރުމަވަންތަ ސުކޫލްގެ އާ އިމާރާތް މާލޭ ޖަލުހުރި ބިމަށް

ދަރުމަވަންތަ ސުކޫލްގެ އާ އިމާރާތް އެޅުމަށް ނިންމާފައިވަނީ މިހާރު މާލޭ ޖަލު ހުރި ބިމުގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ ދަރުމަވަންތަ ސުކޫލްގެ އާ އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އެގޮތުން އެ އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ މާލޭ ޖަލު މިހާރު ހުރި ބިމުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދަރުމަވަންތައިގެ އާ އިމާރާތް ވަރަށް ތަފާތުވާނެ ކަމަށާއި އެ ސުކޫލް އިމާރާތް ކުރާނެ ގޮތުގެ މޮޑެލް މިހާރު ފައިނަލް ކޮށްފައިވާ ކަމަށެވެ.

"ދަރުމަވަންތަ ސުކޫލްގެ އައު އިމާރާތް މި އަޅަނީ މާލޭ ޖަލު ހުރި ތަނުގައި. މާލޭ ޖަލުގެ ކޮއްޓާ ޖެހިގެން ހުރި ކޮށި އެއްކޮށްލާފައި ފުދޭ ވަރަކަށް ބޮޑު ޖާގައެއް އެބައޮތް އަޅުގަނޑުމެންނަށް ލިބިފައި. އެތާގެ މޮޑެލްގެ މަސައްކަތް ނިންމާ ވަރަށް އަވަހަށް އެވޯޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ. މި މަސްތެރޭގައި އެވޯޑް ކުރެވިގެންދާނެ. ފެބްރުއަރީ މަހުގެ ތެރޭގައި މަސައްކަތް ފަށޭނެ,"

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސުކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންނަ އަހަރު ހުޅުމާލޭގައި ވެސް އިތުރު ސުކޫލެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއް ދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ނަމަވެސް އެއީ ވަގުތު ބޭނުންވާނެ އަދި ހަރަދު ބޮޑު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ހަތަރު އަހަރަށް ބަހާލައިގެން އާ ސުކޫލްތައް އިމާާރާތްކޮށް އެއްދަންފަޅިއަށް ބަދަލު ކުރުމުގެ ބޮޑު ޕްލޭނެއް އެބައޮތް ކަމަށެވެ.

އޭގެ ތަފްސީލެއް މިނިސްޓަރު ހިއްސާއެއް ނުކުރައްވަ އެވެ. އަދި އެއް ދަންފަޅިއަށް ރާއްޖޭގެ ހުރިހާ ސުކޫލްތައް ބަދަލުކުރެވޭނެ ވަކި ތާރީހެއްވެސް ވިދާޅެއްނުވެ އެވެ.