މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ މި މެސެޖާއެކު ބަނގުރަލާ ދުރުވޭ!

ރާއްޖޭގައި ބަޔަކު މީހުން ތައްޔާރު ކުރަމުންދާ ރަލުގެ ބާވަތެއް ކަމަށްވާ "ބޮގަރު" ތައްޔާރު ކުރަމުންދަނީ ނުތާހިރުކަމުގައި ފާހާނާތަކުގެ ތެރޭގައި ކަމަށާ އެފަދަ ތަކެއްޗާ ދުރުހެލިވުމަށް ދިވެހި ރައްޔިތުންނަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ވަނީ މިފަހުން "ބޮގަރު" ކައްކަން ތިބި ދެ ގުރޫޕެއް ބަސްޓްކޮށްލާ، އެ ކަންކަން އެ މީހުން ކުރަތިބޭ ތަންތަނުގެ ހާލަތު ފެންނަ ފޮޓޯތައް އާންމުކޮށްފައެވެ.

ފުލުހުން ބުނީ ގާނޫނާއި ހިލާފު އަމަލު ހިންގާ އެމީހުން އެ ތަކެތި ތައްޔާރު ކުރަމުންދަނީ ފާހާނާތަކުގެ ތެރޭގައި ފާހާނާ ތަށީގައި ކަމަށެވެ. އަދި މިއީ މުޑުދާރު، ސިއްހަތަށް ގެއްލުން ހުރި އެއްޗެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ އެފަދަ ތަކެއްޗާ ދުރުހެލިވެ، ގާނޫނީ އިމުގެ ތެރޭގައި ތިބުމަށް އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން ފުލުހުން ބަސްޓްކޮށްލާފައިވަނީ ވެލިދޫގައި "ބޮގަރު" ކަންކަން ތިބި ބައެކެވެ. އެ މީހުން އެ މަސައްކަތް ކުރަން ތިބި ތަނުގެ ފޮޓޯތައްވެސް ފުުލުހުން ވަނީ އާންމުކޮށްފައެވެ.

އެއީ ނުތާހިރުކަން އިންތިހާއަށް ބޮޑު ފާހާނާއެއް ތެރެއެވެ. އަދި އެކަމަށް ބޭނުންވާ ތަކެއްޗަކީވެސް ސާފުތާހިރުކަމެއް ނެތް ހަޑި ތަކެއްޗެވެ.

މިފަހުން އަނެއްކާވެސް މަގުތައްމަތީގައި މަސްތުގެ ހާލަތުގައި ތިބޭ މީހުން ފެންނަލެއް ގިނަވެފައިވާއިރު އެކަންކަން ހުއްޓުވުމަށް ފުލުހުން ގެންދަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.