ހަބަރު

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ރައުފާ

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ސ. ހުޅުދޫ، ރަތްވިލާގެ ރައުފާ ހައިދަރު އައްޔަން ކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ރައުފާ އެ މަގާމަށް އައްޔަން ކޮށްފައި ވަނީ، ގާނޫނުގެ 21-1 ވަނަ މާއްދާގެ (ރ) ގެ އަށް ވަނަ ނަންބަރުން އެ ޑިޕާޓްމަންޓަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ކަމަށެވެ.

ރައުފާ އެންމެ ފުރަތަމަ ސުޕްރީމް ކޯޓާ ގުޅުނީ، އޮކްޓޯބަރު 19، 2011 ގައި އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމާއެކު އެވެ. އެއަށްފަހު ނޮވެމްބަރު 6، 2019 ގައި ލީގަލް މަގާމުތަކުގެ އޮނިގަނޑަށް ގެނައި އިސްލާހާއި ގުޅިގެން ލީގަލް އޮފިސަރަކަށް ބަދަލުވި އެވެ.

މީގެ އިތުރުން އެޕްރީލް 8، 2013 އިން މެއި 7، 2014 އަށް ރައުފާ ވަނީ ވަގުތީ ގޮތުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް އަދާ ކުރައްވާފަ އެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ރައުފާ އައްޔަން ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.