ސަލްމާން ހާން

ސަލްމާނާ މައްސަލައެއް ނުޖެހޭ: ރޭމޯ

ސަލްމާން ޚާނާއި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ އެކުވެގެން 2018 ގައި "ރޭސް 3" ގެ މަސައްކަތް ކުރި އެވެ. ނަމަވެސް މި ފލްމަކީ މި ފްރެންޗައިސްގެ ފިލްމުތަކުގެ ތެރެއިން ކުރިން ރިލީޒްކުރި ދެ ފިލްމަށް ލިބުނު ވަރާ ގާތަށް ވެސް ކާމިޔާބު ލިބުނު ފިލްމަކަށް ނުވި އެވެ. ފާޑުކިޔުންތެރިން ވަރަށް ބޮޑަށް "ރޭސް 3" އަށް ފާޑުވެސް ކިޔާފައި ވެއެވެ.

ސަލްމާނާއި ރޭމޯ އާ ދެމެދު މައްސަލަތައް ޖެހުނު ކަމުގެ ޚަބަރުތައް ފެތުރެން ފެށީ މި ފިލްމު ރިލީޒް ކުރިތާ ދުވަސްކޮޅެއް ނުވަނީހެވެ. ނަމަވެސް ރޭމޯ ދާދި ފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ސަލްމާނާއި އޭނާއާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތެވެ. މިހާރުވެސް އެ ދެ މީހުން ބައްދަލުކޮށް ފިލްމީ ވާހަކަތައް ދައްކާ ކަމަށް ޑައިރެކްޓަރު ބުންޏެވެ.

ރޭމޯ ބުނި ގޮތުގައި ސަލްމާންގެ ފިލްމެއް ޑައިރެކްޓް ކުރަން ލިބުމަކީ އޭނާއަށް ލިބުނު ފަޚުރެކެވެ. އަދި ފިލްމުގެ ރިވިއުތައް ހުރި ގޮތުން މާޔޫސް ނުވާ ކަމަށް ވެސް ރޭމޯ ބުންޏެވެ.

އޭނާ އިތުރަށް ބުނީ މިހާރުވެސް "ޑާންސިން ޑޭޑް" ކިޔާ ފިލްމެއްގެ ސްކްރިޕްޓެއް ސަލްމާނަށް ދީފައިވާނެ ކަމަށާއި ސަލްމާނަށް ވަގުތު ވީއިރަކުން އެ ފިލްމު ފަށަން ތައްޔާރަށް ހުރި ކަމަށެވެ.

މި ދުވަސްކޮޅު ރޭމޯ އުޅެމުން ދަނީ ވަރަށް ބިޒީކޮށެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރުގެ "ސްޓްރީޓް ޑާންސާ 3ޑީ" މި މަހުގެ 24 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާތީ އެ ފިލްމުގެ ޕްރޮމޯޝަން މަސައްކަތާއި ސްޓާ ޕްލަސްގެ "ޑާންސް ޕްލަސް 5"ގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތުގަ އެވެ.