ލައިފްސްޓައިލް

ދަރިންނަށް ކާންދޭނެ ފަދަ ނެތް މަންމަގެ ނަސީބު އަތުގައި ހިފައިފި

އިންޑިއާގެ ޓެމިލް ނާޑޫގެ 31 އަހަރުގެ އަންހެނަކު މީހުންނަށް ދަރާ ވިކުމުން ދިރިއުޅުމުގެ އުންމީދު މުޅިން ކަނޑާލި އެވެ. އަދި އޭނާގެ ކުޑަ ތިން ދަރިންނާއެކު އަމިއްލައަށް މަރުވާން ގަސްތުކުރި އެވެ. ނަމަވެސް ނަސީބު އޭނާގެ އަތުގައި ހިފީ ވަރަށް ވެސް ހީ ނުކުރާ ކަހަލަ ގޮތަކަށެވެ. އޭނާއަށް ހަމްދަރުދީވީ މީހެއްގެ ސަބަބުން އޭނާގެ ހަޔާތުގެ ވާހަކަ މިހާރު ވަނީ މުޅިން ބަދަލުވެފަ އެވެ.

ޓީއޯއައިގައިވާ މި ޚަބަރުގައިވާ ގޮތުން ޕްރޭމާ ނަމަކަށް ކިޔާ މި އަންހެންމީހާގެ ފިރިމީހާ ވަނީ މީގެ ހަތް މަސް ކުރިން އަމިއްލައަށް މަރުވެފަ އެވެ. ފިރިމީހާ މަރުވުމުން އޭނާ މީހުންނަށް ދަރާފައިވާ ފައިސާތަކުގެ ސަބަބުން ޕްރެމާއަށް ހުރިހާ ދަރަންޏެއް ބޮލުގައި އަޅަން ޖެހުނެވެ.

ޕްރޭމާގެ ފިރިމީހާ ވިޔަފާރިއެއް ކުރަން ލޯނެއްގެ ގޮތުގައި ލިބުނު 2.5 ލައްކަ ރުޕީސް މީހަކު މަކަރު ހަދާ އޮޅުވާލައިގެން އޭނާގެ އަތުން އަތުލީ އެވެ. އެހިސާބުން އޭނާއަށް ކުރަން ފެނުނު އެންމެ ރަނގަޅު ކަމަކަށްވީ އަމިއްލައަށް މަރުވުމެވެ.

ފިރިމީހާ މަރާއެކު އޭނާގެ ދަރަނިތައް ވެސް ޕްރޭމާއަށް ދައްކަން ޖެހި އެ ދެ މީހުންނަށް ލިބިފައިވާ ތިން ދަރިންނަށް ކާން ދިނުމަށް ވެސް ޕްރޭމާ އަށް ދަތިވި އެވެ. އޭނާ ދަންނަންޏާ ދަންނަ މީހެއް ކައިރިއަށް ގޮސް އެހީތެރިކަމަށް އެދި އަތްދިއްކުރި އެވެ. ނަމަވެސް އެކަކުވެސް އޭނާއަށް އެހީއެއް ނުވި އެވެ.

ޕްރޭމާ އޭނާގެ ތިން ދަރިން ގޮވައިގެން މަގުމަތީގައި އުޅެނިކޮށް މަގުމަތިން ދިޔަ މީހަކަށް ފެނިގެން އައިސް ވަރަށް ރަނގަޅު ހުށަހެޅުމެއް ހުށަހެޅި އެވެ. އެމީހާ ވިގެއް ހަދަން ޕްރޭމާގެ އިސްތަށިގަނޑު ވިއްކަން އެމީހާ އެދުނެވެ. ޕްރޭމާ ދުވެފައި އެތާ ކައިރީ ހުރި ބޯކޮށާތަނަކަށް ގޮސް އިސްތަށިގަނޑު ބުރިކޮށްލާފައި އެމީހާއަށް ދިނެވެ. އެ އިސްތަށިގަނޑުގެ އަގަކަށް އޭނާއަށް ލިބުނީ 150 ރުޕީސް އެވެ. މި ފައިސާއިން 100 ރުޕީސްގެ ކާއެއްޗެތި ގަނެފައި ބާކީ އޮތް ފައިސާއަށް އޭނާ ގަންނަން ބޭނުންވީ ޒަހަރެވެ. ނަމަވެސް ފިހާރައިގައި އެއްޗެހި ވިއްކަންހުރި މީހާއަށް ޕްރޭމާ ކުރަން އުޅޭ ކަންތައް ވިސްނިގެން ޒަހަރު ވިއްކަން ދެކޮޅުހެދި އެވެ. ހިތްދަތި ވެގެން އަމިއްލައަށް މަރުވާން ޕްރޭމާ ދެން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ ދައްތަ އެކަމަށް ހުރަސްއަޅައި އެކަން ކުރިޔަ ނުދިނީ އެވެ.

ޕްރޭމާ އުޅޭ ހާލު ޖީ.ބާލާ ކިޔާ ގްރެފިކް ޑިޒައިނަރަކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކާ ހިއްސާކޮށް އޭނާއަށް އެހީތެރިވެވިދާނެ ކޮންމެ މީހަކު އެހީތެރިވުމަށް އެދުނެވެ. އަދި ޕްރޭމާއަށް ފަންޑް އެއްކޮށްދޭން ފެށި އެވެ.

ޕްރޭމާގެ ވާހަކަ އަޑުއަހާފައި ވަރަށް ގިނަ މީހުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭން ފެށުމުގެ ނަތީޖާއެއްގެ ގޮތުން އިސާހިތަކު 1.45 ލައްކަ ރުޕީސް އޭނާއަށް އެހީވާ ފަންޑަށް ލިބުނެވެ. ހަގީގަތުގައި ޖީ.ބާލާ އާ މި މަސައްކަތް ހަވާލުކުރީ ޕްރޭމާ ކުރިން ގާ އުފުލުމުގެ މަސައްކަތްކުރި ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިމީހާ އެވެ.

"ޕްރޭމާ އޭނާގެ ހާލަތު ކިޔައިދިނުމުން އަހަރެން އޭނާއަށް އެހީތެރިވާން ގަސްތުކުރިން. އޭނާއަށް ފައިސާކޮޅެއް ދީގެން އޭނާގެ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދާދޭކަށް އަހަރެން ބޭނުމެއް ނުވި. އަހަރެން ބޭނުންވީ އޭނާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭން. ޖީ.ބާލާ އަކީ މަގޭ ރައްޓެއްސެއް. އެހެންވެ އޭނާއާ ގުޅައިގެން ޕްރޭމާގެ ވާހަކަ ސޯޝަލް މީޑިއާގައި ޝެއާކޮށް އޭނާއަށް ފަންޑު ލިބޭނެގޮތް ވޭތޯ މަސައްކަތްކުރީ،" އެމީހާ ބުންޏެވެ.

ޕްރޭމާ ބުނި ގޮތުގައި ފޭސްބުކްގައި އޭނާގެ ވާހާކަ ޝެއާކުރުމުން މީހުން ތިން އެހީތެރިކަމުން އޭނާއަށް ފުން އަސަރުތަކެއް ކުރި އެވެ. އެ ޕޯސްޓް ނަގަން ވެސް އެހެންވެ އޭނާ އެދުނެވެ.

ދެން ދުވަހަކުވެސް އަމިއްލައަށް މަރުވާން އޭނާ ހިތަށްވެސް ނާރުވާނެ ކަމަށް ޕްރޭމާ ބުންޏެވެ. އޭނާ މިހާރު ބޭނުމީ ދަރިންނަށް ރަނގަޅު ތައުލީމެއް ދީގެން އެ ކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމެވެ. ބަނޑުހައިހޫނުކަމުގައި ދުވަހަކުވެސް ދަރިންނަށް ދެން އުޅެން ނުޖެހޭނެ ގޮތެއް ހަދައިދިނުމެވެ.

ޕްރޭމާގެ ވާހަކަ އޭނާ ދިރިއުޅޭ ސާލެމް ޑިސްޓްރިކްޓްގެ ވެރިންނަށް އެނގުމުން އޭނާއަށް އެތަނުގެ ފަރާތުން 25،000 ރުޕީސްގެ ފަންޑެއް ވަނީ ހަމަޖައްސައިދީފަ އެވެ. މި ފައިސާއިން އޭނާގެ ދަރިންނަށް ކާންދޭން ބޭނުންވާ ހަނޑޫ، ހަކުރު، ފުށް ލިބޭނެ އެވެ. އަދި ހުވަފަތް މީހުންނަށް ހަމަޖައްސާފައިވާ ފައިސާ ވެސް މިހާރު ޕްރޭމާއަށް ލިބޭ ގޮތް ވަނީ ވެފަ އެވެ.