ރަންބީރު ކަޕޫރު

ރަންބީރުގެ ނެށުމެއް ޝަކްތީ މޯހަން ކޯރިއޮގްރާފް ކޮށްދީފި

ރަންބީރު ކަޕޫރުގެ "ޝަމްޝީރާ" ގެ ލަވައެއްގެ ނެށުން ކޯރިއޮގްރާފް ކޮށްދީގެން ޝަކްތީ މޯހަން އޭނާ ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ހަދައިފި އެވެ. ނެށުމުގެ ދުނިޔޭގައި ވަރަށް މަޝްހޫރުކަން ހޯދާފައިވާ ޝަކްތީ ބޮލީވުޑް ތަރިއަކަށް ކޯރިއޮގްރާފް ކޮށްދިން މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް މި ފަހަރު މާ ޚާއްސަވީ ރަންބީރު ކަޕޫރު ނަށާ ލަވަޔަކަށް ވީމަ އެވެ.

"އެކްޓަރުންގެ ތެރެއިން ރަންބީރަކީ އަހަރެންގެ އެންމެ ފޭވަރިޓް އެކްޓަރު. އެހެންވެ ރަންބީރު އާއެކު މަސައްކަތް ކުރުމުގެ ފުރުސަތަކަށް އަހަރެން އަބަދުވެސް އެދި އެދި ހުރިން. މިހާރު އަހަރެން 'ޝަމްޝޭރާ' ގައި ރަންބީރު ނަށާ ލަވައެއް ކޯރިއޮގްރާފް ކޮށްދީގެން ހުވަފެން ހަގީގަތަކަށް ހަދައިފިން. މި ފިލްމު މިއަހަރުގެ ފަހުކޮޅު ރިލީޒް ކުރާނެ. އެ ދުވަހަކަށް އަހަރެން މި އިންތިޒާރު ކުރަނީ،" ޝަކްތީ ބުންޏެވެ.

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތު"ގެ "ނައިނޯވާލޭ ނޭ" ގައި ދީޕިކާ ޕަދުކޯން ނަށާފައިވާ ނެށުމަކީ ވެސް ޝަކްތީ ކޯރިއޮގްރާފް ކޮށްދީފައިވާ ނެށުމެކެވެ.

ޝަކްތީ ބުނި ގޮތުގައި އެއީ ވެސް ވަރަށް ޚާއްސަ ތަޖުރިބާ އެކެވެ. ބާންސާލީ އާއެކު އޭނާ އަބަދުވެސް ވަރަށް މަސައްކަތް ކުރާހިތް ވެއެވެ.

މިހާރު ޝަކްތީ ބޭނުމީ ރިތިކް ރޯޝަން އާއި މާދުރީ ޑިކްޝިޓް އާއެކު މަސައްކަތް ކުރާނެ ފުރުސަތެކެވެ. އެއީ އޭނާއަށް ނެށުމުގެ ތެރެޔަށް ވަންނަން މެދުވެރިވީ މި އެކްޓަރުންގެ ލަވަތަކުގެ ސަބަބުން ކަމަށް ވާތީ އެވެ.

ޝަކްތީ އޭނާގެ ކެރިއަރު ފެށީ ތަފާތު ޑާންސް ރިއަލިޓީ ޝޯތަކުގައި ބައިވެރިވެގެންނެވެ. އޭނާ އަކީ ޒީ-ޓީވީގެ "ޑާންސް އިންޑިއާ ޑާންސް" ގެ ދެ ވަނަ ސީޒަން ކާމިޔާބުކުރި ފަރާތެވެ. އޭގެ ފަހުން ކޯރިއޮގްރާފަރު ރޭމޯ ޑިސޫޒޯ އާއި ޕްރަބޫދޭވާ އާއެކު ބައެއް ލަވަތަކުގައި ޝަކްތީ ބައިވެރިވި އެވެ. އަދި މިހާރު ސްޓާ ޕްލަސް އިން ދައްކާ "ޑާންސް ޕްލަސް"ގެ ހުރިހާ ސީޒަނެއްގައި ވެސް ޝަކްތީ ވަނީ ބައިވެރިވެފަ އެވެ. ޝޯގައި ބައިވެރިވާ މީހުންގެ މެންޓާއެއްގެ ގޮތުގަ އެވެ.

ޝަކްތީ ބުނި ގޮތުގައި މާދުރީގެ ނެށުންތަކުގެ ތެރެއިން އޭނާއަށް އެންމެ ރީތީ "އަންޖާމް" ގެ ލަވައެއް ކަމަށްވާ "ޗަނޭ ކީ ކޭތު މޭ" އަށް މާދުރީ ނަށާފައިވާ ނެށުމެވެ.

"އެ ލަވައިގެ އެންމެ ޝޮޓެއްގައި މާދުރީގެ އެތައް ބައިވަރު އެކްސްޕްރެޝަނެއް ފެނޭ. ހިޔެއް ނުވޭ މާދުރީ ވަރުގެ ނެށުންތެރިއަކު އިންޑިއާގައި ވެސް ހުންނާނެހެނެއް،" ޝަކްތީ ބުންޏެވެ.