ހަބަރު

އިތުުރު ބަސް ސްޓޮޕްތައް ގާއިމު ކުރަނީ

މާލޭގެ އެކި ހިސާބުތަކުގައި ބަސް ސްޓޮޕްތައް ގާއިމް ކުރަން ވިސްނަމުންދާ ކަމަށް ބަސް އޮޕަރޭޓް ކުރަމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ ކާނިވާ ސަރަހައްދަށް ބަހުގެ އާ ރޫޓެއް އަންނަ މަހު ފަށާއިރު އެހެން ސަރަހައްދުތަކުގައި ބަސް ސްޓޮޕްތައް ގާއިމް ކުރަން ވެސް ވިސްނާފައިވާ ކަމަށެވެ. ނަމަވެސް އަދި ގޮތެއް ނުނިންމާ ކަމަށް ވެސް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ސެނަހިޔާ ކައިރިންނާއި ބޮޑު ތަކުރުފާނު މަގުގެ އެހެން ސަރަހައްދުތަކުގައި އިތުރު ބަސް ސްޓޮޕްތައް ގާއިމް ކުރަން ވަނީ މަޝްވަރާކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުގެ މެމްބަރު ޝަމާއު ޝަރީފު ކުރިން އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކާނިވާ ސަރަހައްދުގައި ބަސް ސްޓޮޕެއް ގާއިމް ކުރަން ނިންމީ އެ ހިސާބުގައި ހުންނަ އޮފީސްތަކުގައި އުޅޭ މީހުންނަށާއި އެ ހިސާބުގައި ދިރިއުޅޭ ފަރާތްތަކުން ހުޅުމާލެއިން މާލެއަށް ދަތުރު ކުރުމަށް ލުއި ފަސޭހަ ކޮށްދޭށެވެ.

އެމްޕީއެލް އިން އޮޕަރޭޓް ކުރަމުން އަންނަ ބަސްތައް މިހާރު ދަތުރު ކުރާ ރޫޓަކީ ހަމައެކަނި ބޮޑު ތަކުރުފާނު މަގުގައި ހުންނަ ރޫޓެވެ. އެތަނުގައި ދެ ބަސް ސްޓޮޕެއް ހުރެ އެެވެ. ދެން ހުންނަނީ މާލެ ހުޅުމާލެ ބަސް ޓާމިނަލްގައި ހުންނަ ބަސް ސްޓޮޕެވެ.