ވިޔަފާރި

ހައްޖު ކޯޕަރޭޝަނާއެކު އިސްލާމިކް ރިސޯޓެއް ހަދަން ބޭރު ކުންފުނިތައް ޝައުގުވެރިވެފައި

Aug 29, 2015

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ (އެމްއެޗްސީ) ގުޅިގެން ރާއްޖޭގައި އިސްލާމިކް ރިސޯޓު ތަރައްގީ ކުރަން ބޭރުގެ ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއީއޯ ޔާމީން އިދުރީސް ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި ސީއީއޯ ޔާމީން ވިދާޅުވީ ރާއްޖޭން ހައްޖަށް ދާ މީހުންގެ އަތުން ނަގާ ފައިސާގެ އަދަދު މަދުކުރުމަށް ގިނަ ވިސްނުންތަކެއް ގެންގުޅުއްވާ ކަމަށާއި، އެގޮތުން އެކަމަށް ގިނަ ޕްލޭންތަކެއް ވެސް ހަދަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް މަގުސަދު އެކައުންޓް ހޯލްޑަރުން ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން އެ ބޭފުޅުންނަށް ރަނގަޅު ރިޓާންއެއް ދިނުން. ރަނގަޅު އިންވެސްޓްމަންޓެއް ހެދިއްޖެނަމަ ހައްޖުގެ އަގު ކުޑަ ކުރެވިދާނެ. އޭގެން ލިބޭ ނަފާ ބޭނުން ކޮށްގެން،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތުގެ ދަށުން ހައްޖު ކޯޕަރޭޝަނުން ރާއްޖޭގައި އިސްލާމިކް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.

"ސަރުކާރުން ބުނެފައި ވަނީ ރަށެއް ދެއްވާނެ ކަމަށް. ރަށް ހަމަޖެހުމުން އޭރުން ޕްރޮޖެކްޓްގެ ޕްރޮޕޯސަލް ހެދިގެންދާނެ،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާމިކް ރިސޯޓުގެ އިތުރުން ރައީސް އަބްދުﷲ ޔާމީން ސައޫދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަ ދައްކަވާފައިވާ ގޮތުގެ މަތިން ދިވެހި ހައްޖާޖީން ނަށް އެ ގައުމުގައި ހޮޓަލެއް އެޅުމުގެ މަސައްކަތް ވެސް ކުރުމަށް ރާވާފައިވާ ކަމަށެވެ.