ކުޅިވަރު

ޕެނަލްޓީން ޖަހައިގެން ސުޕަ ކަޕް ރެއާލްއަށް

ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ސްޕެނިޝް ސުޕަ ކަޕް ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފި އެވެ.

މެޗުގެ ނަތީޖަ އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. އެހެންނަމަވެސް ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނެވެ. ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ޔޯއާ ފެލިކްސް އަށް ލިބުނު ތަނަވަސް ފުރުސަތު އޭނާ ފޮނުވާލުމުން ގޯލައާ ސީދާ ވަގޮތެއް ނުވި އެވެ. ދެ ވަނަހާފުގައި ރެއާލްއަށްވެސް ފުރުސަތު ލިބިގެން ދިޔަ އެވެ. ލަނޑެއް ނުޖެހުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ރެއާލް ސަލާމަތް ކޮށްދިނީ ފެޑްރީކޯ ވަލްވާޑޭ އެވެ.

އަލްވާރޯ މޮރާޓާއަށް ހުހަށް ލިބުނު ފުރުސަތުގައި އޭނާ އޭރިއާ ތެރެއަށް ވަދެވަދެ އޮތްވައި ވަލްވާޑޭ ވަނީ މޮރާޓާގެ ފަހަތުން ދަތި އަޅުވައި ވައްޓާލާފަ އެވެ. ރެފްރީ ވަގުތުން އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. ރަތް ކާޑު ދެއްކި ނަމަވެސް، މެޗުގައި ވަލްވޭޑ ދެއްކި ކުޅުމަށް އޭނާއަށް މޭން އޮފްދަ މެޗުގެ އެވޯޑް ދިނެވެ.

ޕެނަލްޓީގައި، ރެއާލްގެ ހުރިހާ ޕެނަލްޓީއެއްވެސް ކާމިޔާބު ކުރި އެވެ. އެތުލެޓިކޯގެ ފިލިޕޭ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލް ދަނޑިއަށެވެ. ތޯމަސް ލެމާ ޖެހި ޕެނަލްޓީ ރެއާލްގެ ކީޕަރު ޓިބޯ ކޯޓްއާ ދިފާއު ކުރީ އެވެ. ރެއާލް މޮޅުވީ ކެޕްޓަން ސާޖިއޯ ރާމޯސް ވައްދާލި ޕެނަލްޓީންނެވެ.