މި ސަރުކާރު ނުވެއްޓި އޮތީ ކޯލިޝަންގެ ސަބަބުން ކަމަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މެންބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީ އިސްވެ އޮތް ސަރުކާރެއް އުފެދިފައި އޮތް ނަމަވެސް ރަށްރަށުގައި ތިބި ރައްޔިތުންގެ ގިނަ ބަޔަކަށް އަދިވެސް ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބޭ ކަމަށާއި އޭގެ ސަބަބަކީ ސަރުކާރު ހިންގުމަށް ހަދާފައިވާ ކޯލިޝަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.
އަވަސްގައި ލިޔެފައިވާ ހަބަރަކާއެކު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ހައްގުވާ މިންވަރު ކަނޑައެޅިއިރުވެސް ކޯލިޝަން އޮތް ކަމަށާ ވެރިކަމަށް އައީވެސް ކޯލިޝަނަކުން ކުރި މަސައްކަތުން ކަމަށެވެ.
"ސަރުކާރު ނުވެއްޓި އޮންނަނީ ކޯލިޝަންގެ ސަބަބުން. ސަރުކާރު ސްލޯ [ލަސް] ވެފައި، އިހްލާސްތެރިކަމެއް ނެތިފައި، ހިންގަން ނޭންގޭތީ ހިދުމަތް ނުދެވެނީ." ސަރުކާރަށް ފާޑު ވިދާޅުވަމުން ޝަރީފް ވިދާޅުވިއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހއ. އިހަވަންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އުފެދިގެން އައުމާ އެކުގައި ރައްޔިތުންގެ އިތުރުން އެމްޑީޕީގެ އާންމު މެންބަރުންނަށް ވެސް އޭގެ ފުރިހަމަ ހިތްހަމަޖެހުމެއް ލިބިގެން ނުދާކަން ފެންނަ ކަމަށެވެ.
އޭގެ ސަބަބަކަށް އެމަނިކުފާނު ދެއްކެވީ ކޯލިޝަނެވެ.
"މި ޕާޓީގެ މެންބަރުންނަށް ވެސް އަދި މި ޕާޓީގެ މަސައްކަތުގައި އެތައް ޒަމާނެއް އުޅުނުހާ މީހުނަށް އަދި ރައްޔިތުންނަށް ވެސް ހައްގުވާ މިންވަރު ނުލިބި މި ދަނީ އެބައި އެހެން ތަންތަނަށް އަޅަން ޖެހޭ މިންވަރުން. އެއީ ސަރުކާރު އުފެދުނު ގޮތް. ސަރުކާރަށް އަޅުގަނޑުމެން އައީ މި ދެންނެވި އިންތިޒާމުގެ ތެރެއިން. އެހެން ޕާޓީތަކާ ގުޅިގެން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އެކަނި ރައްޔިތުން ދީފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދެނީ އެމްޑީޕީއާއި އެ ޕާޓީގެ ސިޔާސަތުތަކަށް ކަން ވަރަށް ސާފުކޮށް އެނގިގެން ގޮސްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ދެން ވިދާޅުވީ ވެރިކަން ތަރުތީބު ކުރެވެން ޖެހޭނީ ވެސް އެ ގޮތަށް ކަމަށެވެ.
"ރައްޔިތުން ނެތް ގޮތަކަށް ރާއްޖޭގެ ވެރިކަމެއް ނޯންނާނެ. ރައްޔިތުންގެ ފިކުރާއި ހިޔާލު އޮތް ގޮތަކަށް މި ރާއްޖޭގެ ވެރިކަން ތަރުތީބު ވެގެން ދާން ޖެހޭނީ. ހަމަ ގައިމު ވެސް އެމްޑީޕީގެ ވެރިކަމެއް އުފެދި ތަރުތީބު ވެގެން އަންނާނީ މި ގޮތުގައި." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު އެމްޑީޕީއަށް މުހިއްމުވާ ސަބަބަކީ ވެސް އެއީ ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ސިޔާސަތުތައް ދަންނާނެ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމަށާއި ސަރުކާރު އެ ގޮތުގައި ތަރުތީބު ކުރުމަށްޓަކައި އެމްޑީޕީއަށް އެ އިންތިހާބު ކާމިޔާބު ކުރުން މުހިއްމު ކަމަށެވެ.
"އިއްތިހާދުގެ އިންތިޒާމުތަކުގެ ތެރޭގައިތޯ ސަރުކާރު އޮންނާނީ ނުވަތަ އެމްޑީޕީގެ ރިޔާސަތެއްގެ ގޮތުގައި، [ރައީސް] އިބްރާހީމް މުހައްމަދު ސޯލިހްގެ ޒައާމަތެއްގެ ގޮތުގައި ހިނގާ ސަރުކާރެއްތޯ މި އިންތިހާބުން ކަނޑައެޅޭނެ، އަޅުގަނޑުމެން [އެމްޑީޕީން] އެދެނީ އަޣުލަބިއްޔަތު ރައްޔިތުން އެދޭ ގޮތަށް ކަންކަން ވަމުން ދިޔުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ މީގެ ކުރިންވެސް ކޯލިޝަން އުވާލުމަށް ބާރުއަޅުއްވާ ވާހަކަދައްކަވާފައެވެ. އަދި ސަރުކާރު ހިންގަން ބޭނުންވަނީ އެމްޑީޕީން އެކަނި ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯއެއް އެބައޮތް ކަމަށާ އެމްޑީޕީގެ މެންބަރުންގެ ތަސައްވުރެއް ވެސް އެބައޮތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހިނގަމުންދަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެމްޑީޕީގެ މެންބަރުން ހިތުއެޅި ކަމެއް، ކުރެހި މަންޒަރެއް ހަގީގަތަކަށް ހަދަން އެހެން ބަޔަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރާ ގުޅިފައިވާ ކޯލިޝަންގެ ބައިވެރިވެރިންނަށް ރައްދުވާ ގޮތަށް އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ނޫން އެހެން ބައެއް ވަޒީރުން ވަރަށް ނުފަރިތަކޮށް އުޅުއްވާ މަންޒަރު ފެންނަ ކަމަށް ވިދާޅުވި އެވެ.
"އެއީ މި ސަރުކާރު އަޅުގަނޑުމެންގެ ވިސްނުމުގައި، އަޅުގަނޑުމެން ހިންގުން... އަޅުގަނޑުމެންގެ ސަރުކާރަކަށް، އަޅުގަނޑުމެން މި ބޭނުންވާ، އަޅުގަނޑުމެން މި އުންމީދުކުރާ ކަންކަން، އަޅުގަނޑުމެން ހިތުއެޅި ގޮތެއް، އަޅުގަނޑުމެއް ހިތުއެޅި ކަމެއް، އަޅުގަނޑުމެން ކުރެހި މަންޒަރެއް، އެހެން މީހަކު ގޮސް އެހެން ބަޔަކަށް އެކަން، އެ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން އަޅުގަނޑުމެންނަށް ދަތި! އަބަދުވެސް ފެނޭ ނުފަރިތަ ވެގެން އުޅުއްވާތަން. ވަޒީރު ބޭފުޅުން ވެސް. އަދި އެހެން އެހެން ބަޔަކު... އަޅުގަނޑު އެއްގޮތަކަށް ވެސް މި ދެންނެވީ އެމްޑީޕީގެ ވަޒީރުންގެ ވާހަކައެއް ނޫން... އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ތިޔަ ބޭފުޅުން އެބަ އެދެޔޭ ތި ބޭފުޅުން މި ސަރުކާރު ހިންގަން. ތިޔަ ބޭފުޅުން ބޭނުންވާ މިސްރާބަށް މި ސަރުކާރު ދިއުމަށް." އެމްޑީޕީ ސަޕޯޓަރުންނާއެކު ދަރުބާރުގޭގައި ބޭއްވި ބައްދަލްވުމެއްގައި ނަޝީދު ވިދާޅު ވިއެވެ.