ބާސެލޯނާ

ބާސާއިން ވަލްވެރުޑޭ ވަކިކޮށް ކޯޗަކަށް ސެޓިއެން

އެފްސީ ބާސެލޯނާގެ ކޯޗް ކަމުގެ މަގާމުގައި ހުރި އެރުނެސްޓޯ ވަލްވެރުޑޭ، އެ މަގާމުން ވަކިކޮށް އެ ޓީމުގެ ކޯޗަކަށް، ރެއާލް ބެޓިސްގެ ކުރީގެ ކޯޗް ކީކޭ ސެޓިއެން ހަމަޖައްސައިފި އެވެ.

ވަލްވެރުޑޭ މަގާމުން ވަކި ކުރުމުން، އެކަން ވެފައި ވަނީ 17 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސީޒަންގެ މެދުތެރެއިން ބާސާގެ ކޯޗް ވަކި ކުރި ފަހަރަށެވެ. ބާސާގެ ކޯޗްގެ މަގާމުގައި 2003 ވަނަ އަހަރު ހުރި ލުއިސް ވެންހާލް ވަކި ކުރީ ސީޒަންގެ މެދުތެރެއިންނެވެ. އޭގެ ފަހުން ވަލްވެރުޑޭ އާ ދެމެދު އައްޔަން ކުރި ހުރިހާ ކޯޗުންވެސް ވަނީ އެއްބަސްވުން ފުރިހަމަ ކޮށްފަ އެވެ.

ވަލްވެރުޑޭ ކޯޗް ކަމުން ވަކި ކުރީ، އާދިއްތަ ދުވަހުގެރޭ ނިމިގެން ދިޔަ ސްޕެނިޝް ސުޕަ ކަޕްގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވުމުންނެވެ. ބާސާ އަތުން މެޗު ގެއްލުނީ މެޗުގެ އެންމެ ފަހު 10 މިނެޓްގައި ހެދުނު ގޯސްތަކުންނެވެ. ވޭތުވެދިޔަ ދެ ސީޒަންގައިވެސް ވަލްވެރުޑޭ ވަނީ ބާސާއަށް ސްޕެނިޝް ލީގް ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މިދިޔަ ސީޒަންގެ ސްޕެނިޝް ކަޕްގެ ފައިނަލުން ބާސާ ބަލިވީ ވެލެންސިއާ އަތުންނެވެ. ލީގްގައި ކާމިޔާބު ހޯދުނަސް، މިދިޔަ ދެ އަހަރުވެސް ޗެމްޕިއަންސް ލީގްގައި ބާސާއަށް ނާކާމިޔާބުވުމަކީވެސް ވަލްވެރުޑޭ ކޯޗް ކަމުން ވަކިވާން މެދުވެރި ސަބަބެކެވެ. އަދި ބާސާގެ އައިޑެންޓިޓީ އާއި ސްޓައިލް ގެއްލިފައިވާކަން އެ ޓީމުގެ ސަޕޯޓަރުން ފާހަގަ ކުރެ އެވެ. ދެހާސް ތޭރަ ވަނަ އަހަރު ވެލެންސިއާގެ ކޯޗް ކަމުންވެސް ވަލްވެރުޑޭ ވަނީ ވަކި ކޮށްފަ އެވެ.

ބާސާގެ ކޯޗްކަމަށް ލަސްޕަލަމްސްގައިވެސް ކުރިން މަސައްކަތް ކުރި ސެޓިއެން ހަމަޖައްސާފައި ވަނީ ދެ އަހަރާ ބައިގެ މުއްތަށެވެ. އޭނާގެ އެއްބަސްވުން ހަމަވާނީ ޖޫން 2022 ގަ އެވެ. ދެ އަހަރު ކުރިން ބާސާގެ ކޯޗް ކަމަށް ވަލްވެރުޑޭ ގެނައުމުގެ ކުރިން، އެ ޓީމުން ޝޯޓްލިސްޓް ކުރި ކޯޗުންގެ ތެރޭގައިވެސް ސެޓިއެން ހިމެނެ އެވެ.

އެއްވެސް ކޯޗަކަށް ޔަގީން ކަމާއެކު ބުނެފައި ކާމިޔާބެއް ނުހޯދޭނެ އެވެ. އެހެންނަމަވެސް ކުޅޭނެ ސްޓައިލް އާއި ޓީމުގެ އައިޑެންޓިޓީ ގެނައުމުގައި އެ ޔަގީންކަން ދެވިދާނެ އެވެ. ސެޓިއެންވެސް އޮތީ އެ އުސޫލެވެ. ބާސާގެ އައިޑެންޓިޓީ އޭނާ އަށް ގެނެވިދާނެ އެވެ. މީގެ ކުރިން އޭނާ ބުނެފައި ވަނީ، ޔޯހާން ކްރައިފްގެ މަސައްކަތް ފެނުމުން އޭނާއަށް ފުޓްބޯޅައިން ގިނަ ކަންކަމެއް އޮޅުން ފިލާފައިވާ ކަމަށެވެ. އޭނާ އަކީ ބާސާގެ ސްޓައިލް އާ ރައްޓެހި ޕާސިން އަދި އެޓޭކިން ފުޓްބޯޅައަށް ޝައުގުވެރިވާ ކޯޗެކެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ސެޓިއަންގެ ކެރިއާގެ ބޮޑުބައެއް ހޭދަ ކުރީ ރޭސިން ސަންޓަންޑާގަ އެވެ. އޭނާގެ ކޯޗިން ކެރިއާ ފެށީ 2001 ވަނަ އަހަރު ސްޕެއިންގެ ދަށް ޑިވިޝަންތަކުގައެވެ. ޓޮޕް ޑިވިޝަންގައި އޭނާ މަސައްކަތް ކުރަން ފެށީ 2015 ވަނަ އަހަރު ލަސްޕަލަމްސްގަ އެވެ.

އޮކްޓޯބަރު 2015 ގައި ލަސްޕަލަމްސްގެ ކޯޗް ޕަކޯ ހެރެއިރާ ވަކި ކުރުމަށް ފަހު، ރެލިގޭޝަންގައި އޮތް ޓީމު ސަލާމަތް ކުރުމަށް އެ ޓީމުން ގެނައީ ސެޓިއެން އެވެ. އޭނާ ވަނީ އެ ސީޒަންގައި ރެލިގޭޝަންގައި އޮތް ޓީމު ނަގައި 11 ވަނައަށް ގެންގޮސްދީފަ އެވެ. ކުލަބުގެ ބޯޑާ ހިޔާލު ތަފާތުވުން އުފެދި ޖެހިގެން އައި ސީޒަނަށް ފަހު އޭނާ ކުލަބު ދޫކޮށްލި އެވެ. ބެޓިސްގެ ކޯޗް ކަމާ ހަވާލުވެ ފުރަތަމަ ސީޒަންގައި އެ ޓީމު ޔޫރޮޕާ ލީގަށް ކޮލިފައި ކޮށްދިނެވެ.

މިދިޔަ ސީޒަންގައި އެކަން ނުކުރެވުމުން، އޭނާ ކޯޗް ކަމުން ވަކި ކުރި އެވެ. މިދިޔަ ސީޒަންގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބަލި ކުރި އެވެ. ބެޓިސްގެ ކޯޗް ކަމުން އޭނަ ވަކި ކުރީ ރެއާލް ބަލި ކުރިތާ ތިން ގަޑިއިރުވެސް ނުވަނީހެވެ.