ޓޫރިޒަމް ދޫކޮށްފައިވާ ބިންތަކުގެ މުއްދަތު އިތުރު ކޮށްގެން މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ރެކޯޑް އަދަދަކަށް އިތުރު ވެއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ މުއްދަތު އިތުރު ކޮށްގެން، މިދިޔަ އަހަރު 306 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. މިއީ ކުރީ އަހަރު ލިބިފައިވާ 76 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ގާތްގަނޑަކަށް 300 ޕަސެންޓުގެ އާމްދަނީ އިތުރު ވުމެކެވެ. އަދި މިއީ 2016 ވަނަ އަހަރުގެ ފަހުން ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުގެ މުއްދަތު އިތުރު ކޮށްގެން ދައުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ފަހަރެވެ.
ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުގެ މުއްދަތު އިތުރު ކޮށްގެން ދައުތަލަށް މިދިޔަ އަހަރު ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ނުހެދި ހުރި ރަށްތައް ހަދަން މިދިޔަ އަހަރު ސަރުކާރުން ދިން ލުއިތަކުގެ ސަބަބުނެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ކޮންސްޓްރަކްޝަން ޕީރިއަޑް (ސީޕީ) އާ ބެހޭ ގޮތުން އާ ގަވާއިދެއް މިދިޔަ އަހަރު އެކުލަވާލާފަ އެވެ. މުއްދަތު އިތުރު ކުރަން އެދޭ ފަރާތްތަކުގެ އަތުން ކުރިން ފީ ނަގަމުން ދިޔަ އުސޫލަށް ބަދަލު ތަކެއް ގެނެސްފަ އެވެ. އަލަށް އަމަލު ކުރަން ފެށި، ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ (ސީއެސްއާރު) ގަވާއިދުގެ ދަށުން ލިބޭ ފައިސާ ބަލައިގަތުން ވަނީ މީރާއަށް ބަދަލުކޮށްފަ އެވެ.
މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޓޫރިޒަމް ބިން ތަކުގެ މުއްދަތު އިތުރުކޮގެން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ 2016 ވަނަ އަހަރު ލިބުނީ 569 މިލިއަން ރުފިޔާ އެވެ. އެ އަހަރު ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގިނަ ރިސޯޓު ތަކެއް މާކެޓަށް ނެރެން ބާރު އެޅުމުގެ ގޮތުން ދިން ލުއި ތަކުގެ ސަބަބުނެވެ. އެ ލުއިތަކާއެކު އެ ސަރުކާރުގެ ފަސް އަހަރު ނިމުނުއިރު ގާތްގަނޑަކަށް 50 ރިސޯޓު ހުޅުވި އެވެ.