އެންމެ ވަރުގަދަ ހަތަރު ފޯވަޑުން ހިމަނައިގެން، މޮނާކޯ އާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ 3-3 އެއްވަރު ވެއްޖެ އެވެ.
ޕީއެސްޖީގެ ކޯޗް، ތޯމަސް ޓޫހުލް ވަނީ ނޭމާ އާއި ކިލިޔަން އެމްބާޕޭ އާއި މައުރޯ އިކާޑީ އަދި އޭންހަލް ޑީ މާރީއާ ހިމަނައިގެން މެޗަށް ނުކުމެފަ އެވެ. ފުރަތަމަ ލަނޑު މެޗު ފެށިގެން ތިން ވަނަ މިނެޓްގައި ނޭމާ ކާމިޔާބު ކުރުމުން، ހަތަރު ފޯވަޑުންގެ ކޮމްބިނޭޝަން އާއެކު ގިނަ ލަނޑުތަކެއް ޖެހޭނެ ކަމަށް އުންމީދު ކުރެވުނެވެ. އެހެންނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ގެލްސަން މާޓެންސް ވަނީ މޮނާކޯއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މެޗުގެ 13 ވަނަ މިނެޓްގައި، މޮނާކޯއިން ލީޑް ނެގި އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ވަސީމް ބެންޔާޑެރު އެވެ. ޕީއެސްޖީއަށް ނަތިޖާ ހަމަހަމަވީ، މޮނާކޯގެ ފޯޑޭ ބާލޯ ޓޯރޭ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީ އަކުން ނޭމާ އަލުން ލީޑް ނަގައިދނެވެ.
އެހެންނަމަވެސް ދެ ވަނަ ހާފުގައި އެ ލީޑްގައި ހިފަހައްޓާ ލެވުނީ މެޗުގެ 70 ވަނަ މިނެޓާ ހަމައަށެވެ. އިސްލާމް ސްލިމާނީ ވަނީ މޮނަކޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ލަނޑު ޖެހުމުގެ ކުރިން ސްލިމާނީ ހުރީ އޮފްސައިޑް ޕޮޒިޝަނެއްގަ އެވެ. އެކަމާ ޕީއެސްޖީން އެޕީލް ކުރި ނަމަވެސް ރެފްރީ ނިންމީ ލަނޑެއް ކަމަށެވެ. މެޗުގެ ފަހު ކޮޅުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެޑިންސަން ކާވާނީ ކުޅެން ނުކުމެ ފުރުސަތު ތަކެއް ތަނަވަސް ކުރި އެވެ.
ޕީއެސްޖީ ވަނީ 19 މެޗުން 46 ޕޮއިންޓް ހޯދާފަ އެވެ. އެއީ ދެ ވަނައިގައި އޮތް މާސޭއަށް ވުރެ އިތުރަށް ފަސް ޕޮއިންޓް ހޯދައިގެންނެވެ. މޮނާކޯ އޮތީ އަށް ވަނައިގަ އެވެ.