ކުޅިވަރު

އެރިކްސަނަށް ކުޅުން ނުދެއްކޭ ސަބަބު އެނގޭ

ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑަ ކްރިސްޓިއަން އެރިކްސަންއަށް އޭނާގެ އަސްލު ކުޅުން ނުދެއްކޭ ސަބަބު އެނގޭ ކަމަށް އެ ޓީމުގެ ކޯޗް ހޮޒޭ މޮރީނިއޯ ބުނެފި އެވެ.

އިންޓަ މިލާނުން ދަނީ އެރިކްސަން، އެ ކުލަބަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. ޓްރާންސްފާގެ މަސައްކަތުގައި އިންޓައަށް ރަނގަޅު ހިސާބަކަށް ދެވިފައިވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އިންޓައަށް އޭނާ ބަދަލުވުމާ ގާތަށް ދެވިފައިވީ ނަމަވެސް އެފްއޭ ކަޕްގައި މިރޭ މިޑްލްސް ބަރާ އާ ދެކޮޅަށް ކުޅޭ މެޗުގައި އެރިކްސަން ބޭނުން ކުރާނެ ކަމަށް މޮރީނިއޯ ބުންޏެވެ.

އެހެން ނަމަވެސް އެރިކްސަން އަކީ މިހާރު ޓޮޓެންހަމްގެ ފުރަތަމަ 11 އިން ދާއިމީކޮށް ޖާގަ ލިބޭ ކުޅުންތެރިއެއް ނޫނެވެ. އެރިކްސަންގެ ފަރާތުން ފެނިގެން ދަނީ އޭނާ އަސްލު ކުޅުންތޯ ސުވާލު ކުރުމުން މޮރީނިއޯ ބުނީ މިހެންނެވެ.

"އަހަރެން ޖެހޭނެ ތެދަށް ބުނަން، އޭނާގެ އަސްލު ކުޅުމެއް ނުފެނޭ،" މޮރީނިއޯ ބުންޏެވެ. "އަހަންނަށް އެނގޭ އޭނާގެ އަސްލު ކުޅުން ނުފެންނަނީ ކީއްވެގެން ކަން، އަހަންނަކީ ތަންދޮރު ނޭނގޭ މީހެއް ނޫން."

ޑެންމާކުގެ މިޑްފީލްޑާ މި ސީޒަންގައި ކުޅެފައި ވަނީ 25 މެޗުގަ އެވެ. ޕްރިމިއާ ލީގްގެ އަށް މެޗަށް އޭނާ ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެ ކުލަބުގެ ކޮންޓްރެކްޓް ހަމަވާން ކައިރިވެފައިވާއިރު، ކޮންޓްރެކްޓް އާ ކުރާކަށް އެރިކްސަން ބޭނުމެއް ނުވެ އެވެ. އޭނާ ކުރިން ބުނެފައި ވަނީ އިންގްލެންޑުން ބޭރުން ޗެލެންޖެއް ނެގުމަށް ބަލަމުންދާ ކަމަށެވެ.

މޮރީނިއޯ ބުނީ ކުޅުންތެރިޔަކު އެ ހާލަތުގައި ހުންނަނަމަ ޕާފޯމް ކުރަން އުނދަގޫވާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ޓޮޓެންހަމްގައި ހުރެ މެޗުތަކުން ފުރުސަތު ދޭއިރު ޕޮޒެޓިވް ކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް މިދިޔަ މަހު އެ ޓީމުގެ ކޯޗް ކަމާ ހަވާލުވި މޮރީނިއޯ ބުންޏެވެ.