ހަބަރު

އުތުރުގެ ކެމްޕޭން ދަތުރަށް ރައީސް ވަޑައިގެންފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން އުތުރުގެ ބައެއް ރަށްރަށަށް ކުރަމުންދާ ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހދ. އަތޮޅަށް ވަޑައިގެންފި އެވެ.

"އެޖެންޑާ 19 ރަށަށް" ނަމުގައި އެމްޑީޕީން އުތުރުގެ ރަށްރަށަށް ކުރާ ދަތުރުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ރައީސް ސޯލިހް މިހާރު ވަނީ ހދ. ނޭކުރެންދޫއަށް ވަޑައިގެންފަ އެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގަތުމުން ރަށުގެ ބަނދަރު ސަރަހައްދުން ގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ރައީސް ކުރައްވާ މި ދަތުރުފުޅުގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި ބާއްވާ އުތުރުގެ އަތޮޅުތަކުގެ މަހާސިންތާގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ކެމްޕޭންގައި އެ އަތޮޅުގެ އިތުރު ރަށްރަށަށް ވެސް ވަޑައިގަންނަވާނެ އެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރައީސް ހދ. އަތޮޅަށް ވަޑައިގެންނެވިއިރު، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އުތުރުގެ ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރައްވަމުންނެވެ.