ރައީސް މުހައްމަދު ނަޝީދު

އަޅުގަނޑުގެ ހިތަށް ލާމަރުކަޒީ ނިޒާމް ވެއްދި މީހަކީ ރައީސް ސޯލިހް: ނަޝީދު

ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފު ކޮށްދިން ޕާޓީއަކީ އެމްޑީޕީ ކަމަށާއި އެމްޑީޕީގެ ލީޑާޝިޕަށް އެންމެ ފުރަތަމަ އެފަދަ ނިޒާމެއް ހުށަހެޅުއްވި ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭނަށް ހދ. ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން އުފެއްދި އަސާސެއްކަން ކޮންމެ ރައްޔިތަކަށް ވެސް ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ. އެހެންކަމުން އެ ނިޒާމު ހިންގަން އެނގޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ ބޮޑަށް އެމަނިކުފާނު އަހަމިއްޔަތުކަން ދެއްވާ އެއް މަސައްކަތް ކަމަށާއި ރާއްޖެ ތަރައްގީ ކުރުމަށް ލާމަރުކަޒީ ނިޒާމު ގެނައުމަށް އެންމެ ފުރަތަމަ ވަކާލާތު ކުރެއްވި އެއް ބޭފުޅަކީ ވެސް ރައީސް ސޯލިހު ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމަނިކުފާނަށް ވެސް ލާމަރުކަޒީ ނިޒާމްގެ ވިސްނުން ގެނެސް ދެއްވީ ރައީސް ސޯލިހު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއް، އެއީ އަދި މި ކަން ފެށިގެން އުޅޭ ހިސާބެއް ނޫން، މި ނިޒާމުގެ ވާހަކަ ހަމަ ގައިމު ވެސް އަޅުގަނޑުގެ އުމުރުން ގާތްގަނޑަކަށް 18 އަހަރުން ފެށިގެން އަޅުގަނޑު ވައްދާދީފައިވާ އެކަކަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ، ފާދިއްޕޮޅު ހިންނަވަރު، ނޫރާނީއާގެ އިބްރާހިމް މުހައްމަދު ސޯލިހް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުންނާ ހަމައަށް ރައީސް ސޯލިހް ވިއްކަމުން ގެންދެވި އުސޫލުތަކަކީ އެމަނިކުފާނުގެ ހިތުގެ އަޑިން ގަބޫލު ކުރައްވާ އުސޫލުތަކާއި ވައުދުތައް ކަމަށާއި ލާމަރުކަޒީ ނިޒާމަކީ ވެސް އެއިން އުސޫލެއް ކަމަށެވެ. އަދި ރައީސް ގަބޫލު ކުރައްވާ އެ އުސޫލަކީ އެމަނިކުފާނު ވެސް ގަބޫލު ކުރައްވާ އުސޫލު ކަމަށް ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވީ މިހާތަނަށް ވެސް ރައީސް ސޯލިހާއި އެމަނިކުފާނު ގުޅިގެން އެކުގައި އިންތިހާބަކަށް ކުރިމަތިލައިފިނަމަ އެމްޑީޕީގެ ވާދަވެރި ޕާޓީތައް ބޮޑުތަނުން ބަލި ކުރާ ކަމަށެވެ. ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ވެސް ނުކުމެ މި ތިބީ ދެ ބޭފުޅުން ގުޅިގެން އިންތިހާބު ބޮޑުތަނުން ހޯދުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެ މީހުން މި ތިބީ އެކުގައި، އަޅުގަނޑުމެން ދެ މީހުން އެކުގައި ނުކުންނަ ކޮންމެ ފަހަރަކު އެތައް ތަނަކުން ތި މީހުން ބަލިވޭ، މި ފަހަރު ވެސް އަޅުގަނޑުމެން ދެ މީހުން ނުކުމެ މިތީ ވާދަވެރިން ބަލިކުރަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބައްޔެއް ނުކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން މިހާރު ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ހިންގަމުން ގެންދަނީ އެތައް އަހަރެއްގެ ތަޖުރިބާއާ އެކުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެ ގޮތުން އެމަނިކުފާނު ފާހަގަ ކުރެއްވީ ރައީސް ސޯލިހަކީ މަޖިލީހުގެ މަސައްކަތުގެ ތަޖުރިބާ ވަރަށް ބޮޑަށް ހުންނެވި ބޭފުޅެއް ކަމަށާއި މީގެ ކުރިން ނަޝީދު ރައީސް ކަން ކުރެއްްވައި ލިބިވަޑައިގެންނެވި ތަޖުރިބާތަކެވެ.

ނަޝީދު ދެން ވިދާޅުވީ އެމަނިކުފާނާއި ރައީސް ސޯލިހްގެ އިތުރުން އެމްޑީޕީގެ އެއްވެސް މެންބަރަކީ ވެރިކަމުގެ އަރާމާއި ލައްޒަތް ބޭނުންވެގެން އެއަށް ގެއްލި އުޅެމުންދާ ބައެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕްގެ ކޮންމެ ބޭފުޅަކީ ވެސް އާންމު ރައްޔިތުން އުޅޭ ތަންތަނަށް ގޮސް އެ މީހުން ހާލު ބަލައި އެ މީހުނާ އެއް ސަފެއްގައި މަސައްކަތް ކުރަން ދަންނަ ބައެއް ކަމަށެވެ.