އެފްއޭއެމް

ސައުދީގެ ފެޑްރޭޝަނާއެކު އެފްއޭއެމް އެއްބަސްވުމަކަށް

ސައުދީ އަރަބިއާގެ ފުޓްބޯލް ފެޑްރޭޝަނާއެކު ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭގެ ފުޓްބޯލަ އެސޯސިއޭޝަން، އެފްއޭއެމުން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އެފްއޭއެމުން ވަނީ، 2018 ވަނަ އަހަރު ގަތަރުގެ ފުޓްބޯޅަ ފެޑްރޭޝަން އާއެކު ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. ރާއްޖެއާ ސައުދީގެ ފުޓްބޯަޅަ ފެޑްރޭޝަން އާއެކު އެއްބަސްވުމުގައި ސޮއި ކުރުން އޮތީ އިއްޔެ ސައުދީ ފުޓްބޯލް ފެޑްރޭޝަންގައި ބޭއްވި ބައްދަލު ވުމުގަ އެވެ.

އާދިއްތަ ދުވަހުގެ ރޭ، ސައުދީ އަރަބިއްޔާގައި ނިމިގެން ދިޔަ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލު މެޗު ބައްލަވާލެއްވުމަށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ޖިއްދާއަށް ވަޑައިގެންފަ އެވެ. ސައުދީ އާއެކު ހެދި އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ ވެސް ބައްސާމެވެ. ސައުދީގެ ފެޑްރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ފެޑްރޭޝަންގެ ޖެނަރަލް ސެކެޓްރީ އިބްރާހިމް އަލް ގާސިމެވެ.

އެފްއޭއެމުން ބުނީ، މި އެއްބަސްވުމުގެ ދަށން ފުޓްބޯޅަ އާ ގުޅުން ހުރި ކަންކަމުގައި ދެ ފަރާތަށް ވެސް ފައިދާ ވާނެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ސައުދީ އަރަބިއްޔާ އިސްވެ އުފެއްދި ދެކުނު އަދި ހުޅަނގު އޭޝިއާގެ ފުޓްބޯލް ފެޑްރޭޝަން (ސްވާފް) ގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ. އަދި ސްވާފްގެ ސީނިއާ ނައިބު ރައީސްގެ މަގާމަށް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވެސް އިންތިހާބުވެ ވަޑައިގެންނެވި އެވެ.

އެހެން ނަމަވެސް، ސްވާފްގެ މަސައްކަތްތައް ނުފެށެނީސް އެ ފެޑްރޭޝަންގެ މެންބަރު ކަމުން މި ސަރަހައްދުގެ ބައެއް ގައުމުތައް ވަކިވި އެވެ. ރާއްޖެ ފިޔަވައި ދެކުނު އޭޝިއާއިން ބައިވެރިވި އަނެއް ހަ ގައުމުން ވެސް ސްވާފުން ވަކިވި އެވެ. މިހާރު ސްވާފްގެ ހަރަކާތެއް ނެތެވެ.