ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(12 ޖެނުއަރީ 2019 އާ ގުޅޭ)

އޭނާގެ ފާފަތަކުން ހަށިގަނޑު ބަރުހެލިވެފައިވާ ކަހަލައެވެ. ނަމަވެސް މަގުމަތީ ދެމެމުން ވިޔަސް ލިއަމް މިސްކިތަށްދާން ގަސްދުކުރިއެވެ. އޭނާގެ އަތުގައިވި އެންމެ އަގުބޮޑު އެއްޗަކީ ލޯބިވާ ހޭޒަލްއެވެ. އެ ހައްޤުވަނީ ގެއްލިފައެވެ. އެކަންއެހެން މެދުވެރިވީ ކީއްވެކަން ލިއަމްއަށް އެނގެއެވެ. ތަޢުބާވާން އޭނާ ބޭނުމެވެ. އަލުން އޭނާގެ ދިރިއުޅުމަށް ހޭޒަލް ގެންނަން ބޭނުމެވެ.

ޒައިދަން ފަސް އެނބުރި ބަލާލިއެވެ. އެމީހުންގެ ފަސްފަހަތުން ލިއަމް އަންނަތަން ފެނުމުން ބައްޕަގެ ކޮނޑުގައި އަތްޖައްސާލަމުން މަޑުކޮށްލަން އެދުނެވެ. އަދި އެމީހުންނާ ލިއަމް އަރާ ހަމަވާން ފުރުޞަތު ދިނެވެ. ތިންބަފައިން އެކުގައި މިސްކިތަށް ގޮސް ވަނެވެ. އަމިއްލަ ދިރިއުޅުމެއް ފެށި ހިސާބުން ލިއަމް އެ ޢާއިލާއާ ދުރުވެއްޖެއެވެ. ބައްޕައާއި ބޭބެއާއެކު ހުކުރު ދުވަހެއް ކީއްކުރަން ޢީދު ނަމާދެއްގައި ވެސް ލިއަމް ބައިވެރިނުވާނެއެވެ. ޢާއިލާއިން ގުޅާފައި ބުންޏަސް އޭނާ ކޮންމެވެސް ބަހަނާއެއް ދައްކާނެއެވެ. އޭނާ އެކަނި އެއިން ނަމާދަކަށް ދިޔަ ނަމަވެސް މިސްކިތަށް ދަނީ ޚުޠުބާ ނިމޭހާއިރަށެވެ. އެގޮތް މަންމައާއި ބައްޕައަކަށް ކަމަކުނުދާނޭކަން ލިއަމްއަށް އެނގެއެވެ. އަދި އެމީހުން އޭނާއަށް ދަސްކޮށްދިނީ އެހެން ކަންތައްކުރާކަށްނޫނެވެ. އަމިއްލައަށް އަޅުކަމުގައި ވެސް ކަންފަސޭހަކޮށްލަނީއެވެ. ނަމެއްގައި ކުރާ އުސޫލުންނެވެ. އަނބިމީހާ ބާރު އަޅާލެއް ބޮޑުކަމުން އަމިއްލަ ޟަމީރަށް ނޫނެކޭ ބުނަން ނުކެރިގެން ކުރާކަމެއް ފަދައެވެ. ޚުޝޫޢަތްތެރިކަމެއްނެތި ކުރަންޖެހޭތީ ކޮށްލާ ކަމަކަށް ފަދައެވެ.

ފަތިސް ނަމާދަށް މިސްކިތަށް ތިން ބަފައިން ވަނީ ހިމޭންކަމުގައި ތިބެއެވެ. އަދި ނަމާދުން އަވަދިވެގެން ގެއަށްދާން ނުކުމެ ވެސް އެކަކުއަނެކާ ވާހަކައެއް ނުދައްކައެވެ. އެގޮތް ލިއަމްއަށް ކަމުދިޔައެވެ. ނަމާދަށްފަހު އޭނާގެ ބަރުވެފައި ސިކުނޑިއާއި ނަފްސަށް ލުއިކަމެއް އިޙްސާސް ކުރެވުނެވެ. އެހެންނަމަވެސް މުޅިއަކުން ލުޔެނުލިބުނެވެ. ސިކުނޑީގެ ހާސްކަން ހިނދުކޮޅެއްގެ ތެރޭ އޭނާ ވަށާލައިފިއެވެ. ހޭޒަލްއާ މެދު ޚިޔާލުތައް ކުރެވެން ފެށީއެވެ. އޭނާ ބައްދަލުކޮށްލަން ލިއަމް ބޭނުންވަނީއެވެ. އާފެށުމަކުން ހޭޒަލްއާއެކު ދިރިއުޅެން ލިއަމްއަށް ޚިޔާލުކުރެވެއެވެ.

ތިންބަފައިން ގެއަށް ވަންއިރު ރަފާގެ އެހީގައި މުހުސިނާ ލަސް ފިޔަވަޅުތަކެއް އަޅަމުން އައިސް ސޯފާގައި އިށީންނަނީއެވެ. ޝަމާޢިލްއާއި ޒައިދަން ހުއްޓެއްކަމަކު މުހުސިނާގެ ލޮލުގެ ފިނިކަންކަމުގައިވީ އެމީހުންނާއެކު ލިއަމް ހުރިތަން ފެނިފައެވެ. ލުއިލުއި ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ދުވެލިއެވެ. ޝަމާޢިލްއާއި ދެ ދަރީން އައިސް ސޯފާތަކުގައި އިށީނެވެ. މުހުސިނާ ބައިންދާފައި ރަފާ ބަދިގެއަށް ވަދެ އެނބުރި އައީ ތަބަކުގައި ތަށިތައް އަތުރައިގެންނެވެ. ޝަމާޢިލްގެ ސައިފަތްކުލަ ގަދަ ފޮނިމަޑު ސައިތަށްޓާއި، ޒައިދަންއާއި ލިއަމްއަށް ކަޅު ކޮފީ ޖޯޑެކެވެ. ދެން އޭގައި ހުރި އަންނާރު ޖޫސްތަށި ނަގައި މުހުސިނާގެ އަތަށް ލައިދިނެވެ. މަންމައަށް ތަށީގައި ހިފިއްޖެކަން ޔަގީންވުމުން ރަފާ ވެސް އައިސް ޒައިދަން ގާތު އިށީނދެއްޖެއެވެ.

ލިއަމްގެ ފުށުން ބަދަލުތަކެއް އެދުވަހަށްފަހު ފެންނަމުންދިޔައެވެ. ޝާމާޢިލްއާއި މުހުސިނާއަށް އެކަން ފާހަގަވެއެވެ. ގޭތެރޭގެ ކަންކަމުގައި ލިއަމް ބައިވެރިވެއެވެ. މަންމައާއި ބައްޕަގެ އެދުންތަކަށް އިސްނަގައެވެ. ޑަކްޓަރުން ހުއްޓާލުމަށް ބުނަންދެން މަންމަ ގޮވައިގެން ފިޒިއޯ ހަދަން ދިއުމުގެ ޒިންމާއާ ލިއަމް ހަވާލުވިއެވެ. ﷲގެ ރަޙުމަތާއެކު މަޑުމަޑުން މުހުސިނާގެ ހާލު ރަނގަޅުވެ މީހެއްގެ އެހީއާ ނުލާ ހިނގާބިނގާވެ އުޅެވެން ފެށިއެވެ. އަނެއްކާ ވެސް އިހު އުޅޭހެން އޭނާއަށް ހަރަކާތްތެރިވެ އުޅުމަށް ފުރުޞަތު ލިބުނެވެ.

ވީރާގެ ވަޒީފާ ގެއްލި ގޭގައި އޭނާ އޮންނަނީއެވެ. ކާގަޑި ތަކުގައި އެންމެންނާ އެއްސުފުރާއެއްގައި ކެއުން އޭނާ ހުއްޓާލިއެވެ. ބަދިގެއަށް ވަދެ ހަދަނީ މުހުސިނާއާއި ރަފާ އެތަނުގައި ނޫޅޭ ވަގުތުތަކުގައެވެ. ޒަރޫރީ ބޭނުމެއްނެތިއްޔާ އޭނާގެ ހުރިހާ ވަގުތެއް އޮންނަނީ ކޮޓަރީގައެވެ. ވީރާއާ ވާހަކަނުދެއްކި ނަމަވެސް ޢާއިލާގެ ހުރިހާ މެންބަރުން ވެސް ވީރާއާ މެދު ވިސްނައެވެ. މުހުސިނާއަކީ ހުރިހާ ކުދީންގެ މަންމައެވެ. ދަރީންނަށް ކުށެއްކުރެވުމުން އެކުދީން ބާކީކޮށްލުމުން ރަނގަޅު ގޮތް ވިސްނައިދެވުނީ ކަމަކަށް މުހުސިނާއަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންވެ އޭނާގެ ދުޅަހެޔޮކަން އެނބުރި ލިބުމުން މުހުސިނާގެ ފުރަތަމަ ކަމަކަށްވީ ވީރާއާ ވާހަކަދެއްކުމެވެ. ލިއަމްއާއި ޒައިދަން އޮފީހަށް ދިޔަ ވަގުތު ބަލާ ވީރާގެ ކޮޓަރީގައި މުހުސިނާ ޓަކި ދީފިއެވެ. ދެތިން ފަހަރަށް ޓަކިދީފައި މަންމައޭ ބުނެ ވަންނަންތޯ މުހުސިނާ އަހާލިއެވެ. ދެން ވެސް ޖަވާބެއް ނައުމުން ދޮރުހުޅުވާލުމަށް ތަޅުގައި މުހުސިނާ ހިފާލިއެވެ. ތަޅުނުލާ ހުރި ދޮރު ހުޅުވުނެވެ. ކޮޓަރިތެރެއަށް އައިސްފަ އޮތް ހެޔޮ ބަދަލު މުހުސިނާއަށް ވަގުތުން ފާހަގަވިއެވެ. ހެދުން އަޅުވާ ދިގު ދަނޑީގެ މައްޗަށް އެއްލާފައި ހެދުންތަކެއް ނެތެވެ. ދާވަށިގަނޑު ފުރި އޭގެ މައްޗާއި ތަޅުންމަތީގައި ހެދުންތަކެއް ނެތެވެ. ރީތިވާ މޭޒުމަތި ވެސް ފެންނަނީ ތަރުތީބު ކުރެވިފައި ހުރި ތަނެވެ. ރީތިވާ މޭޒުގެ ގޮނޑިއަށް އެއްލާފައި އޮންނަ ތުވާލި ހުރީ އެ އަޅުވަން ޖެހޭ ތަނުގައި އަޅުވާފައެވެ. ތަންމަތި އަޅާފައި އޮތް އެނދުގައި ވީރާ އިނެވެ. ފާރުގައި ބުރަކަށި ޖައްސާލައިގެން އެނދުމަތީ ދެފައި ދަމާލައިގެންނެވެ. އެއްފައި އަނެއްފައިގަ އަޅުވާލައިގެންނެވެ. އަތުގައި ފޯނު އޮތެވެ. މުހުސިނާ އައިސް ވީރާގެ މަގަތުން އިށީންނަން އުޅުމުން ވީރާ ކުޑަކޮށް ބިއްދޮށަށް ޖެހިލިއެވެ.

"ދަރިފުޅު ގޭގައި އުޅުނަސް އުޅޭހެން ހީނުވޭ، މަންމަގެ ހާލު ބަލާލަން ވެސް ނާންނަމެންނު... ދަރިފުޅު ބަލިވީތަ؟" މުހުސިނާ އިސްނަގާ ވާހަކަދެއްކިއެވެ.

"ދޮންބެ ބުނެފައެއްނު އޮތީ އަހަރެން ނާންނަން، އަހަންނާ ހެދި މަންމައަށް ތިހެންވީ، އަހަރެން ފެނުނީމަ ބަލިބޮޑުވާކަށް ބޭނުމެއްނޫން" ވީރާގެ އަޑުގައި ހުރީ ރުންކުރުކަމެވެ. އެހެންނަމަވެސް މުހުސިނާ ހިނިތުންވެލިއެވެ. ދަރިފުޅުގެ ވައަތު ކޮނޑުން ފެށިގެން މުލައްދަނޑިއާ ހަމައަށް ފިރުމާލީ އޯގާތެރިކަމާއެކުއެވެ.

"ކޮންކަމަކާތް ދަރިފުޅު ތިހާ ރުޅިއެއް އައިސްގެން ތިއުޅެނީ، ދޮންބެއާއި ތުއްތޭއާއި މަންމައާއި ބައްޕަ ނޫނީ ދެން ކޮންބައެއް ހުރީ ވިރާއަށް ގޮތްކިޔަން، ކަންތައްވީގޮތުން އެންމެން ވެސް ދެރަވާނެ... ވީރާ!... ދަރިފުޅު ވިސްނާލަބަލަ، ރުޅިއައުމަކީ ހައްލެއްނޫން... ވަޒީފާއަށް ނުކުތީ ވަރަށް އުންމީދާއެކު، ދަރިފުޅު ޙާސިލުކުރަން ބޭނުންވާ ކަންކަން ވަރަށް ގިނަ، ގޭތެރޭގައި ދަރިފުޅުގެ ހުވަފެންތަކުގެ ވާހަކަތައް ދައްކާއިރު މަންމަ ހުރިހާ ވަގުތު އަޑުއެހިން، އެކަމަކު މިއަދު އެ ވަޒީފާ ވެސް ގެއްލިއްޖެ" މުހުސިނާ ބުންޏެވެ. އޭނާގެ ވާހަކަ ވީރާ މެދުކަނޑާލިއެވެ. ދެ ލޯ ފެންކަޅިވިއެއްކަމަކު ނުރޯން ވީރާ ގަދަ ހަދާލި ކަހަލައެވެ. ދަތްކުނޑިވިކާލަމުން އޭނާ ވާހަކަދެއްކިއެވެ.

"މީ ހޭޒަލްއާ ހެދި އަހަންނަށް ލިބުނު ލަނޑެއް... އޭނާ..." ވީރާ ނުރުހުމާއެކު ދައްކަން ފެށި ވާހަކަ މުހުސިނާ ހުއްޓުވިއެވެ. ވީރާގެ ދެއަތްތިލައިގަ މުހުސިނާ ހިފާލީ ތަންކޮޅެއް ބާރަށެވެ. އަދި ދަރިފުޅަށް ބަލަން އިނދެ އޭނާ ވާހަކަދެއްކިއެވެ.

"ވީރާ!... ދަރިފުޅަކީ ނުވިސްނޭ ކުޑަކުއްޖެއްނޫން... ތިކަން ދެން ހުއްޓާލަބަލަ، ހޭޒަލްގެ ފޮޓޯތަކާ ވީޑިއޯތަކެއްނޫނޭ ހުރީ، މުޅި ދުނިޔެއަށް ފަޟީޙަތްވީ ހޭޒަލްއެއްނޫނޭ، މި މަންމަގެ ދަރިފުޅޭ... ވީރާ!... އަމިއްލައަށް ކުށްޤަބޫލުކުރުމަކުން ތިމާ ދެރަމީހަކަށްނުވާނޭ... މަންމައަށް އެނގޭ، އެއީ ވީރާއަށް ހެދުނު ގޯހެއްކަން، އެހެންމީހެއްގެ ބޮލުގަ އެޅުވަމުން ތިމާއަށް ކުރެވިފަ އޮތް ފާފަ ފުހެވިގެން ނުދާނެ، ތި އިދިކީލަގޮތް ދޫކޮށްލަބަލަ ދަރިފުޅާ!... ކުށަށް ތަޢުބާވޭ، އޭރުން ﷲ އިރާދަކުރެއްވިއްޔާ ދަރިފުޅުގެ ދިރިއުޅުމުން މި ބަނަކަން ފިލާފާނެ، އަލުން ކުރިއަށް ދިއުމަށް ހިތްވަރުލިބޭނެ، އަމިއްލަ ކުށް ޤަބޫލުކޮށް މަޢާފަށް އެދެން އަވަސްވެގަތުމަކީ ތެދުވެރީންގެ ސިފައެއް" މުހުސިނާ އޯގާތެރިކަމާއެކު ދަރިފުޅަށް ވިސްނައިދިނެވެ.

އިސްޖަހައިގެން އިން ވީރާއަށް ދެލޮލަށް ޖަމާވި ކަރުނަ ނުހިފެއްޓުނެވެ. މިވީ ދުވަސްތަކުގައި ޢާއިލާ ތެރޭގައި ވެސް ބާކީވެއްޖެކަމުގެ އިޙްސާސް ވީރާ ބަލިކަށި ކުރުވިކަން ގައިމެވެ. އޭނާގެ ހަރުކަށިކަމާއި ރުންކުރުކަމަކީ ހިތްދަތިކަމުގެ ފޮރުވާލުމަށް ދަމާލެވިފައިވާ ފަރުދާއެކެވެ. ދަރިއެއްގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ މަޔަކަށެވެ. އެކަން ސާބިތުވެއްޖެއެވެ. މަންމަގެ ކުރިމަތީ ގޮތްދައްކާނެ ހިތްވަރު ވީރާގެ އެލިއްޖެއެވެ. އަދި އޭނާގެ ހަޤީޤީ އިޙްސާސްތައް ފާޅުވީއެވެ. މުހުސިނާ ދަރިފުޅުގެ ކޯތާފަތް ފުހެލަދިނެވެ.

"އަހަންނަކަށް ނޭނގެ ދެން ހަދާނޭ ގޮތެއް" ވީރާ ތެދުބަހުން ވާހަކަދެއްކިއެވެ.

"ތަޢުބާވުން އަވަސްކުރަންވީ... އެކަހަލަ ވިޔާނުދާ ކަމެއް ނުކުރަން މިވަގުތުން ފެށިގެން އަޒުމް ކަނޑައަޅާ، އެ ނިންމުގައި ސާބިތުވެ ހުރުމަށް ކޮންމެ ނަމާދަކަށްފަހު ދުޢާކުރޭ، ﷲގެ ވާގިފުޅަށް އެދޭ... އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ބަދަލުވެދާނެ، މަންމަ ބުނީތީ ވެސް އަޖުމަބަލާލަން ނިކަން އަޅުކަންތަކަށް ފަރުވާތެރިވެބަލަ، ތަފާތު ފެންނާނެކަން ޔަގީން، ހިތަށް ހަމަޖެހުން ލިބޭނެ" ހިތްވަރުގެ ހިނިތުންވުމެއް މަންމަ މޫނުން ފާޅުވެއެވެ. އެ ހިނިތުންވުން ވީރާއަށް އުންމީދެއްކަމުގައި ފުދުނެވެ.

* * * * *

މާޔޫސްކަމާއެކު ލިއަމް އިސްޖަހާލިއެވެ. ކޮފީމޭޒު ދޮށުގައި އޭނާއާއި ކުރިމަތިވާނޭހެން އިނީ ރިޒްވާނެވެ. ލިއަމް އާދޭސްކުރާވަރުން ރިޒްވާން އޭނާއާ ބައްދަލުކުރީއެވެ. ހޭޒަލްގެ ހާލު އޭނާ އެއްސެވެ. ރަނގަޅޭ ރިޒްވާނު ބުނެލިއެވެ. ދެން ވެސް ލިއަމް ވާހަކަދެއްކިއެވެ. ރިޒްވާނުގެ ޖަވާބުތައް ވަރަށް ކުރެވެ. ލިއަމްއަށް އެއްޗެއް އެނގޭވަރެއްނުވިއެވެ. ހޭޒަލްއާ ބައްދަލުކޮށްލަން ބޭނުންވާކަން ލިއަމް ބުނި ނަމަވެސް އެކަމާ ރިޒްވާނު އެއްޗެކޭ ނުބުންޏެވެ. ބުނި އެއްޗެއް ދެ ފަހަރަށް ލިއަމް ތަކުރާރު ކުރީ އެހެންވެއެވެ.

"ބައްދަލެއްނުވާނެ" ރިޒްވާނުގެ އަޑުގައި އެއްވެސް އަސަރެއްނުވެއެވެ.

"ކީއްވެ؟... އަހަރެން އޭނާ ވާހަކައެއް ދައްކާލަންވެގެން، ސީދާ ޒެއްލުއާ ނޫނީ ނުދެއްކޭނެ ކަހަލަ ވާހަކައެއް އެއީ" ލިއަމް އިނީ ރިޒްވާނަށް ބަލަހައްޓައިގެންނެވެ. ދެ މީހުން ނަޒަރު ހުރީ ސީދާވެފައެވެ. ރިޒްވާނުގެ ހިތުގައި އަނދައަނދާ ހުރި އަލިފާންގަނޑެއް ވިއެވެ. އެކަން އެނގޭނަމަ ޚުދު ލިއަމް ވެސް އޭނާގެ ކުރިމަތީ އިންނާކަށް ބޭނުމެއްނުވާނޭކަން އެނގެއެވެ. އެހެންވިޔަސް އެއިން އެއްވެސް އަސަރެއް ރިޒްވާނުގެ ފުށުން ފާޅެއްނުވެއެވެ.

"ހޭޒަލްގެ އަމިއްލަ ނިންމުން އެއީ... އޭނާ ލިއަމްއާ ވާހަކަދައްކަން ބޭނުންވި ދުވަހަކުން ލިއަމްއަށް ވެސް އެކަން އެނގޭނެ، އެހެންވީމަ ތިހެން ހޭޒަލްއަށް ބައްދަލުކޮށްދޭށޭ ކިޔާ ނުގުޅިއްޔާ ރަނގަޅު" ރިޒްވާނު ބުންޏެވެ.

"އަހަރެމެން... ވަރިވީ... ވަރިވީ ކީއްވެކަން... ޒެއްލު ބުނިތަ؟" ރިޒްވާނާ ނަޒަރު ވަކިކޮށްލުމާއެކު ލިއަމް ވާހަކަދެއްކިއެވެ. އެ އަޑުގައި ޖެހިލުންވުމެއް ހުއްޓެވެ. ރިޒްވާނުގެ ނަޒަރު ހުރީ އޭރު ވެސް ލިއަމްގެ ކޮންމެ ހަރަކާތަކަށް ހުއްޓިފައެވެ.

"އެއީ ތި ދެ މީހުންގެ ކަމެއް... އެކަމަކު އަހަންނަށް ޔަގީންވާ ކަމަކީ އަހަރެންގެ ދަރިފުޅު ކުށެއްނުކުރާކަން، އޭނާގެ ފިރިމިހާގެ ހައްޤުތައް އަދާކުރި، އޭނާއަށް ވަފާތެރިވި، ގޭތެރެ ބެލެހެއްޓި، ފިރިމީހާއަށް އުނދަގުލާއި ތަކުލީފުތަކެއް ނުޖައްސުވާ، އެހެންވިޔަސް ވަރި ޚިޔާރުކުރީ އޭނާ، އެ ބޮޑު ނިންމުން އޭނާ ނިންމާނީ ސާބިތު ހިފޭ ރަނގަޅު އުޒުރެއް އޮތީމަކަން އަހަރެން ޤަބޫލުކުރަން... ލިއަމް ވެސް އެ ނިންމުން ޤަބޫލުކުރޭ... މިގޮތަށް އިރުއިރުކޮޅާ ހޭޒަލްގެ ވާހަކަދައްކަން އައުމަކީ އަހަރެން ކުރާހިތްވާކަމެއްނޫން" ރިޒްވާނު ބުންޏެވެ. ލިއަމް މަޑުމަޑުން ބޯޖަހާލިއެވެ. ހީވީ ރިޒްވާނުގެ ކޮންމެވެސް ވާހަކައަކާ އޭނާ އެއްބަސްވާކަން ދައްކާލީހެންނެވެ.

"ޒެއްލު!... އެޓްލީސްޓް އޭނާ ގާތު ބުނެލަދީބަލަ، އޭނާއާ މީޓުކޮށްލަން... ހަމައެންމެ ފަހަރަކު، އެންމެ ފަހަރަކު ބޭނުމޭ" ލިއަމް ބުންޏެވެ. އެހެންނުވާނެކަން ބުނުމުގެ ބަދަލުގައި ރިޒްވާނު ބޯހޫރާލީއެވެ.

"އަހަރެން ދަނީ..." ރިޒްވާން ތެދުވަން އުޅުނެވެ. އެހިނދު ލިއަމް މޭޒާ ދިމާލަށް ގުދުވެލައި ރިޒްވާނުގެ އަތުގައި ހިފިއެވެ.

"ޕްލީޒް...ޕްލީޒް...ޕްލީޒް..." ލިއަމްގެ ދެ ލޮލުގައި ކަރުނައިގެ އަސަރުވިއެވެ. އޭނާގެ މޫނަށް ރިޒްވާނުގެ ނަޒަރު ހުއްޓިފައި ސުކޫތުކޮޅަކަށް ހުއްޓެވެ. އޭނާ ފިނިނޭވާއެއް ދޫކޮށްލިއެވެ. ދެފަރާތަށް ބޯހަލުވާލުމާއެކު ވާހަކަދެއްކިއެވެ.

"އަހަރެން ބުނިހެން ހޭޒަލް ބައްދަލުކުރަން ބޭނުންވެގެންނޫނީ ތިކަމެއްނުވާނެ، އެ ދުވަހަކަށް އިންތިޒާރުކުރޭ، އެކަމަކު އެ ދުވަސް އަންނާނެކަން އަހަންނަށް ޔަގީންކޮށެއް ނުދެވޭނެ... ދިރިއުޅުމައިގެން ކުރިއަށްދާން ލިއަމް ވެސް މަސައްކަތްކުރޭ" ރިޒްވާނު ބުންޏެވެ. އަދި ނިކަން އަވަހަށް ލިއަމްގެ އަތުން އަތް ނަގައި ހިނގައިގަތީ ފަސްއެނބުރުމެއްނެތިއެވެ.

* * * * *
4
މަސް ފަސް

ފައިލްތައް ލޮކަރުގެ ތެރެއަށް ލާފައި އޭގެ ކޯޑު އިޝްވާ ޖަހާލިއެވެ. އެވަގުތު އޭނާގެ އޮފީހުގެ ދޮރުހުޅުވުނެވެ. މާޔޫސްކަމާއެކު އެތެރެއަށް ވަދެގެން އައިސް އެތަނުގައި ހުރި ހުދުކުލައިގެ ދިގު ސޯފާއަށް ދާރިއަން ވެއްޓިގަތެވެ. ލައިގެން ހުރި އޮފީސް ހެދުމުން އެ އައީ އޮފީހުން ނުކުތް ގޮތަށްކަން އިޝްވާ ދެނެގަތެވެ. އޭނާ ކުޑަކޮށް ހިނިތުންވެލިއެވެ. ހުޅުވި ގޮތަށް ނުލައްޕާ ހުރި ދޮރު އިޝްވާ އައިސް ލައްޕާލިއެވެ.

"އަހަރެން ހިލޭ ސެޝަންއެއް ނަގައެއްނުދެން" ދާރިއަން ފެންނަ ހިސާބުގައި ހުއްޓުނު އިޝްވާ ދެއަތްއުރާލިއެވެ.

"އައި މިސް ހާ ޓޫ މަޗް... މި ކުޑަކުޑަ މާލޭގަ އޭނާ ފިލައިގެން އުޅެނީތަ؟ އެހެންނޫންނަމަ މިހާރު ފެންނަން ވެއްޖެ ދޯ... އިޝޫ ޕްލީޒް... އަހަންނަށް އޭނާ ހޯދާދީބަލަ..." ނިތްކުރީގައި ކަނާއަތް ބާއްވާލައި ލޯމަތި ފޮރުވާލައިގެން އޮވެ ދާރިއަން ބުންޏެވެ.

"ޑޭޑް ކީކޭ ބުނީ... ނޫނީ ދައްތަތަ؟..." ދާރިއަންއަށް ބަލަން ހުރެ އިޝްވާއަށް ހީވާ އެއްޗެއް ބުނެލިއެވެ.

"އަހަރެން އޭނާ ހޯދަން ހަދާނީ ކިހިނެއް؟" އިޝްވާ ދެއްކި ވާހަކައަށް ދާރިއަން ފަރުވާލެއް ނުބެހެއްޓިއެވެ.

"ދާރިއަންގެ ޚިޔާލީ ގާލްފްރެންޑެއްތީ، ހަޤީޤީ މީހެއްނަމަ އަހަންނަށް އޭނާ ހުންނަ ގޮތް ކިޔާދެވުނީސް... އޭނާގެ ފޮޓޯއެއްހާ ހިސާބު ދާރިއަންގެ އަތުގައި އޮތީސް... ޚިޔާލީ މީހުން ހޯދައެއްނުދެވޭނެ... ތިހުރީ އެކަން ބައްޔަކަވެފަ، އަވަހަށް އަހަރެންގެ ކައިރިން ސެޝަންއެއް ނަގަން މިކޮޅުގައި ރަޖިސްޓްރީވޭ" ދިމާކުރާ ފަދަ ހިނިތުންވުމަކާއެކު އިޝްވާ ވާހަކަދެއްކިއެވެ. އަދި އޭނާ އައިސް އެކަކަށް އިށީނދެވޭނެހެން ހުރި ގޮނޑީގައި އިށީނެވެ. އެއްފައި އަނެއްފައި އަރުވާލައި އަޑުވީއްލާ ހީނލިއެވެ.

"ޝީ އިޒް ރިއަލް... މީހަކަށް ދައްކާތަނުން ހިތްކިޔާފާނެތީ ބިރުގަނޭ" ދާރިއަން ބުނެލިއެވެ. އެއާއެކު އިޝްވާގެ ހުނުމުގެ އަޑު ބާރުވެލިއެވެ.

"އަހަރެންނަށް ކަމުދަނީ ފިރިހެނުން، ސޯ އަންހެނަކު ފެނި ކަމުގޮސްދާނެތޯ ނޯ ޗާންސް... އެނގޭތަ، ތިއައީ އަހަރެން މިއަދު ގުޅަން އުޅެނިކޮށް، އަހަރެން ވެސް ލައިފަށް ޗޭންޖެއް ގެންނަން ގަސްދުކޮށްފިން، ދެން ފެންނައިރު ހުންނާނީ އެހެންގޮތަކަށް، އެހެންވެ ކުރީބައިގަ ހެޑްސްއަޕްއެއް ދިނީ" ފުޅާ ހިނިތުންވުމުގައި އިޝްވާ ވާހަކަދެއްކިއެވެ.

"އަހަންނާ ގުޅުމެއްވޭތަ؟" ނިތްކުރިމަތިން އަތްނަގައި ދާރިއަން އަހާލިއެވެ.

"ނޯ!... އެކަމަކު މީހަކާ ގުޅުމެއްނެތޭ ނުބުނެވޭނެ، ބައެއްފަހަރު އަހަރެމެންނަށް ވެސް ވަރަށްގިނަ ކަންކަން ބަލިމީހުންގެ ކިބައިން ދަސްވޭ، ފަރުވާގައި ދެމީހުންގެ ނަފްސު ވެސް ބައިވެރިވޭ... އަހަރެން ހިތްހަމަޖެހޭ ނިންމުމެއްމީ، ހެޔޮ ބަދަލެއް" ތަފާތު ވިދުމެއް އިޝްވާގެ ލޮލުގައި ވާކަހަލައެވެ.

"ކޮންފަދަ ކަމެއް ކުރަން ތިއުޅެނީ... އަނެއްކާ މެރީކުރަންތަ؟ އަހަރެން ސިންގަލްކޮށް ހުއްޓަ" ދާރިއަންގެ މޫނުން ފާޅުވި އަސަރުތަކުން އިޝްވާއަށް މަޖާވިއެވެ.

"އެކަމާ ދެރަނުވޭ، އިންނާނެ މީހަކު އަދިނެތް... އަހަރެން މިއުޅެނީ ބުރުގާ އަޅަން... މަންމަ ހުރީ ވަރަށް އުފަލުން" އިޝްވާ އުފަލުން ދެއަތްޖަހާލެވުނެވެ. އޭނާގެ ޢާއިލާއަށްފަހު އެ ޚިޔާލު އިޝްވާ ޚިއްޞަކުރި ފުރަތަމަ މީހަކީ ދާރިއަންއެވެ. އޭނާ އިނީ ބުނާނޭ އެއްޗެއް ނޭނގި ހައިރާންކަމުގެ ތެރޭގައެވެ. އެހެން އިރުކޮޅަކު އިނދެފައި މަޑުމަޑުން ބޯޖަހާލިއެވެ.

"ގުޑް... ގުޑް ފޯ ޔޫ..." ދާރިއަން ބުނެލިއެވެ.

"ސޯ ޓެލް މީ... ކިހިނެއްވީ އަސްލު" ދާރިއަންގެ ވާހަކައަށް އިޝްވާ އެނބުރި އައެވެ.

"މިވީ ހަތަރުމަސް ތެރޭ ހަ ފަހަރު މިތަނުން އަންހެންކުއްޖަކު ނުކުންނާތީ ފެނިއްޖެ، މައްސަލައަކީ އެއީ އަހަރެން ހޯދަން ބޭނުންވާ އަންހެންކުއްޖާއަށް ނުވުން... އެކަމަކު ބައެއްފަހަރު އޭނާއާ ވައްތަރުހެން ހީވޭ، މޫނެއް ނުފެނޭ... އެހެންވެގެންނާއެކު މާބޮޑަށް ހަނދާންވަނީ... އިޝް!... އޭނާއަކީ ޚިޔާލީ އަންހެންކުއްޖެއްނޫން" ދާރިއަން ފަޓުލޫނު ޖީބުން ފޯނު ނެގިއެވެ. އޭގައި ހުރި ހޭޒަލްގެ ފޮޓޯތައް އޭނާ ހުޅުވާލިއެވެ. އެ މޫނަށް އައި ބަދަލު އިޝްވާ ދެނެގަތެވެ.

"އަހަންނަށް ވެސް ދައްކަބަލަ" އިޝްވާ ތެދުވެގެން އައިސް ދާރިއަންގެ އަތުން ފޯނު އަތުލިއެވެ. ފޯނުގެ އިސްކުރީނަށް ނަޒަރު ހުއްޓުނު ގޮތަށް އިޝްވާ ގަނޑުވިއެވެ. އެމޫނުގައިވި ސަމާސާގެ އަސަރު ވަގުތުން ފިލައިފިއެވެ. ހޭޒަލްގެ ނަން ދުލުން ކިޔެން އުޅެފައި އޭނާ އެކަމުން މަނާވެގަތެވެ. ދެން އޭނާގެ ނަޒަރު ސޯފާގައި އޮތް ދާރިއަންއަށް ހުއްޓުނެވެ. އޭނާ ސޯފާއިން ތެދުވެ އިށީނެވެ. އިޝްވާއަށް ބަލާލީ ހިނިތުންވުމަކާއެކުއެވެ.

"ކިއުޓް ގޮތެއް ހުރޭ ދޯ... ޝީ އިޒް ވެރީ ސުވީޓް..." ދާރިއަން ބުންޏެވެ. ފާޅުވޭވޭ ހުރި ހިނިތުންވުމާ ހޭޒަލްގެ ޚިޔާލުތައް ގުޅިފައިވާކަން އިޝްވާއަށް ޔަގީންވިއެވެ.

(ނުނިމޭ)