އެމްޑީޕީ

އެމްޑީޕީ ޕްރައިމަރީ: ރ. މީދޫ، އޮޅުވެލިފުށި ޓިކެޓަށް މެންބަރަކު ނޭދޭ!

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ރ. މީދޫ ރަށު ކައުންސިލް އަދި ޅ. އޮޅުވެލިފުށި ކައުންސިލްގެ ޓިކެޓަށް އެއްވެސް މެންބަރަކު ކުރިމަތި ނުލަ އެވެ.

އެ ޕާޓީން މިއަދު ވަނީ ކައުންސިލް ޕްރައިމަރީގައި ވާދަ ކުރާނެ ކެންޑިޑޭޓުންގެ ލިސްޓް އާންމު ކޮށްފަ އެވެ. އެ ލިސްޓްގައި ދެ ރަށެއް ފިޔަވައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ވާދަ ކުރުމަށް އެމްޑީޕީގެ ޓިކެޓަށް އެޕާޓީގެ މެންބަރުން އެދިފައި ވެއެވެ. އެއީ ރ. މީދޫ އަދި ޅ. އޮޅުވެލިފުށި އެވެ. އެ ދެ ރަށު ކައުންސިލަށް ވާދަ ކުރަން އެއްވެސް މެންބަރަކު ފޯމް ހުށައަޅާފައިވާ ކަމަކަށް އާންމުކޮށްފައިވާ ލިސްޓްގައިވެއެވެ.

އެމްޑީޕީގެ އިންތިހާބާބެހޭ ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ވިދާޅުވީ މިހާރު އިއުލާނު ކޮށްފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ކުދިކުދި ބަދަލުތައް އަންނާނެ ކަމަށެވެ. އަދިވެސް މަދު އަދަދަކަށް ފޯމްތައް ޕްރޮސަސް ކުރަމުން ގެންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް ރ. މީދޫ އާއި އޮޅުވެލިފުށި ރަށު ކައުންސިލަށް ވާދަ ކުރުމަށް އެމްޑީޕީގެ ޓިިކެޓަށް މެންބަރު އެދިފައިވާ ކަމެއް ނުވަތަ ނޫން ކަމެއްވެސް މުއިއްޒު ވިދާޅެއް ނުވެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ލިބެނީ 1228 ކެންޑިޑޭޓުންނަށް ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

ރަށު ކައުންސިލްތަކުން އެމްޑީޕީގެ ޓިކެޓް ހޯދުމަށް 1067 މެންބަރުން ވަނީ ފޯމް ހުށައަޅާފަ އެވެ.

ސިޓީ ކައުންސިލްތަކަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް 108 މެންބަރަކު ފޯމް ހުށައަޅާފައިވާއިރު، އަތޮޅު ކައުންސިލްތަކަށް ވާދަކުރުމަށް އެޕާޓީގެ ޓިކެޓް ހޯދުމަށް 53 މެންބަރަކު ވަނީ ފޯމް ހުށައަޅާފައެވެ.

މާލޭގެ މޭޔަރު ކަމަށް ހަތް ބޭފުޅަކު ވާދަކުރައްވައެވެ. އައްޑޫ ސިޓީގެ މޭޔަރު ކަމަށް ތިން ބޭފުޅަކު ވާދަކުރައްވައެވެ. އަދި ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ހަތަރު ބޭފުޅަކު ވާދަ ކުރައްވަ އެވެ.