ހަބަރު

އެމްޑީޕީ ޕްރައިމަރީ: މާލޭގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ހަމަޖައްސައިފި

Jan 30, 2020

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ މާ ސަރަހައްދުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަން އެ ޕާޓީން ކަނޑައަޅައިފި އެވެ.

އެ ގޮތުން މާލޭގެ ހަ ތަނެއްގައި ވޯޓު ފޮށި ބަހައްޓާއިރު، ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި އެއް ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އެ ޕާޓީން ބުންޏެވެ.

ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަން

  • ދަރުބާރުގެ – މާލޭގެ ފޮށިތައް
  • ކަލާފާނު ސްކޫލް – ގއ އަތޮޅު ، ގދ އަތޮޅު، ށ އަތޮޅު، ނ އަތޮޅު
  • މަޖީދިއްޔާ ސްކޫލް – އައްޑޫ ސިޓީ، ވ އަތޮޅު، މ އަތޮޅު، ފ އަތޮޅު، ދ އަތޮޅު
  • އިމާދުއްދީން ސްކޫލް – ހއ އަތޮޅު، ހދ އަތޮޅު، ކ އަތޮޅު، އއ އަތޮޅު، އދ އަތޮޅު
  • އިސްކަންދަރު ސްކޫލް – ފުވައްމުލައް ސިޓީ، ރ އަތޮޅު، ބ އަތޮޅު، ޅ އަތޮޅު
  • އެމްޑީޕީ ހަރުގެ – ތ އަތޮޅު، ލ އަތޮޅު
  • މުޙިއްޔިއްދީން ސްކޫލް – ވިލިމާލެ
  • ރެހެންދި ސްކޫލް – ހުޅުމާލެ

އެމްޑީޕީން މީގެ ކުރިން ބުނެފައިވާ ގޮތުން 90،000 އަށްވުރެ ގިނަ މީހުނަށް އެ ޕާޓީގެ ޕްރައިމަރީގައި ވޯޓު ލެވެ އެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި އެ ޕްރައިމަރީގައި 1246 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުން ލާޒިމުކޮށްފައިވާތީ 370 ގޮނޑިއަށް އިންތިހާބު ކުރާނީ އަންހެނުންނެވެ. އަދި ކައުންސިލްތަކުގެ އަންހެނުންގެ ކޮމިޓީއަށް 930 މެންބަރުން ވެސް އެ ދުވަހު އިންތިހާބު ކުރާނެ އެވެ.

އެމްޑީޕީގެ އިތުރުން، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އަދި އިދިކޮޅު ޕީޕީއެމްވެސް އަންނަނީ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ޕީޕީއެމްގެ ޕްރައިމަރީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޖޭޕީ ޕްރައިމަރީ ތާވަލުކޮށްފައިވަނީ ފެބްރުއަރީ 12 ވަނަ ދުވަހަށެވެ.