އެމްޑީޕީ

އަމިއްލައަށް ވާދަކުރާ ނަމަ އެމްޑީޕީން ވަކިކުރަން ނިންމައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރެ އަމިއްލަ ގޮތުން ވާދަކުރާ މީހުން އެ ޕާޓީން ވަކި ކުރަން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ޕްރައިމަރީން ނާކާމިޔާބުވި މީހުންގެ ތެރެއިން ކައުންސިލް އިންތިހާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ މީހަކާއި، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރެ އެ އިންތިހާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ މީހަކު ވެސް އެ ޕާޓީގެ މެންބަރު ކަމުން ވަކި ކުރަން ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މި ގޮތަށް އެ ކޮމިޓީން ނިންމީ، އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބެ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އެ ގޮތަށް ބައެއް މީހުން އަމަލު ކުރަމުންދާ ކަމުގެ ޝަކުވާ އެ ކޮމިޓީއަށް ލިބުމުން އެ މައްސަލަ އެ ކޮމިޓީން ބެލުމަށް ފަހު އެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވެސް އެމްޑީޕީގެ މެންބަރަކު އަމިއްލަ ގޮތުން ވާދަ ކުރާނަމަ އެ މީހަކު ވެސް ވަކި ކުރަން ނިންމާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން 876 ކެންޑިޑޭޓުން ކުރިމަތިލި އެވެ. އޭގެ ތެރެއިން 13 ކެންޑިޑޭޓަކު ވަނީ އެހެން މީހަކު އެ މަގާމަށް ވާދަނުކުރާތީ އިންތިހާބު ކަށަވަރުކޮށްފަ އެވެ.

އެ އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރެ އެވެ. އޭގެ ތެރެއިން 370 ގޮނޑިއަށް އިންތިހާބު ކުރަނީ އަންހެނުންނެވެ. މި އިންތިހާބުގައި ވާދަވެރި ކަމެއް އޮތީ ބޮޑު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްއާ ދެމެދުގަ އެވެ.