އީގަލްސް

ބޮބީ އެނބުރި އީގަލްސް އަށް

ދެހާސް ސަތާރަ ވަނަ އަހަރު ކްލަބު އީގަލްސްއިން ފުރަތަމަ ޑިވިޝަންގައި ކުޅެން ފެށި، ރިހާމް އަބްދުލް ޣަނީ (ބޮބީ) އެނބުރި އީގަލްސް އަށް ބަދަލު ވެއްޖެ އެވެ.

އީގަލްސްގެ އޭރުގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) 2017 ވަނަ އަހަރު ބުނެފައި ވަނީ ބޮބީ އަކީ ގައުމީ ޓީމަށް ވެސް އުންމީދެއް ކަމަށެވެ. މާލޭ ލީގްގެ ވަކި ހިސާބަކުން، އީގަލްސްއިން ވަނީ ބޮބީ ޓީމުން އެކަހެރި ކޮށްފަ އެވެ. އެއީ ކުލަބަށް ނާންގައި ފުޓްސަލް މުބާރާތެއްގައި ވާދަ ކުރުމުންނެވެ. އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް އީގަލްސް ކޮލިފައި ނުވުމުން، ދިވެހި ޕްރިމިއާ ލީގްގައި އީގަލްސްގެ ކުޅުންތެރިންނާއެކު އޭނާ ބަދަލުވީ ދިވެހި ޕްރިމިއާ ލީގްގައި އެ އަހަރު ވާދަ ކުރި ގދ. ތިނަދޫގެ ޓީމަށެވެ.

ޖެހިގެން އައި 2018 އަހަރު އޭނާ ބަދަލުވީ، ނިއު ރޭޑިއަންޓަށެވެ. ނިއު ރޭޑިއަންޓުން މާލޭ ލީގްގެ ޗެމްޕިއަންކަން ހޯދިއިރު ބޮބީ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި އޭއެފްސީ ކަޕްގައި ވެސް އޭނާ ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މި ސީޒަންގައި އޭނާ ބަދަލުވީ ގުރީން ސްޓްރީޓަށެވެ. ބޮބީ ގުރީންއަށް ސޮއި ކުރުމަށް ބޭއްވި ރައްމިއްޔާތުގައި އެ ޓީމުގެ ކޯޗް އަލީ ސުޒޭން ބުނީ، ހަމައެކަނި ފުރަތަމަ 11 އިން ޖާގަ ހޯދުމުގެ ވިސްނުން ގެންގުޅުމުގެ ބަދަލުގައި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އުހަށް ދާން ބޮބީ ވިސްނުން ގެންގުޅެން ޖެހޭ ކަމަށެވެ.

"ބޮބީ އަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ނުވެވެންވީ ސަބަބެއް ނެތް، އޭނާގެ އުމުރާއި ޓެލެންޓަށް ބަލާފައި، ބޮބީ އަމާޒު ކުރަންވީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމަށް." ސުޒޭން ބުނެފައި ވެއެވެ.

ބޮބީ އަކީ، ޖަނަވަރީ ޓްރާންސްފާގައި އީގަލްސްއަށް ބަދަލުވި ތިން ވަނަ ކުޅުންތެރިޔާ އެވެ. ފ. ނިލަންދޫގެ ޖަޕާންގެ މިޑްފީލްޑަރު ޓޮށިކީ އޮކަމޯޓާ (ޓޮށީ) އާއި ށ. ފޯކައިދޫ ޓީމުގެ ހަސަން ނަޒީމް (ޗޯޓް) ވަނީ މިދިޔަ ހަފުތާގައި އީގަލްސްއަށް ބަދަލު ވެފަ އެވެ. ގުރީން ދޫކޮށް އީގަލްސްއަށް ބޮބީ ބަދަލުވިއރު، އީގަލްސްގެ ޒުވާން ކީޕަރު ހަސަން އަލީފް އިބްރާހިމް ވަނީ ގުރީންއަށް ބަދަލުވެފަ އެވެ.