ހަބަރު

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޕްރިންސިޕަލް ބަންދަށް

ނ. މާޅެންދޫގައި ފުލުހުން ހިނގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ ފަސް ގްރާމްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ އުމުރުން 49 އަހަރުގެ މީހެއް ކަމަށެވެ. އޭނާއަކީ ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ މާޅެންދޫ ސުކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމް އެވެ. އޭނާއަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ތައުލީމީ ދާއިރާގައި ހިދުމަތް ކުރަމުން ގެންދަވާ ބޭފުޅެކެވެ.

ފުލުހުން ބުނީ ޔޫސުފް އާދަމްގެ ބަންދާމެދު ގޮތް ނިންމަން ލަންދޫ ކޯޓަށް ހާޒިރުކުރުމުން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ޔޫސުފް، މަސްތުވާތަކެއްޗާއެކު ހައްޔަރުކުރިކަން ފުލުުހުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ.