ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބޭނުންވަނީ ބޮޑު މެޖޯރިޓީއެއް އެމްޑީޕީން ހޯދުން: ރައީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ހޯދަން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ލޯކަަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކެންޕެއިން ފަށާފައިވާއިރު، އުތުރުގެ މަހާސިންތާ ފެށުމުގެ ކުރިން ރައީސް ނަޝީދު އިސްވެ ހުންނަވާ ތިލަދުންމަތީ ދެ ބުރީގެ ރަށްތަކަށް ގެންދަވަނީ ޒިޔާރަތް ކުރައްވަމުންނެވެ. ހއ ގެ ރަށްތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު ހދ ގެ ރަށްތަކަށް މިއަދު އެމްޑީޕީގެ ޓީމުން ގެންދަނީ ޒިޔާރަތް ކުރަމުންނެވެ.

ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ޓީމާ މީގެ ކުޑައިރުކޮޅެއްގެ ކުރިން ގުޅިވަޑައިގެންފައެވެ. އެމްޑީޕީގެ މެންބަރުން ތިއްބެވި ބޯޓަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނާއި ވަރަށް ކުރުކޮށް ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުވެސް އެމްޑީޕީގެ ކެންޕެއިން ޓީމާއި ގުޅިވަޑައިގަތީ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ހޯދަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ވެގެންދާނީ އެ ސިޔާސަތުތައް ގަބޫލުކުރާ ބަޔަކު ކައުންސިލް މެންބަރުންގެ ގޮތުގައި އިންތިހާބު ކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު މެޖޯރިޓީއެއް، ބޮޑު އަގްލަބިއްޔަތެއް އެމްޑީޕީއަށް ހޯދުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒު ވެގެންދާނީ އެކަން ގަބޫލުކުރާ ބަޔަކު ކައުންސިލްތަކަށް އިންތިހާބު ކޮށްގެން. އެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް ކާމިޔާބުވާނެ." އެމްޑީޕީގެ މެންބަރުން ތިއްބެވި ބޯޓަށް އަރާވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހާއި، ރައީސް ނަޝީދު މިރޭގެ ވަގުތެއްގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވާނެއެވެ. އުުތުރުގެ މަހާސިންތާ އޮންނާނީވެސް ކުޅުދުއްފުށީގައެވެ.