ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންމެ އިސްކަން ދެނީ ދަތުރުފަތުރުގެ ނިޒާމަށް: ރައީސް

Jan 15, 2020
1

ސަރުކާރުން އެންމެ އިސްކަން ދެއްވާ ކަންތައްތަކުގެ ތެރޭގައި އަތޮޅުތެރޭގައި ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ތަރައްގީކުރުން ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް ކައުންސިލް އިންތިހާބުގައި ކާމިޔާބު ހޯއްދަވައިދެއްވުމަށް އެމްޑީޕީގެ އިސްވެރިންނާއެކު އުތުރަށް ކުރައްވާ ދަތުރުފުޅުގައި ހދ. ވައިކަރަދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތިލަދުންމަތީގައި ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް އަދިވެސް ނެތް ކަމަށެވެ. މިހާރު އެ ސަރަހައްދުގައި ހިދުމަތް ދެމުން ގެންދާ ސަރުކާރުގެ ވިޔަފާރި ކުންފުނި އެމްޓީސީސީއަށް އެ މަސައްކަތް އެންމެ ރަނގަޅަަށް ނުކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ އިސްކަން ދެނީ ދަތުރުފަތުރުގެ ނިޒާމް ތަރައްގީ ކުރުމަށް ކަމަށާ ތިލަދުންމަތީގައި އެކަންކަން ރަނގަޅަށް ހިނގާ މަންޒަރު ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.

"ދަތުރުފަތުރުގެ ނިޒާމް، މައްސަލައެއް އެބައޮތް މި ރަށުގައި. އަޅުގަނޑު ހިތުން އެމްޓީސީސީން ކުރަމުން ގެންދާ ފެރީގެ ދަތުުރުތައް އެންމެ ރަނގަޅަކަށް ހިދުމަތްތެއް ނުދެވޭ. އަޅުގަނޑުމެންގެ މިއަހަރުގެ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދަތުރުފަތުރުގެ ނިޒާމް ތަރައްގީ ކުރުން. އެގޮތުން ތިލަދުންމަތީގައި އަމަލީގޮތުން އެ މަސައްކަތް ފެށިގެންދާ މަންޒަރު ފެނިގެންދާނެ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހދ. ގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ހޮޑައިދޫ އާއި ކުޑަފަރު ފަސްގަނޑު ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް ބިޑަށް ލުމަށް ތައްޔާރުވަމުންދާ ކަމަށެވެ.