ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް، އިތުރު ބަޔަކާއެކު ކެންޕެއިން ނުުކުރައްވާނެ: ނަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އިތުރު ބަޔަކާއެކު ކެންޕެއިން ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ހަވީރު ހދ. ވައިކަރަދޫއަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީީޕީން ދިވެހި ރައްޔިތުންނަށް ގެނެސްދިން އެއްޗެއް ކަމަށާ އެހެން ބަޔަކަށް އެކަން ކުރަން ނޭންގޭނެ ކަމަށެވެ. އަދި އަމުދުން އިދިކޮޅުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ ވެރިކަމުގައި ތިބެ ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލުމަށް އެތައް އެތައް މަސައްކަތްތަކެއް ކޮށްފައިވާ ބައެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބަށް ހަގީގީ ކެންޕެއިނެއް ކުރާނީވެސް އެމްޑީޕީން އެކަނި ކަމަށާ އެމްޑީޕީން އެ ކެންޕެއިން ހިންގާނީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ނޫން ކަމަށެވެ. އަދި ރައީސް ސޯލިހާ ދެ ބޭފުޅުން މަސައްކަތް ކުރައްވާނީ އެ ގޮތުގައި ކަމަށް ވިދާޅުވެ ރައީސް ސޯލިހާއި އެމަނިކުފާނު މަސައްކަތް ކުރައްވާނީ އެކުގައި އެމްޑީޕީއާއެކު ކަމަށް ވިދާޅުވިއެވެ. ރައީސް ސޯލިހް އިތުރު ބަޔަކާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެ އެހެން އެއްޗެއް ބޭނުން ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އިންތިހާބަށް [ލޯކަލް ކައުންސިލް އިންތިހާބު] މި ކެންޕެއިންވެސް ހިންގާނީ. އަދި އަޅުގަނޑުމެން ހިންގާނީ އެ ބޭފުޅުންނާ ހިލާފަށް ދައުލަތުގެ އެއްޗެއްސަކުވެސް ނޫން. ރައީސުލްޖުމްހޫރިއްޔާވެސް އެކަން ކުރައްވާނީ، އަޅުގަނޑުމެން ދެ މީހުންވެސް މިކަންކުރާނީ އެކީގައި، މި ޕާޓީ [އެމްޑީޕީ] އާ އެކީ. އިތުރު ބަޔަކާއެކުގައެއް ނޫން. އަޅުގަނޑުމެން ބޭނުމެއް ނޫން އެހެން އެއްޗެއް. އަޅުގަނޑުމެން ހަމައެކަނި ބޭނުމީ ތި ބޭފުޅުން. އަޅުގަނޑުމެން މި ތިބީ ތާއަބަަދަށް ތި ބޭފުޅުންނާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެރިކަމަށް އައުމަށް ސިޔާސީ ޕާޓީތަކުން އެއްބަސްވީ އެއްބަސްވުމުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގުޅިގެން ވާދަކުރުމާއި، 2019 ގައި މަޖިލީސް އިންތިހާބަށް އެކުއެކީގައި ނިކުތުމާއި 2020 ގައި ކައުންސިލްތަކުގެ ގޮނޑިތައް ހޯދަން އެކީގައި ތިބުމަށް ވައުދުވީނަމަވެސް ޕާޓީތަކަށް އެކަން ހާސިލްކުރެވިފައެއް ނުވެއެވެ.

އަދި ނިމިގެންދިޔަ މަޖިލީސް އިންތިހާބުގައި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ކެންޑިޑޭޓުންނާ ދެކޮޅަށް ރައީސް ސޯލިހްވެސް ވަނީ މަސައްކަތް ކުރައްވާފައެވެ. އެކަމާއި ގުޅިގެން އެޕާޓީތަކުގެ މެންބަރުން ކަންބޮޑުވުން ފާޅުކުރިއެވެ.

މިފަހުން ދެ ފަހަރެއްގެ މަތިން ރައީސް ނަޝީދު ވަނީ ކޯލިޝަން އުވާލުމަށް ހިތްވަރު ދެއްވާ، ސަރުކާރު ހިންގަން ބޭނުންވަނީ އެމްޑީޕީން އެކަނި ކަމަށް ވިދާޅުވެފައެވެ.