ހަބަރު

ގުރޫޕް މާރާމާރީއެއްގައި އަނެއްކާވެސް ޒުވާނަކަށް އަނިޔާ ކޮށްފި

ގުރޫޕް މާރާމާރީއެއްގައި އަނެއްކާވެސް ޒުވާނަކަށް އަނިޔާ ކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ބޮޑުތަކުރުފާނު މަގުގައި ޑޮލަރު އޭޓީއެމް ހުންނަ ސަރަހައްދުގައި ގުރޫޕް މާރާމާރީއެއް ހިނގިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މާރާމާރީގައި އުމުރުން 23 އަހަރުގެ ޒުވާނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ޒުވާނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި މާރާމާރީގެ އިތުރު ތަފްސީލެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މާރާމާރާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މާރާމާރީއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައި މަރާމާތަށް ބަންދު ކޮށްފައިވާ ފޮރިން މިނިސްޓްރީ އިމާރާތް ކައިރީގައި މި މަހުގެ ނުވަ ވަނަ ދުވަހު ރޭ ދަންވަރުވެސް ގުރޫޕަކުން ވަނީ ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އެ މާރާމާރީގެ ވީޑިއޯވެސް އާންމުވެފައިވާއިރު 10 މީހުންގެ ގުރޫޕަކުން އެ ޒުވާނާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އަދި ސައިކަލަކުން އެޒުވާނާގެ ގައިގައި ޖައްސާ މަންޒަރުވެސް ފެނެއެވެ.

އެ މާރާމާރީއާއި ގުޅިގެން މިހާތަނަށް އައް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ހަ މީހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން މިއަދުއެވެ.