ހަބަރު

ޝާހިދު ބޭރު ދެ ގައުމެއްގެ ހާރިޖީ ވަޒީރުންނާއި ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ބޭރު ދެ ގައުމެއްގެ ޙާރިޖީ ވަޒީރުންނާއި ބައްދަލު ކުރައްވައިފި އެވެ.

ރައިޒީނާ ޑައިލޮގްގައި ތަގްރީރުކުރެއްވުމަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަބްދުﷲ ޝާހިދު، ބައްދަލުކުރައްވާފައިވަނީ، ޗެކް ރިޕަބްލިކްގެ ޚާރިޖީ ވަޒީރު ތޮމަސް ޕެޓްރިޗެކް އާއި، ލެޓްވިއާގެ ހާރިޖީ ވަޒީރު އެޑްގަރސް ރިންކެވިކްސްއާއެވެ. އެއީ އެ ދެބޭފުޅުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

އެދެ ބޭފުޅުންނާއެކު ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުންތަކުގައި މިނިސްޓަރ ޝާހިދު ވަނީ ޔޫރަޕިއަން ޔޫނިއަން އާއި، ޔޫރަޕްގެ ގައުމުތަކާއިއެކި އޮންނަ ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހި ރާއްޖެއާއި ޔޫރަޕާ ދެމެދު ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް، ދިވެހިންނަށް ފަސޭހަކަމާއިއެކު ޔޫރަޕަށް ދަތުރުކުރުމުގެ ފުރުސަތު ލިބުމުގެ މުހިއްމުކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ މިއަދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާވެސް ދިއްލީގައި ބައްދަލުކުރައްވާފަ އެވެ. ދިވެހިރާއްޖެ އަލުން އަނބުރާ ކޮމަންވެލްތުގެ ގައުމަކަށް ވުމަށް މެމްބަރު އެއްވެސް ގައުމަކުން ދެކޮޅު ނަހަދާކަން އޭނާ ވަނީ މިނިސްޓަރަށް އަންގަވާފައެވެ. އަދި ކޮމަންވެލްތަށް އަލުން އަނބުރާ ވަނުމަށް ރަސްމީކޮށް ހުށަހެޅުމަށްވެސް އެކަމަނާ ވަނީ ދައުވަތު ދެއްވާފަ އެވެ.